އެމެރިކާގެ އިތުރުން މުޅި ދުނިޔެވެސް މިހާރު އިންތިޒާރުކުރަމުން ދަނީ ޕެންސިލްވޭނިއާގެ ހުރިހާ ވޯޓެއް ގުނާ ނިމޭނެ ވަގުތަކަށެވެ.
އިންތިޚާބުގެ ވޯޓުލުން ނިމި، ފުރަތަމަ ނަތީޖާ އިއުލާން ކުރެވުނުއިރު 500،000 ވޯޓުގެ ތަފާތުން އެމެރިކާގެ ރައީސް ޓްރަމްޕް ކުރީގައި އޮތް ޕެންސިލްވޭނިއާގެ ވޯޓު ގުނާ ނިމުމަކާ ހަމައަށް އައިއިރު ޖޯ ބައިޑްންއާއި ޑޮނަލްޑް ޓްރަމްޕްއާއި ދެމެދު އޮތް ފަރަގު ކުޑަވަމުންގޮސް އެންމެފަހުގެ ނަތިޖާތައް ދައްކާގޮތުން ބައިޑްން މިހާރު މިސްޓޭޓުގައި އުޅެނީ ޓްރަމްޕަށްވުރެ 5،500 ވޯޓު ކުރީގަައެވެ.
އިލެކްޓޯރަލް ވޯޓުތައް ދެކެޑިޑޭޓުންގެ މެދުގައި މިހާރު ބެހިފައިވާ ގޮތުން ޕެންސިލްވޭނިއާ ކާމިޔާބު ނުކޮށް ޓްރަމްޕަށް އެމެރިކާގެ ރިިޔާސީ އިންތިޚާބު ކާމިޔާބެއް ނުކުރެވޭއެވެ.
އެމެރިކާގެ އިލެކްޝަން އޮފިޝަލުން މައުލޫމާތު ދޭގޮތުގައި ޕެންސިލްވޭނިއާގެ ވޯޓުގެ %98 މިހާރުވަނީ ގުނާ ނިމިފައެވެ.
ޖޯ ބައިޑްންގެ ކެމްޕޭނުން މައުލޫމާތު ދޭގޮތުގައި ބައިޑްން މިހާރު ތައްޔާރުވަމުން ދަނީ މިރޭގެ ވަގުތެއްގައި އެމެރިކާގެ ރައްޔިތުންނާއި މުޚާތަބު ކުރުމަށެވެ. ބެލެވޭގޮތުގައި މި ޚިތާބުގައި ބައިޑްން އިންތިޚާބުގެ ކާމިޔާބީ އިއުލާން ކުރައްވާނެއެވެ.
މިހާރު ނަތީޖާ އިއުލާން ނުކުރެވިވާ ސްޓޭޓުތަކުންވެސް ކުޑަތަފާތަކުން ކުރީގައި އުޅުއްވަނީ ބައިޑްންއެވެ. މިގޮތުން އެރިޒޯނާގައި 43،500 ވޯޓުން ބައިޑްން ކުރީގައި އުޅުއްވާއިރު، ޖޯޖިއާގައި ވެސް ބައިޑްން އުޅުއްވަނީ ވަރަށް ކުޑަ ތަފާތަކުން ކުރީގައެވެ. އެހެންނަމަވެސް، މި ސްޓޭޓުގެ ގާނޫނުތައް ބުނާގޮތުން ދެ ކެޑިޑޭޓުންގެ ދެމެދުގައިވާ ތަފާތު %1 އަށްވުރެ ކުޑަ ނަމަ އަލުން ވޯޓު ގުންނަޖެހޭތީ، މިސްޓޭޓުގެ ވޯޓު މިހާރުވަނީ އަލުން ގޮނާގޮތަށް ހަމަޖެހިފައެވެ.
މީގެ އިތުރުން ނެވާޑާގެ ނަތީޖާއަށް ބަލާއިރު، މިސްޓޭޓުގެ %92 ވޯޓު އެއްކޮށް ގުނާ ނިމިފައިވާ އިރު 22،000 ވޯޓުން ކުރީގައި އުޅެނީ ބައިޑްންއެވެ. މިސްޓޭޓުގައި އަދި ގުނަން ޖެހޭ 190،000 ވޯޓު އެބަހުއްޓެވެ.
އިއުލާން ކުރެވުމުންދާ ނަތީޖާތަކުން ބައިޑްންއަށް ލިބެމުންދާ ކާމީޔާބީ ފާހަގަކޮށް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސާ ޕެލޯސީ ވިދާޅުވެފައިވަނީ، މަތިގެއިން ބައެއް ގޮޑިތައް ގެއްލިގެން ދިޔަ ނަމަވެސް، ބައިޑްންގެ ރިޔާސަތުގައި ސިޔާސަތު ބައްޓަންކުރުމުގައި ޑިމޮކްރަޓިކް ޕާޓީން މުހިންމު ދައުރެއް އަދާކުރަންޖެހޭ ކަމަށް ދެކެވަޑައިގަންވަނާ ކަމަށެވެ.
"ބައެއް ކުރިމަތިލުންތަކުން ބަލިވި ކަމުގައިވި ނަމަވެސް، ހަގުރާމަ ކާމިޔާބު ކުރެވިއްޖެ"، ގާނޫނު ހަދާ މަޖިލީހުގެ މަތިގޭގެ ބައެއް ގޮޑިތައް ގެއްލި އެހެންނަމަވެސް ބައިޑްންއަށް ލިބެމުންދާ ކާމިޔާބީއަށް ނިސްބަތްކޮށް ޕޮލޯސީ ވިދާޅުވިއެވެ.
މި އިންތިޚާބު ޖޯބައިޑްން ކާމިޔާބު ކުރައްވައިފިނަމަ ބައިޑްން ވެގެންދާނީ މުޅި އެމެރިކާގެ ތާރީޚުގައިވެސް އެންމް ގިނަ ވޯޓު ހޯއްދަވައިގެން އެމެރިކާގެ ރައީސްކަމަށް ވަޑައިގަންނަވާ ބޭފުޅާއަށެވެ. މިއީ މިހާތަނަށް އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ ދަމަހައްޓަމުން އައި ރެކޯޑެކެވެ.
ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި 71 މިލިއަނަށްވުރެ ގިނަ ވޯޓު ބައިޑްންއަށް ލިބިގެން ދިޔަ ދިއުމަކީ މިހާ ބޮޑު އަޢުލަބިއްޔަތަކުން ބައިޑްން ބަލައިގަތް ގަތުމެއްގެ ބަދަލުގައި އެމެރިކާގެ ގިނަ ރައްޔިތުން ޓްރަމްޕަށް ނޫނެކޭ ބުނި ބުނުމެއްގެ ގޮތުގައި މާނަކުރެވިގެން ދާނެއެވެ.
މީގެ އިތުރުން ބައިޑްން އެމެރިކާގެ ރައީސްކަމަށް އިންތިޚާބު ވެގެން ދިއުން ވެގެންދާނީ މީގެ 30 އަހަރު ކުރިން ފެށިގެން އޭނާ ދެކެމުން އައި ހުވަފެނުގައި ހަގިގީ ކުލަ ޖެހިގެންދާ ދިއުމެއްގެ ގޮތުގައެވެ.