މާލޭގައި ފެން ބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށް އިތުރު ޕަމްޕު ގެނައުމަށް ނިންމައިފި

މާލޭގައި ފެން ބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށް އިތުރު ޕަމްޕު ގެނައުމަށް ނިންމައިފި

ގުޅުންހުރި

މާލޭގައި ބޯކޮށް ވާރޭވެހޭ ދުވަސްވަރު ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް، އިތުރު ގްލޯބަލް ދެ ޕަމްޕު ގެނައުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މާލެ ސިޓީ ކައުންސިލުން މިއަދު ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން، މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ އަލަށް ގެންނަން ނިންމި ޕަމްޕުތައް ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ހެންވޭރު ކޮޅުގައި ކަމަށެވެ. މޭޔަރު އާޒިމް އިތުރަށް ވިދާޅުވީ ހިތްފަސޭހަ ސިޓީއެއްގެ ގޮތުގައި މާލެ ބޭއްވުމަކީ ކައުންސިލުން އެންމެ އިސްކަމެއް ދީގެން ކުރަމުންދާ އެއް މަސައްކަތް ކަމަށެވެ.

ކައުންސިލުން އެންމެ ފުރަތަމަ ގެނައި ދެ ޕަމްޕު މިހާރު ވަނީ އޮޕަރޭޓްކޮށް މެއިންޓެނަންސްގެ ކަންކަން ބެލެހެއްޓުމަށް އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު އާ ހަވާލުކޮށްފައި ކަމަށާއި، މި ޕަމްޕުތައް ބޮޑަށް ބޭނުންކުރަމުން އަންނަނީ މާލޭގައި އެންމެ ބޮޑަށް ފެން ބޮޑުވާ މާފަންނު ސަރަހައްދުގައި ކަމަށްވެސް މޭޔަރު ވިދާޅުވިއެވެ.

މާލޭގައި ފެން ބޮޑުވުމުގެ މައްސަލަ ކުރިމަތިވަމުން އަންނަތާ 20 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު، މިކަން ހައްލުނުވެ މާލޭގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެ އެތަކެއް ރައްޔިތުންނަށް ގެއްލުން ލިބެމުންދެއެވެ.

ކައުންސިލުން ފުރަތަމަ ގެނައި ދެ ޕަމްޕަކީވެސް ކައުންސިލްގެ ޓެކްނިކަލް ޓީމަކުން ހާއްސަ ދިރާސާތަކެއް ހެދުމަށްފަހު ގެނައި ޕަމްޕުތަކެކެވެ. މި ޕަމްޕުތަކަކީ މިހާރު މާލޭގައި ފެން ހިންދުމަށް ބޭނުންކުރާ ޕަމްޕުތަކަށްވުރެ 10 ގުނަ ބާރުމިނުގައި ފެން ހިންދާ ޕަމްޕުތަކެކެވެ.

މޭޔަރު އާޒިމް ވިދާޅުވިގޮތުގައި މި އަހަރުގެ ކުރީކޮޅު ރާއްޖެ ގެނައި ދެ ޕަމްޕަކީ ފެންގަނޑު ތެރޭގައި ހުންނަ، ތިން އިންޗި ފުޅާމިނުގެ ސޮލިޑް ހޮޅިތެރެއިން ބޭރުކޮށްލެވޭ ޕަމްޕުތަކެކެވެ. މި ޕަމްޕުތަކުން މިނެޓަކު 11356.24 ލީޓަރުގެ ފެން ބޭރުކޮށްލެވޭނެއެވެ. މީގެ ކުރިން މާލޭގައި ފެން ހިންދުމަށް ބޭނުންކުރަމުން އައީ މިނެޓަކު 1300 ލީޓަރާއި 900 ލީޓަރުގެ ފެން ބޭރުކުރާ ޕަމްޕުތަކެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މީގެ ކުރިން މާލޭގައި ފެން ހިންދަމުން އައީ ދޯނިފަހަރުގައި ދިޔަހިއްކުމަށް ބޭނުންކުރާ ކަހަލަ ޕަމްޕުތަކުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