އަންނަ މަހުގެ ފަސްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން ތާއީދުކުރާ ކެނޑިޑޭތަކީ އެމްޑީޕީގެ ކެނޑިޑޭޓް މުހައްމަދު ރާޝިދުކަމަށް ނިންމައިފިއެވެ.
އަދާލަތުން ތާއީދު ކުރާނެ ކެނޑިޑޭޓަކު ކަނޑައެޅުމަށްޓަކައި މިއަދު ބޭއްވި އެ ޕާޓީގެ މަޝްވަރާ މަޖިލީހުގެ ބައްދަލުވުމުގައިވަނީ ތާއީދު ކުރާނެ ކެނޑިޑޭޓަކާއި ގުޅޭގޮތުން މަޝްވަރާކޮށްފައެވެ. މިބައްދަލުވުމުގައި ނިންމާފައިވަނީ އެމްޑީޕީގެ ކެނޑިޑޭޓް ރާޝިދަށް ތާއީދު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އެދިވަޑައިގެންފައިވާތީ ރާޝިދަށް ތާއީދު ކުރުމަށް ނިންމާފައެވެ.
އަދާލަތު ޕާޓީން މިގޮތަށް ނިންމި ނަމަވެސް އެޕާޓީގެ އިސްކޮށް ހަރަކާތްތެރިވާ ބައެއް ބޭފުޅުން ގެންދަވަނީ އެމްޑީޕީއަށް ވޯޓު ނުދިނުމަށްވެސް ގޮވާލަމުންނެވެ. އެގޮތުން އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ މެމްބަރު ޝައިޚު ޒައިދުވަނީ އެމްޑީޕީގެ ކެނޑިޑޭޓަށް ވޯޓު ނުދިނުމަށް ގޮވާލާފައެވެ.
އަދާލަތުން އެމްޑީޕީގެ ކެނޑިޑޭޓަށް ތާއީދުކުރަން ނިންމިއިރު، އަދާލަތު ޕާޓީގެ ސްލޮޓެއްގައި އިސްލާމިކް މިނިސްޓަރަށް ހުންނެވި ޑރ. އަހުމަދު ޒާހިރު އަލީއާއި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ގެންދަވަނީ އެމްޑީޕީގެ ކެންޑިޑޭޓް ރާޝިދުގެ ކެމްޕޭނުގައި ބައިވެރިވެ ވަޑައިގަންނަވަމުންނެވެ.
ވެރިކަން ކުރާ ކޯލިޝަންގައި އަދާލަތު ޕާޓީ ހިމެނޭއިރު، އެ ކޯލިޝަންގައި ދެން ހިމެނޭ ޖުމްހޫރީ ޕާޓީން ވެސް ވަނީ އެމްޑީޕީގެ ކެންޑިޑޭޓަށް ތާއިދުކުރަން ނިންމައިފައެވެ. ކޯލިޝަންގައި ދެން ހިމެނޭ އެމްއާރުއެމް ވަނީ އެމްޑީޕީގެ ކެނޑިޑޭތަށް ތާއީދުނުކޮށް، އިންތިޚާބަށް ބޮޑެތި ނުފޫޒު ފޯރުވަމުންދާކަމަށް ތުހުމަތު ކޮށްފައެވެ. އަދި މިއިންތިޚާބުގައި ރައްޔިތުންގެ ވިސްނުމަށް އެންމެ ރަނގަޅު ކެނޑިޑޭޓަކަށް ވޯޓު ދިނުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
އަންނަ މަހުގެ ފަސް ވަނަ ދުވަހު މި އިންތިހާބު ބާއްވަން ނިންމާފައިވާއިރު، ކެނޑިޑޭޓުން ދަނީ ފޯރި އާއި އެކީ ކެމްޕޭނު ކުރަމުންނެވެ. އެ ދާއިރާގައި ހިމެނޭ ކޮމަންޑޫގައި ދެ ވޯޓު ފޮށި، ފޯކައިދޫގައި ދެ ވޯޓު ފޮށި، މަރޮށީގައި އެއް ފޮށީގެ އިތުރުން މާލޭގައި ވޯޓު ފޮއްޓެއް ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވެއެވެ.
One Response
އިމްރާންމެނަކީީ މިދުނިޔޭގެެ އުފާހާސިލްކުރުމައްް ކޮންމެފަދަަ ކަމެއްކުރަންފަސްނުޖޭހޭނެެ ބަޔެއްކަމައްް ގަބޫލްކުރަންް ދީނޭކިޔައިގެންް ވާހަކަަ ދެއްކޭވަރައްވުރެެ ދަށުދަރަޖައިގެެ އަމިއްލައެދުންބޮޑުު ބަޔެއްް