ބައި އިލެކްޝަން: ދެޕާޓީއަށާއި "އިންޑިއާ އައުޓު"އަށް އޮތް ބޮޑު އިމްތިހާނެއް!

ބައި އިލެކްޝަން: ދެޕާޓީއަށާއި "އިންޑިއާ އައުޓު"އަށް އޮތް ބޮޑު އިމްތިހާނެއް!

Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on email
Share on facebook
Share on email
Share on twitter
Share on linkedin
Share on whatsapp
Share on telegram

ރައްޔިތުންގެ މަޖިލިހުގެ ކޮމަންޑޫ ދާއިރާގެ މެމްބަރުކަން އަދާ ކުރައްވަމުން ގެންދެވި، އަދި އެދާއިރާއަށް އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ، މެމްބަރު ހުސެއިން ވަހީދު ފާއިތުވި ޑިސެމްބަރ މަހުގެ 14ވަނަ ދުވަހު އަވަހާރަ ވުމާއި ގުޅިގެން، އެދާއިރާގެ ގޮޑިއަށް މެމްބަރަކު އިންތިޚާބު ކުރުމަށްޓާކާ ބޭއްވުމަށް ހަމަ ޖެހިފައިވާ ބައި އިލެކްޝަން އަންނަ ފެބްރުއަރީ މަހުގެ 5 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް އިލެކްޝްންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.

އަދި މި އިންތިޚާބުގައި ވާދަކުރާ 3 ޕާޓީންވެސް މި ގޮނޑި ކާމިޔާބު ކުރުމަށްޓަކާ ފޯރިޔާއެކު، މިދާއިރާގައި ކެމްޕޭން ކުރަމުން ދާއިރު ފާހަގަ ކޮށްލަންޖެހޭ އެންމެ މުހިންމު އެއް ނުކުތާއަކީ، ރައްޔިތުންގެ މަޖިލިހުގެ ކޮންމެ އިންތިޚާބަކީވެސް، މަޖިލިހުގެ ކޮންމެ ގޮނޑިއަކީވެސް ހުރިހާ ސިޔާސީ ޕާޓިއަކަށްވެސް މުހިންމު، އަދި ވަކީން ޚާއްސަކަށް އޭރަކު އޮންނަ ސަރުކާރަކަށް ވަކީން މުހިންމުކަން ބޮޑު ގޮޑިއަކަށް ވެގެން ދާކަމެވެ.

މިގޮތުން މި އިންތިޚާބުގެ މުހިންމުކަން ރައީސް ސާލިހުއަށް ވަކީން ބޮޑުކަން ޚުދު އެމަނިކްފާނު ގަބޫލުފުޅު ކުރައްވާކަމަށް ފާހަގަވާން އޮތް އެންމެ ބޮޑު ހެއްކަކީ އިންތިޚާބާއި ދިމާކޮށް މި ދާއިރާގައި ހިންގުމަށް ސަރުކާރުން އިއުލާން ކޮށްފައިވާ ތަރައްގީގެ ބޮޑެތި މަޝްރޫޢުތަކާއި އަދި މިހާރުވެސް ފަށާފައިވާ އެތައް ސަތޭކަ މިލިއަން ރުފިޔާގެ މަޝްރޫޢުތަކެވެ. އަދި މީގެ އިތުރުންވެސް، ގަބޫލު ކުރެވޭ ގޮތުގައި އެމްޑީޕީގެ އެތެރޭގައި އޮތް ބައިބައި ވުންތަކުގެ ނަތީޖާއެއްގެ ގޮތުން، އަދި ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް ވާދަ ކުރެއްވުމަށް ރައީސް ސާލިހު މިހާރު ކަމަރު ބަންނަވަމުން ގެންދެވުމާއެކު، ރައްޔިތުންގެ މަޖިލިހުގެ އެންމެ ގޮނޑިއަކީވެސް ރައީސް ސާލިހުއަށް އިންތިހާއަށް މުހިންމު، އަދި މަޖިލިހުގެ ސުޕަރ މެޖޯރިޓީ ދެމެހެއްޓުމުގައި މުހިންމު ދައުރެއް އަދާކުރާނެ ގޮނޑިއެކަމުން، ދައްކަން ޖެހުނު އަގެއް ދައްކާފައި ނަމަވެސް، ގޮނޑި ކާމިޔާބު ކުރުމަށް ސާލިހުގެ ސަރުކާރުން ބޭނުން ވެފައި އޮތްކަން މިއީ ކަށަވަރުވެ ޔަގީންވާން އޮތް ކަމެކެވެ.

