ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން އަންނަ މަހުގެ ފަސް ވަނަ ދުވަހު ބާއްވާއިރު، ކުރިއަށް އޮތް 10 ދުވަހަކީ މިކެމްޕެެއިންގައި އެންމެ ބޮޑު ވާދަވެރިކަމެއް ފެނިގެންދާނެ ދުވަސްތަކެވެ.
ކޮމަންޑޫ ދާއިރާގެ އިންތިޚާބުގައި ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއާއި، އިދިކޮޅު ޕީޕީއެމްއާއި، އަލަށް އުފެދުނު ސިޔާސީ ޕާޓީއެއް ކަމުގައިވާ އެމްއެންޕީން ވާދަކުރެއެވެ. އިންތިޚާބުގެ އެންމެބޮޑު ވާދަވެރިކަމެއް އުފެދިފައިވަނީ ވެރިކަން ކުރާ މައި ޕާޓީގެ ކެނޑިޑޭޓާއި، އިދިކޮޅު ޕީޕީއެމްގެ ކެނޑިޑޭޓުގެ މެދުގައެވެ.
މިއިންތިޚާބުގެ ކެމްޕެއިން މީގެ 20 އަށް ދުވަސް ކުރިން ފެށިގެންދިޔައިރާއި މިހާރާއި މާބޮޑު ތަފާތެއް ނުފެނެއެވެ. ސިޔާސީ ގޮތުން މީހުން ބެހިފައިވާ ގޮތާއި، ފެންނަމުންދާ ތާއީދަށް ކުޑަވެސް ބަލެއް ނާދެއެވެ. މިކަމުގައި އެންމެ ބޮޑު ބޮލުގެ ރިހުމެއް އޮތީ ސަރުކާރަށެވެ. ސަރުކާރުގެ ފަރާތުން މިއިންތިޚާބުގައި ވާދަކުރާ އެމްޑީޕީގެ ކެނޑިޑޭޓް މުހައްމަދު ރާޝިދަށް އިންތިޚާބު ކާމިޔާބް ކުރުމަށް ސަރުކާރު އޮތީ ދައްކަން ޖެހުނު ކޮންމެ އަގެއް ދައްކައިގެންވެސް އިންތިޚާބު ކާމިޔާބު ކުރުމަށެވެ.
އިންތިޚާބާއި ދިމޮކޮށް ސަރުކާރުން ވަނީ ބޮޑެތި ބިޔަ މަޝްރޫޢުތަކެއް ފަށާފައެވެ. ނަމަވެސް މިއީ އެއްވެސް ނިޔަތެއްގައި އިންތިޚާބެއް އޮވެގެން، ނުވަތަ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ހިންނެގޭ މަޝްރޫޢުތަކެއް ނޫންކަމަސް ސަރުކާރުން ވަނީ ބުނެފައެވެ.
އިންތިޚާބު ކުރިމަތިވެފައި ވަނިކޮށް ފެށި މަޝްރޫޢުތައް:
– ކޮމަންޑޫގައި ފުޓުބޯޅަ ދަނޑެއް އެޅުމުގެ މަސައްކަތް
– ދެ ކޮމަންޑޫ ގުޅާލުމުގެ އަމަލީ މަސައްކަތް
– ކޮމަންޑޫ އައު އިންޖީނުގޭގެ ޚިދުމަތް ފެށުން
– ކޮމަންޑޫ ކައިރިން 3 ރިސޯޓެއް ހަދަން ހުޅުވާލުން
– މަރޮށި ބަނދަރުގެ އަމަލީ މަސައްކަތް ފެށުން
މިމަޝްރޫޢުތަކަކީ އިންތިޚާބު ބޯމަތިވެފައިވަނިކޮށް އެއްވެސް ނުފޫޒެއް ނުފޯރުވޭ ގޮތަށް ސަރުކާރުން ފަށާފައިވާ މަޝްރޫޢުތަކެކެވެ. މިހުރިހާ ކަމަކާއިއެކުވެސް ސަރުކާރަށް އޮތް ޕްރެޝަރު ކުޑަކޮށްވެސް ކުޑަވާ ތަނެއް ނުފެނެއެވެ. ސަރުކާރުގެ މަތީ ފަންތީގެ ވަފްދެއް ކޮމަންޑޫ ދާއިރާއަށް ދަތުރު ނުކުރާ ދުވަހެއް ނުދެއެވެ. އެމްޑީޕީގެ އިސް ބޭފުޅުންނާއި، މަޖިލިސް މެމްބަރުންނާއި، ޚުދު ރައީސުލްޖުމްހޫރިއްޔާއާއި ނައިބް ރައީސްވެސް ވަނީ ކޮމަންޑޫ އަށް މިކެމްޕެއިންގައި ވަޑައިގެންފައެވެ.
