ރާއްޖެއިން އިތުރު 2،484 މީހުން ކޯވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ، (އެޗް.ޕީ.އޭ)އިން އެންމެފަހުން ޢާއްމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި 2،484 މީހަކު ކޯވިޑަށް ޕޮޒިޓިވްވެފައިވެއެވެ. މީގެ ތެރެއިން 1،268 މީހުންނަކީ މާލެއިން ޕޮޒިޓިވްވި މީހުންނެވެ. އަދި ރަށްރަށުން 728 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވާއިރު ރިސޯޓްތަކުން 81 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. އަދި ސަފާރީތަކުން 3 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. މިއާއެކު ރާއްޖެއިން މި ބަލިޖެހުނު މީހުންގެ ޢަދަދު ވަނީ 117،461 އަށް އަރާފައެވެ.
އަލަށް ކޯވިޑް ޖެހުނު މީހުންނާއެކު ބަލީގައި ފަރުވާ ހޯދާ މީހުންގެ ޢަދަދުވެސް މިހާރު ވަނީ ކަންބޮޑުވާ މިންވަރަކަށް އިތުރުވެފައެވެ. މިވަގުތު 14،636 މީހަކު ފަރުވާ ހޯދަމުން އަންނައިރު އޭގެތެރެއިން 47 މީހަކަށް ފަރުވާދެމުން އަންނަނީ އެޑްމިޓްކޮށްގެންނެވެ.
މިދިޔަ 24 ގަޑިއިރު 882 މީހަކު ވަނީ މި ބަލިން ރަނގަޅުވެފައެވެ. މިއާއެކު ޖުމުލަ 102،542 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. ކޯވިޑް ބަލި ދެނެގަތުމަށް ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 7،536 ސާމްޕަލެއް ވަނީ ޓެސްޓުކޮށްފައެވެ. ރާއްޖެއިން މި ބަލީގައި މިހާތަނަށް 270 މީހަކު ވަނީ ނިޔާވެފައެވެ.
ކޯވިޑްގެ އައު ވޭރިއަންޓެއް ކަމަށްވާ އޮމިކްރޯން ރާއްޖޭގައިވެސް ފެތުރެމުން އަންނާތީ ކޯވިޑުން ދިފާޢުވުމަށް އަޅާ ފިޔަވަޅުތަކަށް ސަމާލުވުމަކީ މުހިއްމުކަމެކެވެ. އެގޮތުން ބަލީގެ ޢަލާމާތްތައް ހުރި މީހެއްނަމަ ވީއެންމެ އަވަހަކަށް ޓެސްޓުކޮށް ނަތީޖާ ލިބެންދެން މީހުންގެ ތެރެއަށް ނިކުމެ ނޫޅުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރައްވައެވެ. އަދި ބޭރުގައި އުޅޭ ވަގުތުތަކުގައި މާސްކުއެޅުމަށާއި ގައިދުރުކަން ކަށަވަރުކުރުމަކީ މުހިއްމު ކަމެކެވެ.
ކޮމެންޓު ފޮނުވާ