ހަމަ އެއާއެކު، އިދިކޮޅު ޕީޕީއެމްއާއި އަދި އަަލަށް އުފެއްދި އެމްއެންޕީގެ ކެންޕޭނަށް ނަޒަރެއް ހިންގާލުމުންވެސް، ބައި އިލެކްޝަން ކާމިޔާބުކޮށް މަޖިލީހުގައި އެޕާޓީތަކުގެ ތަމްސީލުވުން ވަރުގަދަ ކުރުމަށް މަސައްކަތް ކުރަމުންދާ މަންޒަރު ވަރަށްވެސް ސާފުކޮށް ދަނީ ފެންނަމުންނެވެ.

އެހެންކަމުން ކޮމަންޑޫ ދާއިރާގެ ބައިލެކްޝަނަށް މިހާރު އެންމެ ހަފްތާއަކަށް ވެގެން ގޮސްފައިވާއިރު، މިއިންތިޚާބު ފެނިގެން ދަނީ، ވާދަކުރާ 3 ޕާޓީގެވެސް ގަދަ ހިފުމެއްގެ ގޮތުގައެވެ. އަދި 3 ޕާޓީއަށްވެސް ސިޔާސީ ގޮތުން މުހިންމުކަން ބޮޑު އިންތިޚާބެއްގެ ގޮތުގައިވެސް މެއެވެ.

ބައި އިލެކްޝަންގައި ވާދަކުރާ 3 ކެނޑިޑޭޓުން

 

ރައީސް ސާލިހަށް މުހިންމު ގޮނޑިއެއް!

ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީއާ ނުލާ ކުރިޔަށް ދިއުން އެއްވެސް ސަރުކާރަކަށް ފަސޭހަ ކަމަކަށް ވެގެން ނުދާނެއެވެ. ސަބަބަކީ ރާއްޖޭގެ ވެރިކަމުގެ ނިޒާމް އެކުލެވިފައިވާ ގޮތުން، މަޖިލިހުގެ ރުހުމާއި ނުލާ ދައުލަތުގެ ގިނަ ކަންކަން، ހުންނަވާ ރައީސަކަވެސް ނިންމުމުގެ ފުރުސަތު ނޯންނާނެތީއެވެ.

މިހަގީގަތް އެންމެ ރަގަޅަށް ސާފުވެ، ސާބިތުވެގެން ދިޔައީ ރައީސް ޔާމިން ދައުރުގައެވެ. އެ ސަރުކާރަށް ސިޔާސީ ގޮތުންނާއި އެނޫން ގޮތްގޮތުންވެސް ކުރިމަތިވެގެން ދިޔަ އެންމެ ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެގެން ދިޔައީ ރައްޔިތުންގެ މަޖިލިހުގެ ސާފު މެޖޯރިޓީ ވަކި ހިސާބަކުން ގެއްލި، މެޖޯރިޓީ ދެމެހެއްޓުމަށް ކުރަންޖެހުން އުދަގޫ މަސައްކަތުގެ ތެރެއިންނެވެ.

އެހެންކަމުން މިހަގީގަތް މިގޮތަށް އޮވެމެ، އަދި ވަކީން ޚާއްސަކޮށް އެމްޑީޕީގެ އެތެރޭގައި އުފެދިގެން ގޮސްފައިވާ އަލިފާނުގެ ހުޅު އަދިވެސް ނިވިގެން ގޮސްފައި ނުވަނިކޮށް ކުރިމަތިވި، މި ބައި އިލެކްޝަން ރައީސް ސާލިހަށް ހުރިހާ ގޮތަކުންވެސް މުހިންމު ވެގެންދާ ގިނަގުނަ ސަބަބުތަކެއް އެބަހުއްޓެވެ.

އެއީ ސަރުކާރަށް ރައްޔިތުންގެ ތާއީދު ބޮޑުތަނުން ގެއްލިގެން ގޮސްފައި ނުވާކަން ސިޔާސީ ގޮތުން ފެނުން އިންތިހާއަށް މުހިންމު ވެފައި ވުމުގެ ނަތީޖާއެއްގެ ގޮތުންނެވެ. އަދި އޭގެ އިތުރުން އެމްޑީޕީގެ އެތެރޭގައި ބައިބައިވުން އުފެދިގެން ގޮސްފައި އޮތަސްވެސް، އެޕާޓީގެ އާންމު މެމްބަރުންގެ ތާޢިދާއި ރުހުން ސަރުކާރަށް އޮތްކަން ސާބިތުވެގެން ދިއުމަކީ ރައީސް ސާލިހުގެ މައްޗަށް އޮތް އިތުބާރު އެތައް ގޮތަކުން އިތުރުވެ، އަދި ކުރިޔަށް އޮތްތަނުގައި ޕާޓީގެ ރިޔާސީ ޓިކެޓް ހޯދުމަށް ޕާޓީގެ އެތެރޭގައި އުފެދިގެންދާނޭ ވާދަވެރިކަމުގެ ތެރެއިން ކުޅިފަސް ހޯދުމަށް ރައީސް ސާލިހަށް ލިބިގެންދާނެ ބޮޑު ހިތްވަރަކަށް ވެގެން ދާނެތީވެސް މެއެވެ.

އެހެންކަމުން، އަބަދުވެސް، ބޭއްވޭ ކޮންމެ އިންތިޚާބަކީވެސް އޮންނަ ސަރުކާރަކަށް މުހިންމު އިންތިޚާބަކަށް ވެގެން ދިއުމުގެ އިތުރުން މި އިންތިޚާބަކީ، ރައީސް ސާލިހަށާއި ސަރުކާރަށް ހުރިހާ ގޮތަކުންވެސް މުހިންމު އިންތިޚާބެކެވެ. 2023ގެ ރިޔާސީ އިންތިޚާބަށް ކުރިމަތި ވާދަކުރެއްވުމަށް ރައީސް ސާލިހު ކުރައްސަވަމުން ގެންދަވާ ޗާޓު ފުރިހަމަ ވެގެން ދިއުމާއި ނުދިއުމުގައި މިއިންތިޚާބު ނަތީޖާ މުހިންމު ދައުރެއް އަދާ ކުރާނޭކަމީ ކަށަވަރުވެ ޔަގީންވާ ކަމެެވެ.

ކޮމަންޑޫ ދާއިރާގަ އޮތް އެމްޑީޕީ ބައި އިލެކްޝަން ކެމްޕޭން އިފްތިތާހު ކުރުމުގެ ޖަލްސާގައި ރައިސް ސާލުހު ވާހަކަ ދައްކަވަނީ

 

"އިންޑިއާ އައުޓު" އަދި އެމްއެންޕީ!

