ކާޑެއްދޫ އެއަރޕޯޓް އަންނަ މަހު ވިލާއާއި ހަވާލުކުރަނީ

ކާޑެއްދޫ އެއަރޕޯޓް އަންނަ މަހު ވިލާއާއި ހަވާލުކުރަނީ

ސުޕްރީމް ކޯޓްގެ ޙުކުމާއި އެއްގޮތަށް ކާޑެއްދޫ އެއަރޕޯޓް ވިލާ އެއަރ އާއި ހަވާލުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ އެއަރ ކުންފުންޏަށް ކާޑެއްދޫ އެއަރޕޯޓް ހިންގަން 50 އަހަރަށް 2013 ވަނަ އަހަރު ދީފައިވަނިކޮށް އެ އެއްބަސްވުން ބާތިލުކުރީ ރައީސް ޔާމީންގެ ސަރުކާރުގައި 2107 ވަނަ އަހަރުގެ ތެރޭގައެވެ. އެއްބަސްވުން ބާތިލުކޮށް އެއަރޕޯޓް އަތުލަން ސަރުކާރުން ދެއްކި ސަބަބަކީ ސިވިލް އޭވިއޭޝަންގެ މިންގަޑުތަކާއި ހިލާފަށް ހިންގާކަމަށް ބުނެއެވެ. ދައުލަތުގެ މި ނިންމުމާއި އެކު ވިލާ އެއަރއިން ވަނީ މި މައްސަލާގައި ސިވިލްކޯޓާއި ހައިކޯޓްގައި ދައުލަތާއި ދެކޮޅަށް ދައުވާކޮށްފައެވެ. އެ ދެކޯޓުންވެސް މައްސަލަ ނިންމާފައިވަނީ ވިލާ އެއަރ އެއްކޮޅަށެވެ. އަދި އެއްބަސްވުން އުވާލީ ގޯސްކޮށްކަމަށް ކަނޑައަޅާ އެއަރޕޯޓް ވިލާއާއި ހަވާލުކުރުމަށް ދެކޯޓުގެ ހުކުމްގައިވެސް ވެއެވެ.

ދަށުކޯޓްގެ ނިންމުންތައް ސުޕްރީމްކޯޓްގައި އިސްތިއުނާފުކުރީ ދައުލަތުންނެވެ. މި މައްސަލަ ނިންމާ ސުޕްރީމްކޯޓުން ނިންމި ނިންމުމުގައިވެސް ވަނީ ދަށުކޯޓްގެ ނިންމުންތަކަށް ތާއިދުކޮށް އެނިންމުންތައް ދަމަހައްޓާފައެވެ. މި މައްސަލަ ނިންމާ ސުޕްރީމްކޯޓުން އިއްވި ހުކުމްގައި ވަނީ ސިވިލް އޭވިއޭޝަންގެ އުސޫލުތަކާއި ހިލާފަށް ކާޑެއްދޫ އެއަރޕޯޓް ހިންގާކަން ސާބިތުކުރަން ދައުލަތުން ހުށައެޅި ލިޔެކިޔުންތަކީ އެކަން ސާބިތުކުރެވޭ ވަރުގެ ލިޔެކިޔުންތަކެއް ނޫންކަމަށެވެ. ދައުލަތުން މިކަން ސާބިތުކުރުމަށް ހުށައަޅާފައިވަނީ މޯލްޑިވިއަނުން ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ.

ހުކުމްގައި ބުނެފައިވަނީ މޯލްޑިވިއަން އަކީ ވިލާގެ ވާދަވެރި ކުންފުންޏަކަށް ވާއިރު އެ ރިޕޯޓަކީ ކަމެއް ސާބިތުކުރަން ފުދޭވަރުގެ ލިޔުމެއް ނޫންކަމަށެވެ. އަދި އެރިޕޯޓްގައި ރަންވޭގެ ފެންވަރު ނެތްކަމަށް ބުނި ނަމަވެސް މިއަދާއި ހަމައަށްވެސް މޯލްޑިވިއަންގެ ފްލައިޓްތައް ކާޑެއްދޫ އަށް ޖައްސާކަން ހުކުމުގައި ވަނީ ފާހަގަކޮށްފައެވެ. އަދި ތަނުގައި ހުރި އާދައިގެ ކަންކަން އިސްލާހުކުރަން އެންގުމަކީ އެއްބަސްވުން ބާތިލުކުރަން ޖެހޭ ސަބަބެއްވެސް ނޫންކަމަށް ސުޕްރީމްކޯޓުގެ ހުކުމުގައިވެއެވެ. މިގޮތަށް ހުކުމްކުރީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ.

ނަމަވެސް މިހާތަނަށް އެކުންފުންޏައި އެ އެއަރޕޯޓް ހަވާލުކޮށްފައެއް ނުވެއެވެ. ޓްރާންސްޕޯޓް މިނިސްޓަރަކީ ޤާސިމް އިބްރަހީމްގެ އަނބިކަނބަލުން އާއިޝަތު ނަހުލާއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ސުޕްރީމް ކޯޓްގެ ހުކުމާ އެއްގޮތަށް ކާޑެއްދޫ އެއަރޕޯޓް ވިލާ އެއަރ އާއި ހަވާލުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށާއި، އެކަމުގެ އެއްބަސްވުން ފައިނަލް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށެވެ. އަދި އަންނަ މަހުހަވާލުކުރުމަށް މަސައްކަތްކުރާކަމަށްވެސް ބުންޏެވެ.

ކާޑެއްދޫ އެއަރޕޯޓްގެ ވާހަކަ އަނެއްކާވެސް ތިލަވެފައި މިވަނީ އެއަރޕޯޓަށް މިހާރު އެރަށަށް އަރާފައިބާ ބަނދަރުގެ ޖެޓީ މަރާމާތުނުކޮށް އޮތްތާ ގިންދުވަސް ވެފައިވާތީ ބޮޑު ބައެއް ވެއްޓިފައިވުމާއެކުއެވެ. އެމްޓީސީސީން މިހާރު ދަނީ އެކަން ހައްލު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *