ހުޅަގުގެ ގައުމުތަކާއި ރަޝިއާއިމެދު އުފެދިފައިވާ ޔޫކްރެއިންގެ މައްސަލާގައިގައި، މީގެ ހަފްތާއެއް ކުރިން ރަޝިއާއިން ޑިމާންޑްކޮށްފައިވާ ސެކިއުރިޓީގެ ޑިމާންޑްތަކަށް އެމެރިކާއާއި ނޭޓޯއިން ޖަވާބުދާރީ ވެއްޖެއެވެ.
ރަޝިއާއިން ޑިމާންޑް ކޮށްފައިވާ ސެކިއުރީގެ ގެރެންޓީއާއި ގުޅިގެން އެމެރިކާ އަދި ނޭޓޯއިން ޖަވާބުދާރީ ވުމާއި ގުޅިގެން މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓިފައިވާ ޔޫކްރެއިންގެ މައްސަލާގައި ގިނަބަޔަކު މިހާރު އިންތިޒާރު ކުރަމުން ދަނީ، ހުޅަގުގެ ބާރުތަކުގެ ހުށަހެޅުންތައް ދިރާސާ ކުރުމަށްފަހު ރަޝިއާއިން ދެން އަމަލުކުރާނެ ގޮތަކަށެވެ.
ފާއިތުވެދިޔަ އަހަރުގެ ޑިސެމްބަރުމަހުން ފެށިގެން، ކުރީގެ ސޯވިއެއްޓް ޔޫނިއަންގެ ގައުމެއް ކަމުގައިވާ ޔޫކްރެއިންގެ ބޯޑަރު ކައިރިއަށް އެތައްހާސް ސިފައިނާއި ބަރު ހަތިޔާރު ޖަމާކުރުމަށްފަހު، ރަޝިއާއިން ޑިމާންޑް ކޮށްފައިވަނީ، ނޭޓޯއިން އެޖަމާއަތުގެ ސިފައިންނާއި އަދި ހަތިޔާރު އިރުމަތީ ޔޫރަޕްގެ ސަރަހައްދުން ދުރަށް ޖެއްސުމަށާއި އަދި އޭގެ އިތުރުން ރަޝިއާއި އިންވެގެން އޮތް ޔޫކްރެއިން އަކީ ދުވަހަކުވެސް ނޭޓޯގެ މެމްބަރަކަށް ނުވެވޭނެ ކަމުގައި ޔަގީންކަން ދިނުމަށެވެ.
އެހެންނަމަވެސް، ރަޝިއާގެ މި ޑިމާންޑްތަކަށް، މޮސްކޯގައި ހުންނަވާ އެމެރިކާގެ ސަފީރު މެދުވެރިކޮށް ބުދަ ދުވަހު ލިޔުމުން އެރުވި ޖަވާބުގައި ވާނެކަމަށް އެނެރިކާއިން ބުނެފައިވަނީ، ނޭޓޯއަށް ވަނުމަށް ހުރިހާ ގައުމަކަށް ފުރުސަތު ހުޅުވާފައި އޮންނަ ސިޔާސަތަށް އެގައުމުން ތާޢީދު ކުރާނެކަން ކަމުގައެވެ.
އެމެރިކާއިން ރަޝިއާއަށް ލިޔުމުން ޖަވާބު ދިނުމުގެ ކުޑަވަގުތުކޮޅެއް ފަހުން ނޭޓޯއިންވެސް ރަޝިއާގެ ސެކިއިރިޓީ ޑިމާންޑްތަކަށް އެޖަމާއަތުގެ ޖަވާބު ލިޔުމުން އަރުވާފައިވާނެކަމަށް އެޖަމާއަތުންވެސް ވަނީ ބުނެފައެވެ.
އެޓްލާންޓިކް ސަރަހައްދު ހުރަސްކޮށް ފުޅާވަމުންދާ، ސަލާމަތާއި ގުޅުންހުރި އިއްތިހާދު، ނޭޓޯ އިތުރަށް ފުޅާވެގެން ދިޔަ ނުދިނުމަށް ރަޝިއާއިން ކުރި މަސައްކަތް ނާކާމިޔާބުވެގެން ގޮސްފައިވާކަމަށް ބެލެވުނުނަމަވެސް، އެމެރިކާއިން ބުނެފައިވަނީ، މޮސްކޯގެ ކަންބޮޑުވުންތަކަށް ޑިޕްލޮމެޓިކް ހައްލު ހޯދުމުގެ ގޮތުން ހަތިޔާރުތައް މަދުކުރުމާއި އަދި އިތުބާރު އުފެއްދުމަށްޓަކާ އިތުރަށް މަޝްވަރާކުރުމަށް ތައްޔާރަށް އޮތް ކަމުގައެވެ.
ރަޝިއާއާއި ހުލަގުގެ ބާރުތަކާ ދެމެދު އުފެދިފައިވާ އުދާސްތައް ހައްލުނުވެ، ރަޝިއާއިން ޔޫކްރެއިން ބޯޑަރު ކައިރިއަށް އެގައުމުގެ ފައުޖުތައް ޖަމާކޮށްފައިވާއިރު، ރަޝިއާގެ ރައީސް ޕުޓިންގ ގާތް ފަރާތެއް ކަމުގައިވާ، އެގައުމުގެ ކުރީގެ ރައީސް ޑާމިޓްރީ މެޑްވެޑޭވް ވަނީ އެމެރިކާއާއި ރަޝިއާއި ދެމެދު އުފެދިފައިވާ ޚިޔާލު ތަފާތުވުންތައް ހައްލުކުރުމަށް މަޝްވަރާ ކުރުމަށް ގޮވާލައްވާފައެވެ.
ރަޝިއާއިން ޔޫކްރެއިންއަށް އަސްކަރީ ހަމަލާދީ، ރަޝިއާ ސިފައިން އެގައުމަށް އަރާނެކަމުގެ ބިރު އިންތިހާއަށް ބޮޑުވެފައި ވަނިކޮށް، ޔޫކްރެއިންގައި ތިބި އެމެރިކާގެ ޑިޕްލޮމޭޓުންނާއި އަދި އެމެރިކާގެ ރައްޔިތުން ޔޫކްރެއިން ދޫކޮށް ދިއުމަށް އެމެރާއިން ވަނީ އިލްތިމާސް ކޮށްފައެވެ.
ރަޝިއާގެ ރައީސް ލާޑިމިރު ޕުޓިންގެ އަމުރަށް ރަޝިއާ ސިފައިން ޔޫކްރެއިން އަރާނެކަމަށް އެމެރިކާއިން ބުނަމުންދާ ދިއުމާގުޅިގެން ބައިނަލް އަގުވާމީ މުޖުތަމައުގައިވަނީ އިންތިހާއަށް ކަންބޮޑުވުން އުފެދިފައެވެ.
ޔޫކުރެއިންގެ ބޯޑަރު ކަރިއަށް ރަޝިއާގެ އެތައް ހާސް ސިފައިންނެއް ޖަމާކުރަމުން ދިއުމާ ގުޅިގެން، ރަޝިއާއިން ޔޫކުރެއިންއަށް އެރުމަށް ރާވަމުންދާ ކަމުގެ ކަންބޮޑުވުން ހުޅަގުގެ ގައުމުތަކުގެ މެދުގައިވަނީ އުފެދިގެން ގޮސްފައި ވާއިރު، އެމެރިކާއިންވަނީ، ރަޝިއާއިން ޔޫކްރެއިންއަށް އަރައިފިނަމަ، ހީވެސް ނުކުރާވަރުގެ ވަރުގަދަ ދަތިކުރުމުގެ ފިޔަވަޅު އެގައުމާ ދެކޮޅަށް އަޅާނެކަމުގެ އިންޒާރު ދީފައެވެ
އެހެންނަމަވެސް ޔޫކްރެއިންއަށް ހަމަލާދިނުމަށް ރަޝިއާއިން ތައްޔާރުވަމުން ދާކަމަށް ކުރެވެމުންދާ ތުހުމަތުތައް އެގައުމުންވަނީ ދޮގު ކޮށްފައެވެ. އަދި ރަޝިއާއިން ބުނެފައިވަނީ، ޔޫކްރެއިން ބޯޑަރު ކައިރީގައި ކުރިޔަށްދަނީ އެގައުމުގެ އަސްކަރީ ތަމްރީންތައް ކަމަށާއި، އެގައުމުގެ ފަސްގަޑުގެ ކޮންމެ ހިސާބަކަށްވެސް ސިފައިން ޖަމާކުރުމުގެ ހައްގު އެގައުމަށް އޮތް ކަމުގައެވެ.
One Response
ކޮން ފިޔަވަޅެއް އެމެރިކާ އަށް އެޅޭނީ! ޔޫރަޕަށް %90 ގޭސް ސަޕްލައި ކޮއްދެނީ ރަޝިޔާ އިން.. އެކަން ހުއްޓިއްޖެ ނަމަ މިއަންނަ ވިންޓާރ މޫސުމުގަ މުޅި ޔޫރަޕް ގަނޑުވާނެ.. 1945 ގަ ހެޓިލަރު 7 މިލިއަން ސިފައިންނާ 10000 މަތިންދާ ބޯއްޓު ބޭނުން ކޮއްގެން ވެސް ރަޝިޔާ އަށް އަރާ ނުގަނެވުނު. އެތަޖުރިބާ އަށް ބަލާފަ މިއަދު ޖަރުމަނުން އެބުނަނީ ރަޝިޔާގެ ޑިމާންޑް ތަކަށް އިޖާބަ ދޭށޭ.. ޔޫކްރޭން ހިފިޔަސް ނޭޓޯ އަށް ކުރެވޭނެ ކަމެއް ނެއް!! އީޔޫ އަށް ރަޝިޔާ އާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅެންވެސް ނެއް!! އެމެރިކާ މާދުރުގަ އޮވެ ބަޔާން ނެރުނަސް ރަޝާ ބޭނުން ކަމެއް ޔޫރަޕް ގަ ކުރާނެ.