އިދިކޮޅު ޕީޕީއެމްއިން މި ސަރުކާރާ ދެކޮޅަށް ހިންގަމުންދާ އެންމެ ބޮޑު ސިޔާސީ ހަރަކާތަކީ "އިންޑިއާ އައުޓް" ހަރަކާތެވެ. ފެންނަ ފެނުމަށް ބަލާއިރު، ރާއްޖެއާއި މުޅި ދުނިޔެވެސް ކުރިމަތިލާން ޖެހިފައިވާ ކޯވިޑްގެ އާލަމީ ވަބާއިން ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި، އަދި އޭގެ ނަތީޖާއެއްގެ ގޮތުން ކުރިމަތިވަމުންދާ އިގްތިސާދީ ގޮންޖެހުންތަކަށްވުރެވެސް ބޮޑަށް އެޕާޓީގެ އަމާޒު ހުރީ "އިންޑިއާ އައުޓް" ހަރަކާތް ކުރިޔަށް ގެންދިއުމަށެވެ.

މިގޮތުން ރައީސް ޔާމިން ޖަލުން މިނިވަން ވުމާއެކު، މިހަރަކާތް އިތުރު ގިޔަރެއް ކުރިޔަށް ޖައްސާ، ޕީޕީއެމްއިންވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ހަރަކާތް ފުޅާވެސް ކޮށްފައެވެ.

އެހެންކަމުން މި އިންތިޚާބު ވެގެންދަނީ، އިންޑިއާ އައުޓު ހަރަކާތަށް އޮތް ތާއީދު ވޯޓުން ސާބިތު ކޮށްދިނުމަށް ޕީޕީއެމްއަށް ލިބިގެން ދާނެ ރަނުގެ ފުރުސަތަކަށެވެ. ސަބަބަކީ، އިންޑިއާ އައުޓް ހަރަކާތް އޭގެ އެންމެ ކުންނާއި ހަމަޔަށް ދަތުރު ކޮށްފައި ވަނިކޮށް، ބޭއްވޭ މިފަދަ އިންތިޚާބަކުން ޕީޕީއެމް ބަލި ވެއްޖެނަމަ، އެބަލި އެތައް ގޮތަކުން ތަރުޖަމާ ކުރުމުގެ ފުރުސަތު ލިބިގެން ދާނެއިރު، ސިޔާސީ ގިނަބަޔަކު، މިގޮތުން ނުކުމެގެންދާނެ ނަތީޖާއެއް ތަރުޖަމާ ކުރާނީ، މި ހަރަކާތަކީ ހަގީގަތުގައި އާންމު ރައްޔިތުންގެ މެދުގައި ތާއީދެއް ނެތް ހަރަކާތެއްކަން ސާބިތު ކޮށްދީ އަދި މިންޒަރު މިބީދައިން ބޭރު ދުނިޔެއަށް ދެއްކުމަށް ކަމީވެސް ކަށަވަރުވެ ޔަގީންވާ ކަމެކެވެ.

އެހެންކަމުން، ރައްޔިތުންގެ މަޖިލިހުން ގޮޑިއެއް ހޯދުމަށްވުރެ ބޮޑަ މިއިންތިޚާބު އިދިކޮޅު ޕީޕީއެމްއިން ކާމިޔާބުކުރުން ގުޅި ލާމެހިގެންދަނީ، އެޕާޓީއިން ކުރިޔަށް ގެންދާ އިންޑިއާ އައުޓް ހަރަކާތް މަރުވެގެން ދިޔަނުދީ ކުރިޔަށް ގެންދިއުމާއިއެވެ. އަދި އޭގެ އިތުރުން ރައީސް ޔާމިންގެ މައްޗަށް ކުރެވެމުންދާ ޝަރީއަތްތަކާއި އަދި އެގޮތުން ކުރިމަތިވަމުންދާ ބޮޑެތި ގޮންޖެހުންތަކާއި ކަންވެސް މިފުރުސަތުގައި ފާހަގަ ކޮށްލަން ޖެހެއެވެ.

