މިލަދުންމަޑުލު އުތުރުބުރީ ފުނަދޫގައި ޒުވާނުންނަށް ތައްޔާރުކޮށްފައިވާ ޒުވާނުންގެ މަރުކަޒު ޔޫތު މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށްޓަކައި ޤާނޫނަށް ގެނައި ބަދަލުތަކާއިއެކު ރައީސުލްޖުމްހޫރިއްޔާ ޤާނޫނު ތަސްދީގު ކުރި ހިސާބުން، ރަށްރަށުގައި ހުންނަ މިފަދަ އެންމެހައި އިމާރާތްތަކުގެ ބަލަދުވެރި ފަރާތަކީ އެރަށެއްގެ ކައުންސިލެވެ.
ދާދިފަހުން މިނިސްޓަރ މަޚުލޫފްވެސް ވަނީ ށ،ފުނަދޫއަށް ވަޑައިގެންފައެވެ. މިނިސްޓަރ ވަނީ އެދަތުރުގައިވެސް ކައުންސިލުން މާބޮޑު އެއްބާރުލުމެއް ނުދޭކަމަށް ވިދާޅުވެ ޓުވީޓުވެސް ކުރައްވާފައެވެ. ޒުވާނުންގެ މަރުކަޒު ނެގިކަން މިނިސްޓަރ މަހުލޫފް ސޮއިކޮށް ފުނަދޫ ކައުންސިލް ރައީސް އަޙްމަދު އިބްރާހީމްފުޅަށް، ފޮނުވި ސިޓީގައި ބުނެފައިވަނީ ކައުންސިލާ ޙަވާލުކޮށްގެން ހިންގަމުންގެންދާ ޒުވާނުންގެ މަރުކަޒާ ގުޅިގެން ވަރަށް ގިނަ ޝަކުވާތަކެއްދަނީ މިނިސްޓްރީއަށް ލިބެމުން ކަމަށެވެ.
އަދި މީގެ އިތުރުންވެސް މިނިސްޓްރީގެ ހުއްދަނެތި އެތަނުގައިހުރި ބައެއް އިންފްރާސްޓްރަކްޗަރއަށް ބަދަލުތަކެއް ގެނެސްފައިވާކަން، ފުނަދޫއަށް ކުރި ދަތުރުގައިވެސްވަނީ ފާހަގަ ކުރެވިފައި ކަމަށެވެ.
އަދި އެމް.އޯ.ޔޫ އާއި ޚިލާފަށް ގިނަކަންތައްތަކެއް ކޮށްފައިވާކަން ފާހަގަ ކުރެވޭތީ، މިއަދުންފެށިގެން ފުނަދޫ ޒުވާނުންގެ މަރުކަޒު މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ވަނީ އަންގާފައެވެ. މިބަދަލާއިއެކު ކުރިއަށް އޮތްތަނުގައި ޒުވާނުންގެ މަރުކަޒުގެ އެންމެހާކަމެއް ހިންގަމުންގެންދާނީ މިނިސްޓްރީގެ ބެލުމުގެ ދަށުން ކމަަށާއި، އަދި އިޖްތިމާއީ މަރުކަޒު ހިންގުމުގައި އިތުރަށް ކައުންސިލްގެ އެއްބާރުލުން ލިބޭނެ ކަމަށް އުއްމީދުކުރައްވާކަމަށް މަހުލޫފް ވަނީ ވިދާޅުވެފައެވެ.
ށ.ފުނަދޫ ކައުންސިލަކީ އިދިކޮޅު ޕީޕީއެމްއަށް ނިސްބަތްވާ ކައުންސިލެކެވެ. ނަމަވެސް އެރަށު ކައުންސިލުން ސަރުކާރުން އެރަށުގެ ތަރައްޤީއަށް ކުރާ ހުރިހާ ކަމަކަށް ދަނީ އެއްބާރުލުން ދެމުންނެވެ. ޔޫތު މިނިސްޓްރީގެ މިނިންމުމާއި ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ފާޑު ކިޔުންވަނީ މިނިސްޓަރ މަޚުލޫފަށާއި، ޔޫތު މިނިސްޓްރީއަށް އަމާޒުވެފައެވެ.