ތުރުކީގެ ފޮރިން މިނިސްޓަރު މެވްލުތް ޗަވުޝޯލޫ ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގެންފިއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން މެވްލުތް ޗަވުޝޯލޫ އަށް މަރުހަބާ ދެންނެވީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއެވެ. މިނިސްޓަރު މެވްލުތުގެ ދަތުރުފުޅަކީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަދި އދ.ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ ދައުވަތަކަށް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅެކެވެ.
ތުރުކީވިލާތުގެ ޚާރިޖީ ވަޒީރު މެވްލުތު ޗަވުޝޯލޯ ރާއްޖެއަށް މިއަދު ފަށްޓެވި ދަތުރުފުޅުގައި ދެޤައުމުގެ ގުޅުން އެކި ދާއިރާތަކުން ބަދަހިކުރުމަށް ފަސް އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ރާއްޖޭގެ ފޮރިން މިނިސްޓްރީން ވިދާޅުވީ ތުރުކީގެ ޚާރިޖީ ވަޒީރުގެ ދަތުރުފުޅުގައި ރާއްޖެއާއި ތުރުކީވިލާތާ ދެމެދު ބާއްވަވާ ރަސްމީ މަޝްވަރާތައް އޮންނާނީ އަންނަ އާދީއްތަ ދުވަހުކަމަށެވެ. އަދި އެ މަޝްވަރާތަކަށްފަހު ދެ ޤައުމުގެ ދެމެދު ފަސް ދާއިރާއަކުން ގުޅުން ބަދަހިކުރުމަށް އެއްބަސްވުން އެކުލަވާލާނެކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.
ދެޤައުމުގެ ދެމެދު އެކުލަވާލާ އެއްބަސްވުންތަކުގެ ތެރޭގައި ވިޔަފާރިއާއި އެނޫންވެސް ދާއިރާތައް ހިމެނޭކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.
ތުރުކީވިލާތުގެ ޚާރިޖީ ވަޒީރު ރާއްޖެއަށް ކުރައްވާ ދަތުރުފުޅަކީ ރާއްޖޭގެ ޚަރިޖީ ވަޒީރު ޢަބްދުﷲ ޝާހިދުގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއާވެސް ބައްދަލު ކުރައްވާނެކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ. ރާއްޖޭގެ ފޮރިން މިނިސްޓަރުގެ ދަޢުވަތަކަށް މިދިޔަމަހު ވަނީ ޗައިނާގެ ޚާރިޖީ ވަޒީރުވެސް ރާއްޖެއަށް ވަޑައިގެންފައެވެ.