މިސަރުކާރު އޮވެ ކޮރަޕްޝަން ނައްތާލުމަކީ ވާނެކަމެއް ނޫންކަމަށް ކޮމަންޑޫ ދާއިރާގެ އިންތިޚާބުގައި ވާދަކުރައްވާ ޕީޕީއެމްގެ ކެނޑިޑޭޓް މޫސާ ފަޠުހީ އާދަމް ވިދާޅުވެއްޖެއެވެ.
ރޭ ދައުލަތުގެ މީޑިއާއިން ގެނެސްދިން އެ ދާއިރާއަށް ވާދަކުރައްވާ ތިން ކެނޑިޑޭޓުންގެ ބަހުސްގައި ކޮރަޕްޝަން ރާއްޖޭގައި މިހާރު އޮތް ޙާލަތާއި ގުޅޭގޮތުން ދެންނެވި ސުވާލަށް ޖަވާބުދެއްވަމުން ފަޠުހީ ވިދާޅުވީ، އެއީ މިވަގުތަށް އެންމެ މުނާސަބު ސުވާލުކަމަށެވެ. ކޮރަޕްޝަންގެ ވާހަކަ ދައްކާއިރު، ރާއްޖޭގައި މިވަގުތު އެންޓި ކޮރަޕްޝަން ކޮމިޝަނެއް ނެތްކަމަށް ވިދާޅުވިއެވެ.
ފަޠުހީ އެހެން ވިދާޅުވެފައިވާއިރު، އޭސީސީގެ ފަސް މެންބަރު މަޤާމުން ދުރުކުރުމުގެ މަސައްކަތް އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ކުރަން ފެށުމުން ހުރިހާ މެންބަރުން ވަނީ މަޤާމުން އިސްތިއުފާދެއްވާފައެވެ.
ފަޠުހީ ވިދާޅުވީ، ކޮމަންޑޫ ދާއިރާގެ ކެމްޕެއިންގައި އެމްޑީޕީގެ ކެނޑިޑޭޓް ރާޝިދަށް ވޯޓު ހޯދައިދެއްވުމަށްޓަކައި ކޮރަޕްޝަނުގެ ދަޢުވާ އުފުލިފައިވާ ވަޒީރަކު ޑޯޓުޑޯ ޖައްސަވާލަމަށެވެ. އެއީ ޔޫތު އެންޑް ސްޕޯޓްސް މިނިސްތަރ އަޙްމަދު މަޚްލޫފްކަން ފާހަގަކުރައްވާ ފަޠުހީ ވިދާޅުވީ އެމައްސަލަ ކޯޓާއި ޕްރޮސެކިއުޓާރ ޖެނެރަލްއާއި ދޭތެރޭގަ ދެކޮޅަށް ދުވަނީކަމަށާއި، ޒީރޯ ޓޮލަރެންސް ކޮރަޕްޝަނަށްދޭނަމޭ ވިދާޅުވެ އައި ސަރުކާރުން ހާލަތު މި އޮތީ ފެންނަންކަމަށެވެ.
ފަތުހީ ވިދާޅުވީ ރާއްޖޭގައި ކޮރަޕްޝަންގެ ހާލަތު މިހާރު އޮތްގޮތުން ކޮރަޕްޝަން ނައްތާލުމަކީ މިސަރުކާރަށް ވާނެ ކަމެއް ނޫންކަމަށެވެ.
ކޮބައިތޯ ވެންޓިލޭޓަރުގެ ބިޔަ ބޮޑު ވައްކަން. ކޮބައިތޯ މެޑިކަލް އެބުނާ މާފިޔާ. ބެލޭތޯ. ނުބެލޭނުންތޯ. މީ ޙަޤީޤަތް. މިކަމުގެ ވާހަކަ ދައްކާނީ ށ.ކޮމަންޑޫ ރަންކޮކާގޭ މޫސާާ ފަތުޙީ އާދަމް.
– މޫސާ ފަޠުހީ އާދަމް
ފަޠުހީ ވަނީ ކޮރަޕްޝަން އިންޑެކްސްގައި ރާއްޖެ 10 ދަރަޖަ ފަހަތަށް ޖެހުނުކަމަށްވެސް ވިދާޅުވެ ފާޑުވިދާޅުވެފައެވެ.