ކޮމަންޑޫ ދާއިރާގެ ތަރައްޤީއަށް މިސަރުކާރުގެ ބާކީ އޮތް ދެ އަހަރުގެ ތެރޭގައި އޮތް ގޮތަކީ ކުރިއަށް އޮތް އިންތިޚާބުގައި އެމްޑީޕީގެ ކެނޑިޑޭޓަސް ވޯޓު ދިނުންކަމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ކޯވިޑްގެ ހާލަތު އެންމެ ގޯސް ދުވަސްވަރުގައިވެސް ކޮމަންޑޫދާއިރާއަށް ކުރިމަތިލާފައިވާ އެމްޑީޕީގެ ކެނޑިޑޭޓަށް ތާއީދު ހޯދުމަށް ޤާސިމް ކުރައްވަމުންދާ ދަތުރުފުޅިގެ ތެރެއިން މަރޮށި ރައްޔިތުންނާއި ބައްދަލު ކުރައްވައި ޤާސިމް ވިދާޅުވީ، އެމްޑީޕީގެ ކެނޑިޑޭޓަށް ވޯޓު ދޭންޖެހޭ އެންމެ ބޮޑު ސަބަބީ މިސަރުކާރަކީ އެމްޑީޕީ ހިމެނޭހެން ކޯލިޝަން ސަރުކާރަކަށް ވުމުންނެވެ.
ކޮމަންޑޫދާއިރާގެ ތަރައްޤީއާއި، ކުރިއެރުން ލިބޭނީ ސަރުކާރާއި، ޚުދު ރައީސުލްޖުމްހޫރިއްޔާގެވެސް ލޯބި ލިބިގެން ކަމަށްވާއިރު، މިފަހަރުގެ އިންތިޚާބުގައި ކޮމަންޑޫ ރައްޔިތުންނަށް އެމްޑީޕީ ކެނޑިޑޭޓް ނޫން ގޮތެއް ނެތްކަމަށެވެ. އެއީ ކޮމަންޑޫ ދާއިރާއަށް ކުރިމަތިލާފައިވަނީ ތިމާގެ މަންމަ ނުވަތަ ބައްޕައަށް ވީނަމަވެސް ދާއިރާގެ ތަރައްޤީއަށްޓަކައި ވޯޓު ދޭންވީ އެމްޑީޕީގެ ކެނޑިޑޭޓަށް ކަމުގައި ޤާސިމް ވިދާޅުވިއެވެ.
މަންމަ ކުރިމަތިލިޔަސް ބައްޕަ ކުރިމަތިލިޔަސް ދާއިރާގެ ތަރައްގީއަށް އޮތް ގޮތަކީ އެމްޑީޕީގެ ކެންޑިޑޭޓަށް ވޯޓުދޭށޭ.
– ޤާސިމް ވިދާޅުވިއެވެ.
ޤާސިމް ވިދާޅުވީ މިއިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ނުވެއްޖެނަމަ، ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ލީޑަރުންވެސް ލަދު ގަންނަންޖެހޭނެ ކަމަށެވެ. ކޯވިޑްގެ މިހާ ހާލަތު ގޯސްވެފައިވާ ދަނޑިވަޅެއްގައިވެސް ކޮމަންޑު ދާއިރާގެ ކެމްޕެއިނަށް ވަޑައިަތީ މިސަބަބުތަކަށް ޓަކައި ކަމަށާއި، މިއިންތިޚާބަކީ ސަރުކާރަށްވެސް މުހިންމު އިންތިޚާބެއްކަމަށެވެ.
ނަމަވެސް ޤާސިމް ވިދާޅުވީ އެމްޑީޕީން މިގޮޑި ނެގުމަށް ބޭނުންވަނީ އެއްވެސް ގޮތަކަށް ގޮޑި މަދުވެގެން ނޫންކަމަށެވެ. މިހާރުވެސް މަޖިލީހުގައި 64 ގޮޑި އޮތްއިރު އިތުރު ގޮޑިއެއް ހޯދުމަކީ މާމުހިންމު ކަމެއް ނޫންކަމަށެވެ. ނަމަވެސް މުހިންމުވަނީ ކޮމަންޑު ދާއިރާއަށް ކަމަށާއި، ކޮމަންޑޫ ދާއިރާގެ ތަރައްޤީ އޮތީ އެމްޑީޕީ ކެނޑިޑޭޓަށް ވޯޓު ލިބިގެންކަމަށް ޤާސިމް ވިދާޅުވިއެވެ.
ކޯވިޑްގެ ހާލަތު ގޯސްވެގެން ޤާސިމަކީ ހައިރިސްކު ބޭފުޅަކަށްވުމުން މަޖިލީހަށް ދޮޅު އަހަރު ވަންދެން ވަޑައިގެންފައި ނުވި ނަމަވެސް ކޯވިޑްގެ ހާލަތު އަނެއްކާވެސް ރާއްޖޭގައި އެންމެ ގޯސްވެފައިވާ ވަގުތު ޤާސިމް މިވަނީ ކޮމަންޑޫ ކެމްޕެއިނަށް ވަޑައިގެންފައެވެ. ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ އިތުރުން އަދާލަތުންވެސް މިއިންތިޚާބުގައި ތާއީދު ކުރަނީ އެމްޑީޕީ ކެނޑިޑޭޓަށެވެ. ނަމަވެސް އެމްއާރުއެމުން މިއިންތިޚާބުގައި އެމްޑީޕީގެ ކެނޑިޑޭޓަށް ތާއީދު ކޮށްފައި ނުވެއެވެ.
އިންތިޚާބާއި ދިމާކޮށް، ކޮމަންޑޫ ދާއިރާއަށް ބޮޑު އީދެއް އައިސްފައިވާއިރު، މިއީ ސީދާ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ހިންގަމުންދާ އަމަލުތަކެއްކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އަދި މިކަން ކަަން ބެލުމަށް އޮތް އޭސީސީވެސް އޮތީ ޤާނޫނީ ހުސްކަމެއްގައެވެ.
ކޮމެންޓު ފޮނުވާ