5-11 ދެމެދުގެ ކުދިންނަށް ވެކްސިން ދޭން ތައްޔާރުވަނީ

5-11 ދެމެދުގެ ކުދިންނަށް ވެކްސިން ދޭން ތައްޔާރުވަނީ

Author
މުޙައްމަދު ޖިމީ
24 ޖެނުއަރީ 2022 10:40
0

ޢުމުރުން ފަސް އަހަރާއި 11 އަހަރާއި ދެމެދުގެ ކުދިންނަށް ކޯވިޑް ވެކްސިން ދިނުމަށް ބޭނުންވާ ވެކްސިން ރާއްޖެ ގެނައުމުގެ މަސައްކަތް އެޗްޕީއޭއިން ބުނެފިއެވެ.

އެޗްޕީއޭއިން އިއްޔެ ބޭއްވި ޕްރެސްކޮންފަރެންސްގައި އެޗްޕީއޭގެ އިމިއުނައިޒޭޝަން ޕްރޮގްރާމު ހެޑް ނާޝިޔާ އަބްދުއްޣަފޫރު ވިދާޅުވީ، ޢުމުރުން ފަސް އަހަރާއި 11 އަހަރާ ދެމެދުގެ ކުދިންނަށް ވެކްސިން ފެށުމުގެ ޕްލޭން މިހާރު ތައްޔާރުކުރަމުން އަންނަކަމަށެވެ. ނާޝިޔާ ވިދާޅުވީ އެ ޢުމުރުފުރާގެ ކުދިންގެ މަޢުލޫމާތު މިހާރު އެއްކޮށްފައިވާކަމަށާިއ، އެ ޢުމުރުފުރާގެ ކުދިންނަށް ވެކްސިން ދިނުމަށް އެޗްޕީއޭއިން ވާންޖެހޭ ތައްޔާރީތައް މިހާރު ވެ ނިމިފައިވާކަަމަށެވެ.

ނާޝިޔާ ވިދާޅުވި އެ ޢުމުރުފުރާގެ ކުދިންނަށް ވެކްސިން ދިނުމަށް ބޭނުންވާ ވެކްސިން ގެނައުމާއި ގުޅޭ ނިންމުންތައް ނިމުމުން ވެކްސިން ޕްރޮގްރާމް ފަށާނެކަމަށެވެ.

ޢުމުރުން 5 އަހަރާއި 11 އަހަރުގެ ކުޑަކުދިންނަށް ކޯވިޑް-19ގެ ވެކްސިން ދިނުމުގެ ޙުއްދަ ދުނިޔޭގެ ބައެއް ޤައުމުތަކުގައި ދީފައިވެއެވެ. ރާއްޖޭގައި މިހާރު ކޯވިޑް ދިފާޢު ވެކްސިން ދެމުން އަންނަނީ ޢުމުރުން 12 އަހަރުން މަތީގެ ކުދިންނާއި މީހުންނަށެވެ. އެގޮތުން 12 އަހަރާއި 17 އަހަރާއި ދެމެދުގެ ކުދިންނަށް ވެކްސިން ދެމުން އަންނަނީ ސްކޫލްތަކާއި ގުޅިގެންނެވެ. އަދި އެ ޢުމުރުފުރާގެ ކުދިންގެ 84 އިންސައްތަ ކުދިން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ.

އެޗްޕީއޭގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ވެކްސިންގެ ދެޑޯޒް 369 ހާހަށްވުރެ ގިނަ މީހުން ވަނީ ފުރިމަކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.