މީގެ އިތުރުން ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާއި، އަދާލަތުންވެސް ވަނީ އެމްޑީޕީގެ ކެނޑިޑޭޓަށް ތާއީދުކޮށް ކެމްޕެއިން ދަތުރުތައް ފެށުމަށް ތައްޔާރުވެފައެވެ. އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިވަގުތުވެސް ހުންނެވީ ކޮމަންޑޫ ދާއިރާގައެވެ. އެމަނިކުފާނު ވިދާޅުވަނީ މިއިންތިޚާބު ފަސޭހަ ކަމާއިއެކު ނަގާނެކަމަށެވެ. ނަމަވެސް ފެންނަމުންދާ މަންޒަރާއި، ސަރުކާރުގެ ނުތަނަވަސްކަން ހުރި މިންވަރު ކޮމަންޑޫ ދާއިރާއަށް ބަލައިލުމުން ދަނީ ފެންނަމުންނެވެ.
މިއިންތިޚާބުގައި ސަރުކާރުގެ ނުފޫޒާއި ބާރުގައި އެތަކަމެއް ހައިމާކާއި، ލޯރީތަކާއި، މަހާ ޖައްރާފާއި، އެނޫންވެސް ތަކެތި ކޮމަންޑޫ ދައިރާގައިގެ ރަށްތަކުގައި ހުރި ނަމަވެސް އިންތިޚާބުގެ ކެމްޕެއިންގައި މިހާތަނަށް ސަރުކާރުން އުންމީދުކުރާ ފަދަ މަންޒަރެއް މިދާއިރާއިން އަދި ނުފެނެއެވެ. އެކަން އެންމެބޮޑަށް ހާމަވީ ފޯކައިދޫގައި ބޭއްވި ޖަލްސާގައި ރައީސް ނަޝީދުވެސް ވަނީ މި ކެމްޕެއިންގައި ފެންނަން ބޭނުންވާ އެތައް މޫނުތަކެއް ނުފެންނަ ކަމަށް ވިދާޅުވެފައެވެ.
މިހުރިހާ ޕްރެޝަރާއިއެކު ކޮމަންޑޫ ދާއިރާގައި ސަރުކާރުން ނުފޫޒާއި، ބާރާއިއެކު ވަރުގަދަ ކެމްޕެއިނެއް ކުރަމުންދާއިރު، އިދިކޮޅު ކެނޑިޑޭޓް މޫސާ ފަތުހީއަށް އޮތް ތާއީދަށް ކުޑަވެސް ލޮޅުމެއް އަރުވާލެވޭ ގޮތެއް ނުވެއެވެ. މިއިންތިޚާބުގައި އިދިކޮޅު ލީޑަރު ރައީސް ޔާމީން ކޮމަންޑޫ ދައިރާއަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުހަބާ ކިޔުމަށް އެތައްބަޔަކު ވަނީ ނިކުމެފައެވެ.
ކޮމަންޑޫ ދާއިރާގެ ތިން ރަށުން ފަތުޙީގެ ކެމްޕެއިނުގައި ފެނިގެންދާ އެންމެ ތަފާތު މަންޒަރަކީ ގިނަ ޒުވާނުންތަކެއް ފަތުޙީގެ ފަހަތުގައި ތިބުމެވެ. އަދި ހަމަ މިއާއިއެކު ފެށުނީއްސުރެއް ޕީޕީއެމްއަށް ތާއީދުކުރާ ވަގުގަދަ ބޭފުޅުން ގުޑުވާލުމަށް އަދި ސަރުކާރަށް މާބޮޑު މަސައްކަތެއް ކުރެވިފައިވާތަނެއް ނުފެއެވެ. އިންތިޚާބުގައި ސަރުކާރަށް އޮތް އެންމެ ބޮޑު ބޮލުގެ ރިހުމަކީވެސް، ފަތުހީގެ ފަހަތުގައި އޮތް ޓީމު ގުޑުވައިނުލެވުމެވެ.
މިއިންތިޚާބުގައި މި ދެކެނޑިޑޭޓުންގެ އިތުރުން އެމްއެންޕީން ވާދަކުރާ ކެނޑިޑޭޓުގެ ތާއީދުވެސް އެއްދުވުން އަނެއް ދުވަހަށް ދަނީ އިތުރު ކުރަމުންނެވެ. މިވެސް ސަރުކާރަށް އޮތް އިތުރު ގޮންޖެހުމެކެވެ. އެމްއެންޕީގެ ކެނޑިޑޭޓަކީވެސް ކޮމަންޑޫ ދައިރާގައި ބަސްވިކޭ ބޭފުޅަކަށްވާއިރު، ޚަންނާނަކީވެސް މިއިންތިޚާބުގައި މާބޮޑުތަނުން ބަލިވެދާނެ ކެނޑިޑޭޓެއް ކަމަށް ނުބެލެވެއެވެ.
އިންތިޚާބުގެ ކުރިއަށް އޮތް 10 ދުވަހަކީ މިކެމްޕެއިންގައި އެތަކެއް މަންޒަރެއް، އެތަކެއް އަޑެއް އިވިގެންދާނެ ދުވަސްތަކަށްވާއިރު، އިންތިޚާބުގެ ނަތީޖާ ބަދަލުކޮށްލުމަށްވެސް މި 10 ދުވަހަކީ ވަރަށް މުހިންމު 10 ދުވަހަށް ވެގެންދާނެއެވެ.