އިންޑިއާ އައުޓު ހަރަކާތުގަ ރައީސް ޔާމިން ށ. ފުނަދޫގައި ބައިވެރިވެ ވަޑައިގަންނަވަނީ

ހަމަ އެފަދައިން، އަލަށް ވުޖޫދުވިތާ އަދި ކިރިޔާ 3 މަސްވީ އެމްއެންޕީން މިއިންތިޚާބަށް ކެންޑިޑޭޓަކު ނެރެ، ބޮޑު ދެޕާޓީއަށް ގޮންޖަހާލާ، ބައިއިލެކްޝަން ކާމިޔާބު ކުރުމަށް ކުރަން ފެށި މަސައްކަތަކީ، ސިޔާސީގޮތުން އެޕާޓީގެ ހަކަތަ ހުރިކަން ސާބިތު ކޮށްދޭ އަލިގަދަ ދަލީލެއްގެ ގޮތުގައިކަން މަސްރަހު ދިރާސާކުރާ ގިނަ ބަޔަކު ދަނީ ސިފަ ކުރަމުންނެވެ. އަދި މިއިންތިޚާބުގެ ކެމްޕޭނުގައި އެ ޕާޓީން ކުރަމުންދާ މަސައްކަތް މިބީދައިން ގިނަބަޔަކު ސިފަކުރުމުން ދާއިރު، މި ބައި އިލެކްޝް ވެގެންދަނީ އެމްއެންޕީއަށްވެސް އެތައް ގޮތަކުން މުހިންމު ބައި އިލެކްޝަންއަކަށެވެ.

މީގެ އެންމެ ބޮޑު އެއް ސަބަބަކީ، ދާއިރާގައި، މުޅި އަތޮޅުގެ އެކި ރަށްރަށުން މީހުން އެއްކޮށްގެން އެޕާޓީން ޖަލްސާތައް ބާއްވަމުން ނުގެންދިޔައެއް ކަމަކު، ޕާޓީގެ ކެނޑިޑޭޓާއެކީ ދޮރުން ދޮރަށް ހިގާ، އަދި ކެމްޕޭނުގައި ޕާޓީގެ ލީޑަރޝިޕް މަޝްއޫލުވެގެން އުޅޭ މިންވަރަށް ބަލާލުމުން، ޚުދު އެޕާޓިންވެސް މިއިންތިޚާބަކީ ޕާޓީއަށް މުހިންމު އިންތިޚާބެއްކަން ވަޒަންކޮށްފައި އޮތްތަން ފެންނާން އޮތުމުންނެވެ.

އަދި މީގެ އިތުރުރުން، އަމިއްލަ ގްރާސް ރޫޓެއް ނެތް ތަނެއްގައި، ނެތް ތާއީދަކުން ފަށާ، ރަގަޅު ކެމްޕޭނެއް ކޮށް، ރަގަޅު ނިންމުމަކާއެކު ކެމްޕޭން ނިންމާލެވިއްޖެނަމަ، މިއީ ހަގީގަތުގައިވެސް ރާއްޖޭގެ ސިޔާސީ މަސްރަހުން ފެނިގެންދާ ބޮޑު ބަދަލެއްގެ ފެށުމެއްގެ ގޮތުގައި ތަރުޖަމާ ކުރުމުގެ ފުރުސަތު އޮންނާނެއެވެ. އަދި މި އިންތިޚާބު އެޕާޓީން ކާމިޔާބު ކޮށްފިނަމަ، މިފަދަ ބޮޑު ކާމިޔާބިއެއް ވެގެންދާނި އެޕާޓީން ޖަހާ ބޮޑު "ޖަމްޕެއް"ގެ ގޮތުގައިވެސް މެއެވެ.

އެމްއެންޕިއިން ގެންދަނީ އެޕާޓީގެ ކެމްޕޭން ދާއިރާގެ ހުރިހާ ރަށެއްގައިވެސް ކުރިޔަށް ގެންދަމުން

 

ހުރިހާ ޕާޓީއަކުންވެސް ކެމްޕޭން މެކުހަށް

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ވޯޓު ލުމަށް އެންމެ 10 ދުވަހަށް ވެގެން ގޮސްފައި ވާއިރު، ހުރިހާ ޕާޓީއަކުންވެސް ވަނީ ކެމްޕޭން މެކުހަށް ޖަހާފައެވެ. ދާއިރާގެ 3 ރަށުގައާއި، އަދި މާލޭގައިވެސް ޖަގަހަތައް ހުޅުވާ، ޕާޓީތަކުގެ ލީޑަރޝިޕުން ދަނީ ވަރުގަދަޔަށް ކެމްޕޭން ކުރަމުންނެވެ. އަދި ރޭ ބޭއްވިގެންދިޔަ ބަހުސްގައި ކެނޑިޑޭޓުން ތަމްސީލު ކޮށްފައިވާ ގޮތުގެ މައްޗަށް ބައެއް ރައްޔިތުންގެ ވިސްނުމާއި ފިކުރު ބަދަލުވެގެން ދާނޭކަމަށް ބެލެވޭއިރު، ރާއްޖޭގައި ބޭއްވިގެންދާ އިންތިޚާބުތަކުގެ ކެމްޕޭންގެ އެންމެ ފަހު ދުވަސްކޮޅުގައި ބޮޑެތި ބަދަލުތައް އަންނަކަން ފާހަގަ ކޮށްލަން ޖެހެއެވެ.

މިގޮތުން، ކެމްޕޭންގެ އެންމެ ފަހު ދުވަސްކޮޅު ކެނޑިޑޭޓުން ކެމްޕޭންގައި ފައިސާ ޚަރަދު ކުރުމާއި، ވަޒީފާތައް ދިނުމާއި އަދި މިނޫނަސް އެތައް ގޮތަކުން ކެމްޕޭނަށް ފޯރައިގެންދާ ނުފޫޒު ތަކަކީ، ހަގީގަތުގައިވެސް ވޯޓުގެ ނަތީޖާއަށް ބަދަލު އައުމަށް މެދިވެރިވާ ސަބަބުތަކުގެ ގޮތުގައި ފާހަގަ ކުރަންޖެހެއެވެ.

އެހެންކަމުން،، ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ކެމްޕޭން ނިމުމަކާ ހަމައަށް އަންނަމުން ދިޔަ ނަމަވެސް، ހުރި ޕާޓީއަކުންވެސް ދޫނުދީ ކުރަމުންދާ ކެމްޕޭންގައި އޮތް ވާދަވެރިކަމުގެ ތެރެއިން ގޮތް ނިންމުން އޮތީ އުދަގޫ ހިސާބެއްގައެވެ. އެހެންނަމަވެސް، ސާފުވާން އޮތް އެއް ހަގީގަތަކީ، މިއިންތިޚާބުގެ ނަތީޖާއަކީ، ކެނޑިޑޭޓުންނަށްވުރެ ބޮޑަށް ޕާޓީތަކާއި ޕާޓީތަކުގެ ވެރީންގެ މުސްތަގުބަލާ ގުޅި ލާމެހިފައި އޮތް އިންތިޚާބެއް ކަމެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. ޢިންޑިއާ އައުޓް ކެމްޕެއިން އަކީ ޕީޕީއެމް ގެ އެއްޗެއްނޫން… އިންތިހާބާ ގުޅުން ހުރިކަމެއް ނޫން. މިއީ "ދިވެހިރާއްޖޭގެ މިނިވަން ހަރާކާތް" ކިޔާ ސައިލެން މޫވްމެންޓް އެއް. މިކަން ފުޅާވެ އާންމުވެގެން އައީ އެތައްދުވަހެއްގެ މަސައްކަތައްފަހު. ޢާންމު ވުމުން މިކަމައް ސިޔާސީ މީހުނާ ޕާރޓީތައް ވަންނަން ފެށީ. މޯލްޑިވްސް ފްރީޑަމް މޫވްމެންޓް ކުރިއަށް އޮތްދުވަސް ތަކުގެ ތެރޭގައި އާންމުންގެ ކުރިމައްޗައް ނިކުންނާނެ

Leave a Reply

Your email address will not be published.