އެމެރިކާގެ ރިޔާސީ އިންތިޚާބުގައި މިހާރު ވޯޓު ގުނަމުންދާ 4 ސްޓޭޓުގައި ވޯޓުތައް ގުނާ ނިމެމުންދާ ވަރަކަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އިތުރަށް ފުރުސަތު ހަނިވެ، ޑިމޮކްރަޓިކް ޕާޓީގެ ކެޑިޑޭޓް ޖޯބައިޑް ކުރި ހޯއްދަވަމުން ގެންދަވާކަމަށް ނަތީޖާއިން ދަނީ ދައްކަމުންނެވެ.
މިހާތަނަށް އައިއިރު ވޯޓުގެ %99 ވޯޓު ގުނާ ނިމިފައިވާއިރު، އަދިވެސް ނަތީޖާ ޔަގީން ނުކުރެވިވާ ސްޓޭޓްތަކަކީ އެރިޒޯނާ، ޖޯޖިއާ، ވިސްކަސިން އަދި ޕެންސަލްވޭނިއާއެވެ.
މިގޮތުން ޖޯޖިއާގައި މިހާރު ބައިޑްން ކުރީގައި އުޅުއްވަނީ އެންމެ 917 ވޯޓުންނެެވެ. މިއީ ރިޕަބްލިކަނުންގެ މެޖޯރިޓީ މިހާތަނަށް ކޮންމެ އިންތިޚާބެއްގައިވެސް އޮތް، 1992 ވަނަ އަހަރަށްފަހު ޑިމޮކްރަޓުންނަށް މިސިޓީގެ މެޖޯރިޓީ ލިބިގެންދިޔަ ފުރަތަމަ ފަހަރެވެ.
މީގެއިތުރުން ނެވާޑާ އަދި އެރިޒޯނާގައިވެސް ކުޑަތަފާތަކުން ބައިޑންް އުޅުއްވަނީ ކުރީގައެވެ.
ދެން އެންމެ ވާދަވެރިކޮށް ދެ ކެޑިޑޭޓުން ވާދަކުރަމުންދާ ސްޓޭޓަކީ ޕެންސަލްވީނިއާއެވެ. 20 އިލެކްޓޯރަލް ވޯޓު އެކުލެވޭ މިސްޓޭޓުގައި ޓްރަމްޕަށްވުރެ ބައިޑްން ފަހަތުގައި އުޅެނީ އެންމެ 18،000 ވޯޓުގެ ތަފާތަކުންނެވެ. މިހާރުގެ ނަތީޖާއަށް ބަލާއިރު ޕެންސަލްވޭނިއާ ކާމިޔާބު ނުކޮށް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމުގެ ފުރުސަތު ޓަރަމްޕްއަށް ލިބިގެނެއް ނުދާނެއެވެ.
ޕެންސަލްވީނިއާއަކީ އެންމެ ފުރަތަމަ ނަތީޖާ އިއުލާން ކުރަންފެށިއިރު، ޓްރަމްޕް ބައިޑްންއަށްވުރެ 500،000 ވޯޓުން ކުރީގައި އޮތް ސްޓޭޓެކެވެ. އެހެންނަމަވެސް ބައިޑް ކުރި ހޯއްދަވަން ފަށާފައިވަނީ، ޕޯސްޓު މެދުވެރިކޮށް ވޯޓުލީ މީހުންގެ ނަތީޖާތައް އަންނަން ފެށުމާއި އެކުއެވެ.
ނަތީޖާތައް ދައްކާގޮތުން ދުރާލާ ވޯޓު ލާފައިވާ މީހުންގެ ޖުމްލަ %70 ވޯޓު ބައިޑްން ކާމިޔާބު ކުރައްވާނެއެވެ.
އިންތިޚާބުގެ ކާމިޔާބީ ވަރަށް އަވަހަށް ޖޯބައިޑްން އިއުލާންކުރާނެ ކަމަށް ބަލާ، އެމެރިކާގެ ސީކްރެޓް ސާވިސްގެ ފުރިހަމަ ރައްކާތެރިކަމުގެ ދަށަށް ބައިޑްން ގެނައުމުގެ މަސައްކަތް ސީކްރެޓް ސާވިސްއިން ފަށާފައިވާ ކަމަށް ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނަމުން ދެއެވެ.
އެމެރިކާގެ ވޮޝިންގޓަން ޕޯސްޓުގައި ހާމަކޮށްފައިވާ ގޮތުގައި ހުކުރުދުވަހުން ފެށިގެން ސީކްރެޓް ސާވިސްއިން ވަނީ ބައިޑްން ދިރިއުޅުއްވާ އަވަށް ކަމުގައިވާ ވިލްމިންގްޓަންގައި ބައިޑްންގެ ސެކިއުރިޓީ ވަރުގަދަ ކުރަން ފަށާފައެވެ.
މި އިންތިޚާބު ޖޯބައިޑްން ކާމިޔާބު ކުރައްވައިފިނަމަ ބައިޑްން ވެގެންދާނީ މުޅި އެމެރިކާގެ ތާރީޚުގައިވެސް އެންމް ގިނަ ވޯޓު ހޯއްދަވައިގެން އެމެރިކާގެ ރައީސްކަމަށް ވަޑައިގަންނަވާ ބޭފުޅާއަށެވެ. މިއީ މިހާތަނަށް އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ ދަމަހައްޓަމުން އައި ރެކޯޑެކެވެ.
ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި 71 މިލިއަނަށްވުރެ ގިނަ ވޯޓު ބައިޑްންއަށް ލިބިގެން ދިޔަ ދިއުމަކީ މިހާ ބޮޑު އަޢުލަބިއްޔަތަކުން ބައިޑްން ބަލައިގަތް ގަތުމެއްގެ ބަދަލުގައި އެމެރިކާގެ ގިނަ ރައްޔިތުން ޓްރަމްޕަށް ނޫނެކޭ ބުނި ބުނުމެއްގެ ގޮތުގައި މާނަކުރެވިގެން ދާނެއެވެ.
މީގެ އިތުރުން ބައިޑްން އެމެރިކާގެ ރައީސްކަމަށް އިންތިޚާބު ވެގެން ދިއުން ވެގެންދާނީ މީގެ 30 އަހަރު ކުރިން ފެށިގެން އޭނާ ދެކެމުން އައި ހުވަފެނުގައި ހަގިގީ ކުލަ ޖެހިގެންދާ ދިއުމެއްގެ ގޮތުގައެވެ.
މިހާރުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިއިންތިޚާބަކީ ފާއިތުވެދިޔަ 120 އަހަރު ދުވަހުގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް އެމެރިކާގައި ރައްޔިތުން ވޯޓުލާން ނިކުތް އިންތިޚާބެވެ. މިހާރު ދައްކާގޮތުން މިއިންތިޚާބުގައި %66.9 ރައްޔިތުން ވަނީ ވޯޓުލާފައެވެ.
އެހެން އަހަރުތަކުގެ އިންތިޚާބުތަކާއި ޚިލާފަށް މިއަހަރުގެ ރިޔާސީ އިންތިޚާބުގައި 100 މިލިއަނަށްވުރެ ގިނަ އެމެރިކާގެ ރައްޔިތުންވަނީ ދުރާލާ ވޯޓު ލާފައެވެ. މީގެ ތެރޭގައި ގިނަ އަދަދެއްގެ ރައްޔިތުން ވޯޓުލާފައިވަނީ ޕޯސްޓުގެ ޒަރީއާއިންނެވެ.
ކޮމެންޓު ފޮނުވާ