ކޮމަންޑޫއާއި މަތި ކޮމަންޑޫ ގުޅުވާލުމުގެ މަސައްކަތުގައި ބޭނުންކުރަނީ އެންމެ އެކްސްކެވޭޓަރެއްކަމަށާއި، މިއީ ރައްޔިތުންނަށް އޮޅުވާލުމަށް ހިންގާ ކަންކަންކަމަށް ވިދާޅުވެ ނިލަންދޫ ދާއިރާގެ ކުރީގެ މެންބަރު ޑރ.ޢަބްދުﷲ ޚަލީލް ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.
ޑރ.ޚަލީލް މިފަދައިން ފާޑުވިދާޅުވީ ކޮމަންޑޫ ދާއިރާގެ އިންތިޚާބު ކައިރިވެފައިވަނިކޮށް، ށ.މަތިކޮމަނޑޫގެ ބިންހިއްކާ، ކޮމަންޑުއާ ގުޅާލުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ސަރުކާރުން ކުއްލިއަކަށް ފެށުމާއެކުއެވެ. އަދި މިއީ މިއަހަރުގެ ބަޖެޓްގައި ނުހިމެނޭ މަޝްރޫޢުއެއް ބަޖެޓުގެ ބޭރުން ފެށުންކަމަށް ބުނެ ބައެއް ފަރާތްތަކުން ފާޑުކިޔުން އަމާޒުވެފައިވާ ކަމެކެވެ.
މިކަމާއި ގުޅިގެން ޑރ.ޚަލީލް ވިދާޅުވީ ދެ ކޮމަންޑޫ ގުޅާލުމުގެ މަސައްކަތްކުރަނީ އެންމެ އެކްސްކެވޭޓަރަކުންކަމަށެވެ. އޭނަ ވަނީ 2009 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބާ ދިމާކޮށް ޓޫރިސްޓެއް ގެންގޮސްގެން ދ.ކުޑަހުވަދޫ އަދި ތ.ތިމަރަފުށި އެއަރޕޯޓް މަޝްރޫޢުގައި ސޮއިކުރުމާ މިކަމާ ތަފާތެއް ނެތްކަމަށް ވިދާޅުވެ ހީލަތްތެރި ގޮތްގޮތަށް އަބަދު ރައްޔިތުން ނުހެއްލޭނެކަމަށް ހާމަކުރައްވާފައެވެ.
2 ކޮމަންޑޫ ގުޅާލުމުގެ މަސައްކަތް ކުރަނީ އެންމެ އެކްސްކެވޭޓަރަކުން.
2009 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބާ ދިމާކޮށް ޓޫރިސްޓެއް ގެންގޮސްގެން ދ.ކުޑަހުވަދޫ އަދި ތ.ތިމަރަފުށި އެއަރޕޯޓް މަޝްރޫޢުގައި ސޮއިކުރުމާ ތަފާތެއް ނެތް.
ހީލަތްތެރި ގޮތްގޮތަށް އަބަދު ރައްޔިތުން ނުހެއްލޭނެ.
Vote #2 pic.twitter.com/EgY7DLZ39G— Dr. Abdulla Khaleel (@abkhaleel) January 26, 2022
ށ.ކޮމަންޑޫ ޝޯޕްރޮޓެކްޝަން ރެކްޓިފިކޭޝަން މަސައްކަތާއި މަތިކޮމަންޑޫ ގުޅާލާ މަޝްރޫޢުގެ ދަށުން ކޮމަންޑޫގައި 1690 މީޓަރުގެ ޝޯރ ޕްރޮޓެކްޝަން ރެކްޓިފިކޭޝަން މަސައްކަތް ކުރާނެއެވެ. އަދި 16.7 ހެކްޓަރުގެ ބިން މަތިކޮމަންޑޫގައި ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރަށް 1520 މީޓަރުގެ ބޮޑުހިލައިގެ ތޮށި ލުމާއި ޖުމުލަ 353 މީޓަރުގެ ބޮޑުހިލައިގެ ފައިކަށި އަދި 112 މީޓަރުގެ ޖީއޯބޭގް ތޮށި މަތިކޮމަންޑޫގައި ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫޢުގެ ދަށުން 200 މީޓަރުގެ ދިގުމިނުގެ ލިންކަކުން ކޮމަންޑޫއާއި މަތިކޮމަންޑޫ ގުޅާލާނެއެވެ. މި މަޝްރޫޢުއަށް ދައުލަތުގެ ބަޖެޓުން 249 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރާއިރު މަސައްކަތް ހަވާލުކޮށްފައިވަނީ ދެ އަހަރުގެ ތެރޭގައި ނިންމުމަށެވެ.