ށ. މަތިކޮމަންޑޫ ކަނެކްޓިވިޓީ މަޝްރޫޢުގެ ދަށުން 16.7 ހެކްޓަރުގެ ބިން ހިއްކުމަށް ތައްޔާރުވެއްޖެއެވެ.
އެމްޓީސީސީން ބުނީ ށ. މަތިކޮމަންޑޫ ކަނެކްޓިވިޓީ މަޝްރޫޢުގެ ދަށުން 16.7 ހެކްޓަރުގެ ބިން ހިއްކުމަށް ބޭނުންވާ ވެލި ނެގުމުގެ ހުއްދަ އީޕީއޭއިން ލިބުމާއެކު މަހާ ޖައްރާފަށް ވެލި ބަރުކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަމަށެވެ. އަދި މިރޭގެ ވަގުތެއްގައި ބިން ހިއްކުމުގެ މަސައްކަތް ފަށާނެކަމަށް އެމްޓީސީސީން ބުންޏެވެ. ރައީސުލްޖުމްހޫިރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ވަޢުދުފުޅާ އެއްގޮތަށް ށ.މަތިކޮމަނޑޫގެ ބިންހިއްކާ، ކޮމަންޑުއާ ގުޅާލުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފައިވަނީ މިމަހުގެ 14 ވަނަ ދުވަހުގައެވެ.
ށ. މަތިކޮމަންޑޫ ކަނެކްޓިވިޓީ މަޝްރޫޢުގެ ދަށުން 16.7 ހެކްޓަރުގެ ބިން ހިއްކުމަށް ބޭނުންވާ ވެލި ނެގުމުގެ ހުއްދަ އީ.ޕީ.އޭއިން ލިބުމާއިއެކު މަހާ ޖައްރާފަށް ވެލި ބަރުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އަދި މިރޭގެ ވަގުތެއްގައި ބިން ހިއްކުމުގެ މަސައްކަތް ފެށޭނެއެވެ. pic.twitter.com/aWijLiW6kM
— MTCC Plc (@MTCCPlc) January 30, 2022
ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގެ ނިސްބަތުން ބަލާއިރުވެސް ށ.އަތޮޅު ކޮމަންޑޫއަކީ ބިމުގެ ޖާގައިގެ ގޮތުން އެންމެ ކުޑަ އެއް ރަށެވެ. 9 ހެކްޓަރުގެ އެ ރަށުގެ އާބާދީ ބޮޑުވެ، މުޅި ރަށް ވަނީ މީހުން ދިރިއުޅުމަށް ގޯތި ދޫކޮށް ފުރިފައެވެ. ކޮމަންޑޫގެ އާބާދީ 1900 އަށްވުރެ އިތުރުވިނަމަވެސް އެރަށުގައި ދިރިއުޅޭ އާބާދީ ވަރަށް ކުޑައެވެ. އެގޮތުން އެ ރަށުގައި ދިރިއުޅޭ އާބާދީއަކީ 600 މީހުންނެވެ. ބިމުގެ ޖާގަ ކުޑަވުމާއި، ރަށަށް އަންނަންޖެހޭ ތަރައްޤީ ނައިސް އޮތުމަކީ ރަށުގައި މީހުން އާބާދުވުމަށްވެސް އޮތް އެންމެ ބޮޑު ހުރަހެވެ.
ށ.ކޮމަންޑޫ ޝޯޕްރޮޓެކްޝަން ރެކްޓިފިކޭޝަން މަސައްކަތާއި މަތިކޮމަންޑޫ ގުޅާލާ މަޝްރޫޢުގެ ދަށުން ކޮމަންޑޫގައި 1690 މީޓަރުގެ ޝޯރ ޕްރޮޓެކްޝަން ރެކްޓިފިކޭޝަން މަސައްކަތް ކުރާނެއެވެ. އަދި 16.7 ހެކްޓަރުގެ ބިން މަތިކޮމަންޑޫގައި ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރަށް 1520 މީޓަރުގެ ބޮޑުހިލައިގެ ތޮށި ލުމާއި ޖުމުލަ 353 މީޓަރުގެ ބޮޑުހިލައިގެ ފައިކަށި އަދި 112 މީޓަރުގެ ޖީއޯބޭގް ތޮށި މަތިކޮމަންޑޫގައި ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ.