އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ކާމިޔާބީ ވަރަށް އަވަހަށް ޖޯބައިޑްން އިއުލާންކުރާނެ ކަމަށް ބަލާ، އެމެރިކާގެ ސީކްރެޓް ސާވިސްގެ ފުރިހަމަ ރައްކާތެރިކަމުގެ ދަށަށް ބައިޑްން ގެނައުމުގެ މަސައްކަތް ސީކްރެޓް ސާވިސްއިން ފަށާފައިވާ ކަމަށް ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނަން ފަށައިފިއެވެ.
އެމެރިކާގެ ވޮޝިންގޓަން ޕޯސްޓުގައި ހާމަކޮށްފައިވާ ގޮތުގައި ހުކުރުދުވަހުން ފެށިގެން ސީކްރެޓް ސާވިސްއިން ވަނީ ބައިޑްން ދިރިއުޅުއްވާ އަވަށް ކަމުގައިވާ ވިލްމިންގްޓަންގައި ބައިޑްންގެ ސެކިއުރިޓީ ވަރުގަދަ ކުރަން ފަށާފައެވެ. ސެކިއުރިޓީ ސާވިސްއިން ބައިޑްންގެ ސެކުއިރިޓީ ވަރުގަދަ ކުރަން ފަށާފައި މިވަނީ ކޮންމެ ވަގުތެއްގައިވެސް ބައިޑްން ކާމިޔާބީ އިއުލާން ކުރައްވަން ނިންމަވާފާނެކަމަށް ބަލާ، ޖޯ ބައިޑްންގެ ކެމްޕޭން ޓީމުންވެސް އެންމެ ފަހުގެ ތައްޔާރީތައް ވާން ފަށާފައިވާ ކަމަށް ޚަބަރުފަތުރާ އެކިއެކި ވަސީލަތްތަކުން ހާމަކުރަމުން ދަނިކޮށެވެ.
ސީކްރެޓް ސާވިސްއިން ބައިޑްންގެ ވަށައިގެން ގާއިމްކުރާ ރައްކާތެރިކަމުގެ ފަށަލަ ވަރުގަދަ ކުރުމަށްޓަކާ މަސަކަތް ފަށާފައިވަނީ، ބައިޑްގެ ކެމްޕޭންގެ ފަރާތުން، ވިލްމިންގްޓަންގައި ހުންނަ ކޮންވެންޝަން ސެންޓަރ އަދި އިތުރު އެއްދުވަހަށް ބައިޑްގެ ކެމްޕޭނާ ގުޅުންހުރި އެކިއެކި ކަންކަމުގައި ބޭނުން ކުރާނެކަން ސީކްރެޓް ސާވިސްއަށް އެންގުމާއި ގުޅިގެންނެވެ. ޚަބަރު ލިބިފައިވާ ގޮތުގައި ހުކުރު ދުވަހު، މި ކޮންވެންޝަން ސެންޓަރުގައި ހުންނަވައިގެން ބައިޑްން ގައުމާއި މުޚާތަބު ކުރައްވާނެއެވެ.
އެމެރިކާގެ ސީކްރެޓް ސާވިސްގެ ތަރުޖަމާން ކެތްރީން މިލްހޯންވަނީ މި މައުލޫމާތާއި ގުޅޭގޮތުން ކޮމެންޓް ކުރައްވަން ދެކޮޅު ހައްދަވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި، ސީކްރެޓް ސާވިސްއިން ރައްކާތެރިކަން ފޯރުކޮށްދޭ ފަރާތްތަކާއި ގުޅޭ އެއްވެސް މަޢުލޫމާތެއް އެ އޭޖެންސީގެ ފަރާތުން އާންމުނަށް ހާމައެއް ނުކުރާނެއެވެ.
ބައިޑްނެގެ ކެމްޕޭންގެ ފަރާތުންވެސް ވަނީ ރަސްމީ ހައިސިއްޔަތުން އެއްވެސް ކޮމެންޓެއް ކުރުމަށް ދެކޮޅު ހައްދަވާފައެވެ.
