ރާއްޖޭގެ މަސްވެރިންނަށް ހަމަ އަގު ހޯދައި ދިނުމަކީ އެމްޑީޕީން އަބަދުވެސް އެންމެ ބޮޑަށް މަސައްކަތް ކުރާ ސިޔާސަތުކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ކޮމަންޑޫގައި ރޭ ބޭއްވި ޖަލްސާގައ ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީއަކީ އަބަދުވެސް މަސްވެރިން ބާނާ ބަހަށް ހަމަ އަގު ހޯދައި، މަސްވެރިން ބާނާ މަހުގެ އަގު އުފުލުމަށް މަސައްކަތް ކުރާ އެސިޔާސަތު ގެންގުޅޭ ޕާޓީކަމަށެވެ. މިހާތަނަށްވެސް މިކަމަށް ގިނަ މަސައްކަތް ކުރެވިފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ މަސްވެރިންނަށް، ޚާއްސަކޮށް ކޮމަންޑޫ ދާއިރާގައި މަސްވެރިކަންކުރާ އެތައް މަސްވެރިންނަށް ލިބެމުންދާ ފައިސާއަކީ އެންމެ ރަނގަޅު އަދަދެއް ނޫންކަމަށެވެ. އެކަން ބަދަލު ކުރެވޭނީ އެމްޑީޕީން ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން ކަމަށާއި، ގޭދޮށު މަސްފެކްޓްރީ އަޅައި، ރަށްރަށުގައި މަސް ބަންދުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަކީ މަސްވެރިންނަށް ލިބޭނެ އާމްނީ އިތުރު ކުރެވޭނެ ގޮތްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
މަސްކިލޯއެއްގެ އަގު އޭރުވެސް މިހާރުވެސް ހުރި މިންވަރާއި، ރާއްޖޭގެ މަސްވެރިންނަށް އޭގައި ލިބޭ ކުޑަމިންވަރަކީ އަބަދުވެސް ފާހަގަވާ ކަމެއް. މަހުގެ އަގު އުފުލުން އެއީ އެމްޑީޕީން އެންމެ ބޮޑަށް މަސައްކަތް ކުރާ ސިޔާސަތު. މަހުގެ އަގު އުފުލޭނީ އަމިއްލަ ރަށުގައި މަސް ބަންދު ކުރެވޭނެ ގޮތްވުމުން.
– ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ރަށްރަށުގައި ގޭދޮށު މަސް ފެކްޓްރީ ހަދައިގެން ޔޫރަޕް ފެންވަރުގެ ބަދިގެ ތަކެއްގައި އެކަން ނުކުރެވެންވީ އެއްވެސް ސަބަބެއް ނެތްކަމަށެވެ. މިހާރުވެސް ރާއްޖޭގެ 200 އެއްހާ ރިސޯޓްގައި މިކަން ކުރަމުންދާއިރު، މީހުން ދިރިއުޅޭ ރަށްރަށުގައި ގޭދޮށު މަސްފެކްޓްރީ ނޭޅެންވީ ހަމަ އެއްވެސް ސަބަބެއް ނެތްކަމަށެވެ. މިކަން ކޮމަންޑޫގައި ކުރެވިގެންދާނެކަން ފާހަގަކޮށް ރައީސް ނަޝީދުވަނީ މަސްވެރިންނަށް ހަމަ އަގު ހޯދައި ދެއްވާނެކަމަށް އަނެއްކާވެސް ވިދާޅުވެފައެވެ.
އަޅުގަނޑުމެން ވައުދުވަނީ ގޭދޮށު މަސް ފެކްޓްރީ އެޅުމަށް. މަހުގެ އަގު އުފުލުމަށް މިއަދު ކުރަންވީ ކަމަކީ މަސް ރަށްރަށުގައި ތިބެ ބަންދުކުރެވޭނެ ގޮތެއް ހެދުން. މިހާރުވެސް 200 ރިސޯޓުގައި ޔޫރަޕްގެ ފެންވަރުގެ ބަދިގެ އެބަހުރި. އެތަންތަނުން މިކަން އެބަކުރޭ. އެމަސައްކަތް މީގެއިން ރަށަކަށް ފޮރުޅާލަންޖެހޭ ކަމަށް އަބަދުވެސް މިދަނީ ބުނަމުން.
– ރައީސް ނަޝީދު ވިދާޅުވިއެވެ.
ރާއްޖޭގެ މަސްވެރިންނަށް ހަމަ އަގު ހޯދައި ދޭނެކަމަށް އެމްޑީޕީން އެކި ވައުދުތައް ވަމުންދިޔަ ނަމަވެސް މިހާތަނަށް އެކަން ކޮށްދެވިފައި ނުވެއެވެ. މިވެރިކަމުގައި މަސްވެރިން ގިނަ މުޒާހަރާތަކެއް ސަރުކާރުގެ ސިޔާސަތުތަކާއި ދެކޮޅަށް ކުރަމުންދާއިރު، އެއިންކަމަށް މިހާތަނަށް ހައްލު ހޯދިފައި ނުވެއެވެ. ނަމަވެސް ސަރުކާރުން ބުނަމުންދަނީ މަސްވެރިންގެ ކަންބޮޑުވުންތަކަށް ވަރަށް އަވަހަށް ހައްލު ހޯދައި ދޭނެކަމަށެވެ.