ރަޝިއާގެ އުދުވާނީ ހަމަލާއަކުން ޔޫކްރެއިން ސަލާމަތް ކުރުމަށް އެހީތެރި ވެދިނުމުގެ ގޮތުން، ރަޝިއާއާއި ދެކޮޅަށް އަޅާ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރުމަށް އެހީތެރިވެދޭ ގާނުނެއް ގާނޫނުހަދާ މަޖިލިހަށް ހުށަހެޅުމަށް އިނގިރޭސި ސަރުކާރުން ނިންމާފައިވާ ކަމަށް ފޮރިންގ ސެކެޓްރީ ލިޒް ޓްރަސް ވިދާޅު ވެއްޖެއެވެ.
"ކްރެމްލިއަށް އެހީތެރިވެދޭ، އަދި ރަޝިއާގެ ސަރުކާރަށް ވާގިވެރިވާ ރަޝިއާގެ ކުންފުނިތަކަށް ޓާރގެޓް ކުރެވޭނެ، އަދި ޕުޓިންގެ ހިޔަނީގައި ފިލައި ނުތިބެވޭނެކަން ޔަގީން ކުރެވޭނެ،" އޭނާ ވިދާޅުވެފައި ވެއެވެ.
ރަޝިއާއިން އެގައުމުގެ އެތައް ހާސް ސިފައިންނެއް ބަރު ހަތިޔާރާއެކު ޔޫކުރެއިންގެ ބޯޑަރު ކައިރިއަށް ޖަމާކުރުމާއި ގުޅިގެން، އެގައުމުން ޔޫކްރެއިންއަށް އަރާ އެގައުމު ހިފަން މަސައްކަތް ކުރަމުންދާކަމަށް ބެލެވި، ދުނިޔޭގެ ބާރުތަކުގެ މެދުގައިވަނީ ބޮޑެތި އުދާސްތަކެއް އުފެދިފައެވެ.
އެހެންނަމެވެސް މިހަފްތާގެ އާދީއްތަ ދުވަހު ރަޝިއާއިން ބުނެފައިވަނީ، އެގައުމުން އެމެރިކައާއެކު، ދެފަރާތުންވެސް އިހުތިރާމް ކުރާ ގުޅުމެއް ބައްވަން ބޭނުންވާ ކަމުގައެވެ. އަދި އެގައުމުން ޔޫކްރެއިންއަށް އަރާ އެގައުމު ހިފަން މަސައްކަތް ކުރަމުން ނުދާކަމަށާއި އެހެންނަމަވެސް، ނޭޓޯއިން ޔޫކްރެއިން އެޖަމާއަތުގެ މެމްބަރަކަށް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ރަޝިއާއިން ވަނީ ބުނެފައެވެ.
ނޭޓޯއިން ބުނެފައިވަނީ، ރަޝިއާއިން ޔޫކްރެއިން އަށް އެރިނަމަވެސް، ނޭޓޯގެ ސިފައިން އެގައުމަށް ފޮނުވުމަށް ނޭޓޯއިން ނިންމާފައި ނުވާ ކަމުގައެވެ.
ރަޝިއާއިން ދަނީ، ސޯވިއެޓް ޔޫނިއަންގައި ކުރިން ހިމެނުނު ގައުމުތައް ނޭޓޯގެ މެމްބަރުންގެ ގޮތުގައި ހެދުމަށް އެޖަމާއަތުން ކުރަމުންދާ މަސައްކަތްތަކާ ވަރަށް ބޮޑަށް ދެކޮޅު ހަދާފައެވެ.
ޔޫކްރެއިން އިންވަނީ، ނޭޓޯގެ މެމްބަރަކަށް ވުމުގެ ހުވަފެން އެތައް އަހަރެއް ވަންދެން ދެކެމުން އައިސްފައެވެ. އެހެންނަމަވެސް، އެގައުމުގެ އެތެރޭގެ ހަމަޖެހުމެއް ނެތުމާއި، އަދި އެގައުމުގައި އާންމުވަނުންދާ ކޮރަޕްޝަންގެ ސަބަބުން އެގައުމު ނޭޓޯގެ މެމްބަރަކަށް ވުން އަދިވަނީ ވަރަށްވެސް ދުރުގައި ކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.
ކޮމެންޓު ފޮނުވާ