ކަންކަން އިސްލާހު ނުކުރެވިއްޖެނަމަ އިސްތިއުފާދޭނަން: ރާޝިދު

ކަންކަން އިސްލާހު ނުކުރެވިއްޖެނަމަ އިސްތިއުފާދޭނަން: ރާޝިދު

Author
މުޙައްމަދު ޖިމީ
26 ޖެނުއަރީ 2022 10:55
0

މިދިޔަ ސަރުކާރުގައި ކޮރަޕްޝަންގެ ބޮޑެތި ޢަމަލުތައް ހިންގިއިރު ޕީޕީއެމް ވެރިން ތިއްބެވީ އަޅާނުލައްވާ ފިނި ކޮޓަރިތަކުގައިކަމަށް ވިދާޅުވެ ކޮމަންޑޫ ދާއިރާއަށް ވާދަކުރައްވާ އެމްޑީޕީގެ ކެނޑިޑޭޓް މުހައްމަދު ރާޝިދު އިދިކޮޅު ކެނޑިޑޭޓް މޫސާ ފަޠުހީއަށް ރައްދު ދެއްވައިފިއެވެ.

ރޭ ދައުލަތުގެ މީޑިއާއިން ގެނެސްދިން ކޮމަންޑޫ ދާއިރާގެ ބަހުސްގައި މޮޑަރޭޓް ވަނީ ކޮރަޕްޝަން ނައްތާލުމަށް ކުރައްވާނެ މަސައްކަތާއި ގުޅޭގޮތުން ސުވާލު ދަންނަވާފައެވެ.

އެ ސުވާލުގެ ޖަވާބުގައި ރާޝިދު ވިދަޅުވީ، މިހާރު ވެރިކަމުގައި އޮތް ސަރުކާރަކީ ކޮރަޕްޝަނާ ދެކޮޅަށް އިންތިހާއަށް މަސައްކަތްކުރައްވާ ސަރުކާރެއްކަމަށެވެ. އޭނާ ވަނީ ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ ފުރުސަތު މުއައްސަސާތަކަށް ދީފައިވީ ނަމަވެސް އެކަށީގެންވާގޮތަށް މަސައްކަތް ނުކުރާނަމަ އެ މަގާމުތަކުގައި ތިބޭ ފަރާތްތައް ޒިންމާދާރުކުރުވައި މަގާމުން ދުރުކުރަން ތާޢީދުކުރައްވާނެކަމަށް ވިދާޅުވެފައެވެ.

ރާޝިދު ސިފަކުރެއްވީ ނިމިދިޔަ ސަރުކާރަކީ ކޮރަޕްޝަންގެ ހާއްޔެއްގެ ގޮތުގައެވެ. އޭރު އެކި މަޤާމުތަކުގައި ތިއްނެވި ބޭފުޅުން ކޮރަޕްޝަން ހިންގާކަން އެނގިތިބެ އިސްތިއުފާ ނުދެއްވީ ކީއްވެތޯ ސުވާލުކުރައްވާ ރާޝިދު ވަނީ މިދިޔަ ސަރުކާރުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގިއިރުވެސް އިދިކޮޅު ޕީޕީއެމުގެ ފަރާތްތައް ފިނި ކޮޓަރީގައި އަޅާނުލާ ތިއްބެވީކަމަށް ތުހުމަތުކުރައްވާފައެވެ.

މަޖިލީހުގެ ގޮނޑީގައި އިންނަވައިގެން ރާޝިދު ވިދާޅުވީ އޭނާއަށް ކަންކަން އިސްލާހު ނުކުރެވިއްޖެނަމަ އިސްތިއުފާ ދެއްވާނެ ކަމަށެވެ. ރާޝިދު ވިދާޅުވީ ތަސައްވުރަކީ ސަރުކާރާއި އެމްޑީޕީގެ އެޖެންޑާ 19 ކަމަށެވެ. އަދި މި ސަރުކާރަކީ ވައުދުތައް ފުއްދަމުންދާ ސަރުކާރެއް ކަމަށް ރާޝިދު ވިދާޅުވިއެވެ.

ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ހޯދައިދޭން މަޖިލިސް ތެރެއިން މަސައްކަތް ކުރައްވަމުން ސާބިތުވެ ހުންނަވާނެކަމަށްވެސް ރާޝިދު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.