ކޯވިޑް-19ގެ ބަލިމަޑުކަން ކުރިމަތި ނުވިނަމަ، މިސަރުކާރުން ދިވެހި ރައްޔިތުންނަށް ގެނެސްދިން ތަރައްޤީ މާބޮޑަށްވެސް އިތުރުވެ، ފެނުނު ބަދަލު މާބުޑުވީސް ކަމުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރާ ރާޝީދުގެ ކެމްޕެއިންގައި މިރޭ ކޮމަންޑޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ކޯވިޑްގެ ބަލިމަޑުކަމުގެެ ތެރޭގައިވެސް ރާއްޖެއަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާކަމަށެވެ. ކޯވިޑްގެ ތެރޭގައިވެސް ކަންކަން މެނޭޖްކޮށް ބޭނުންވި ތަރައްޤީ ހާސިލް ކުރުމުގައި ރައީސް ޞާލިހު ވަނީ އުންމީދު ކުރިވަރަށްވުރެވެސް ރަނގަޅަށް ނަތީޖާ ނެރެފައިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ކޯވިޑްގެ ތެރޭގައި މުޅިދުނިތެ ބަންދުވެ އިޤްތިޞާދު ހުއްޓުމަށް ދިޔަ ނަމަވެސް ސަރުކާރުން ވަނީ ވަރަށް ރަނގަޅަށް ކަންކަން މެނޭޖްކޮށްފައިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ރައްޔިތުންނަށް ބޭނުންވާ އެތައްކަމެއް ކޮށް، ތަރައްޤީގެ އެތައް ކަމެއް މުޅި ރާއްޖޭގައި ހުއްޓުމެއްނެތި ކުރެވެމުންދާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ކޯވިޑް ކުރިމަތި ނުވިނަމަ ހީވެސް ނުކުރާފަދަ ބަދަލެއް ގެނެވުނީސް ކަމަށެވެ.
ކޯވިޑްގެ ބަލިމަޑުކަން ނައިނަމަ، ފެނުނު ބަދަލު މާބޮޑުވާނެ. ރައީސް ޞާލިހު ކޯވިޑްގެ ބަލިމަޑުކަން ބަލަހައްޓާފައިވަނީ އަޅުގަނޑުމެން އެންމެން ފަހުރުވެރިވާ ގޮތަކަށް. އަޅުގަނޑުމެންނަށް އެނެގޭ އިޤްތިޞާދީ ބަދަލު ގެނައުމަށް ކުރަންހުރި މަސައްކަތް އެބަހުރިކަން. އެއީ އުމްރާނީ ބިނާތަކުން ގެނެވޭނެ ބަދަލެއްނޫން. ހިންގާ ޕްރޮގުރާމުތަކުން ގެނެވޭ ބަދަލެއް.
– ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ޑިމޮކްރަސީއާއިއެކު އުފެދިގެން އައި ސިޔާސީ ޕާޓީ ނިޒާމުގެ ތެރެއިން ރާއްޖޭގެ ރައްޔިތުން އުންމީދުކުރި ބަދަލު އަދިވެސް ނާންނަކަމަށެވެ. އެބަދަލު ގެނެވޭނީ އެމްޑީޕީއަށް ކަމަށާއި، މިހާތަނަށްވެސް ގެނައި ބަދަލެއް ގެނައި ތަފާތެއް ދެއްކީ އެމްޑީޕީންކަމަށެވެ.
މިނިޒާމު އޮތުމުން އިރުއިރުކޮޅާ ރައްޔިތުންގެ ކައިރިއަށް ގޮސް ބޭނުންވާ ކަންކަން އޮޅުންފިލުވައި ރައްތިތުން ބޭނުންވާ ކަންކަން ސާފުވާކަމަށާއި، އަދި ރައްތިތުން އެދޭ ބަދަލު ގެނައުމަށްވެސް ފުރުސަތު ލިބިގެދާކަމަށެވެ. ކޮމަންޑޫއަކީ އެމަނިކުފާނު ނުހަނު ގިނައިން އަންނަ ހިތްވާ ރަށެއްކަން ފާހަގަކުރަމުން ރައީސް ނަޝީދު ވިދާޅުވީ ކޮމަންޑޫއަށް ގެންނަން ބޭނުންވާ ތަރައްޤީއަކީ އާންމު މީހާގެ ޖީބަށް ވަންނަ އާމްނަދީ އިތުރު ކުރުންކަމަށެވެ.
ރައީސް ނަޝީދު ވަނީ މިރޭ އިދިކޮޅު ކެނޑިޑޭޓް ފަތުހީއަށް ނިސްބަތްކޮށް ރައްދުތަކެއް ދެއްވާފައެވެ. ވިދާޅުވީ ފަތުހީއަކީ މީގެ ކުރިން ކަތީބުކަމާއި، ކުޑަ ކަތީބުކަމާއި އެނޫންވެސް ލާމަރުކަޒީ ނިޒާމާއި ބީރައްޓިވި ނިޒާމުގައި އުޅުއްވާފައިވާ ބޭފުޅަކަށްވާއިރު އެފަދަ ބޭފުޅަކަށް ލާމަރުކަޒީ ނިޒާމުން ގެންނަންޖެހޭ ބަދަލުތަކެއް ނޭގޭނެކަމަށެވެ. މިނިޒާމަށް ފަރިތަ ބޭފުޅަކަށް ވާނީ އެމްޑީޕީގެ ކެނޑިޑޭޓް ކަމަށާއި، މިއިންތިޚާބުގައި ވޯޓު ދޭންވީ ތިލަފަތަށް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
One Response
ތެދެއް ހަޒާނާ ހުސްކޮށް ލާފަ ގައުމު އިންޑިޔާއަށް ހަވާލުކޮށްފާ ރާބޯން ދިޔައީހީ އިގިރޭސިބިލާތަށް ވާހަކަ ބަރާބަރު.