ހުކުރު ދުވަހުންފެށިގެން ބައިޑްގެ ރައްކާތެރިކަމަށްޓަކާ ސީކްރެޓް ސާވިސްއިން ޚާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައިވާއިރު، އިންތިޚާބީ ރައީސްއަކަށް ފޯރުކޮށްދޭ ރައްކާތެރިކަމުގެ ފެންވަރަށް ފިޔަވަޅުތައް ވަރުގަދަ ކޮށްފައިވާކަމެއް އަދި ބައިޑްންގެ ކެމްޕޭނަށްވެސް ޔަގީން ނުވެއެވެ. އަދި އިންތިޚާބީ ރައީސެއްގެ ފެންވަރަށް ރައްކާތެރިކަން ހަމަޖެހިގެންދާނީ ކިހާތާކުން ފެށިގެންކަމެއްވެސް އަދި ޔަގީންވެފައި ނުވާކަމަށްވެސް މައުލޫމާތު ލިބެއެވެ.
އެމެރިކާގެ ސީކްރެޓް ސާވިސްގެ ފަރާތުން، އާންމު ގޮތެއްގައި ވޯޓު ގުނާ ނިމި، އިންތިޚާބު ކާމިޔާބު ކުރާ ކެޑިޑޭޓަކު ކަޑައެޅިގެންދިއުމާއެކު، ސެކިއުރިޓީ އޭޖެންޓުންނާއި ވަސީލަތްތައް އެތައް ގުނައަކަށް އިތުރުކޮށް، ހުވާކުރުމަށް ތައްޔާރުވާ ރައީސްގެ ސެކިއުރިޓީ އެތައް ގުނައަކުން އިތުރުކުރެއެވެ. އާންމު ގޮތެއްގައި ރައްކާތެރިކަން މި ދަރަޖައަށް މަތި ކުރެވިގެންދަނީ، އިންތިޚާބުގެ ނަތީޖާ އިއުލާން ކުރެވޭ ރޭގަ، އެއްކެޑިޑޭޓަކު ބަލި ގަބޫލުކޮށް، ކާމިޔާބު ކުރާ ކެޑިޑޭޓް އިންތިޚާބު ކާމިޔާބު ކުރެވިއްޖެކަން އިއުލާނު ކުރުމަށްޓަކާ ގައުމާ މުޚާތަބު ކުރައްވާ ހިސާބުންނެވެ.
އެމެރިކާގެ މިހާރުގެ ރައީސް ޓްރަމްޕް އަދިވެސް ގެންދަވަނީ އިންތިޚާބު އޮޅުވާލާފައިވާކަމަށް ތުހުމަތު ކުރައްވާ، ނަތީޖާ ގަބޫލުކުރެއްވުމަށް ދެކޮޅު ހައްދަވާނެކަމަށް ވިދާޅުވަމުންނެވެ.
އެމެރިކާގެ ރިޔާސީ އިންތިޚާބުގަ މިހާރު ނަތީޖާ އާންމު ނުކުރެވިވަނީ އެންމެ 4 ސްޓޭޓެއްގައެވެ. އަދި ޓްރަމްޕަށް އިންތިޚާބު ކާމިޔާބު ކުރެވެން އަންނަނީ މި 4 ސްޓޭޓުގެ ތެރެއިން ޕެންސެލްވީނިއާ ކާމިޔާބު ކޮށްގެންނެވެ. މި 4 ސްޓޭޓްގަވެސް ދެ ކެޑިޑޭޓުން ވާދަކުރަމުން ދަނީ ވަރަށް ވާދަވެރިކޮށެވެ.
އެމެރިކާގެ ރައީސްއާއި އަދި ރައީސްގެ އާއިލާގެ އިތުރުން ނާއިބުރައީސްގެ އާއިލާއަކީ އެގައުމުގެ 'ސީކްރޓް ސާވިސް’އިން ހިމާޔަތްދޭން ގާނޫނީގޮތުން ލާޒިމްކޮށްފައިވާ ފަރާތްތަކެވެ. މީގެ އިތުރުން ކުރީގެ ރައީސުންނާއި އެބޭފުޅުން އަބިއަބި ކަބަލުންގެ އިތުރުން 16 އަހަރު ނުފުރޭ ދަރިންނާއި އަދި އެމެރިކާގަ ބޭއްވޭ ރިޔާސީ އިންތިޚާބުތަކުގައި ވާދަކުރާ ރިޔާސީ ކެޑިޑޭޓުންނާއި ރަނިންގ މޭޓުންނަކީވެސް އެގައުމުގެ ސީކްރެޓް ސާވިސްއިން ރައްކާތެރިކަން ފޯރުކޮށްދިނުން ގާނޫނުން ލާޒިމް ކޮށްފައިވާ ފަރާތްތަކެވެ.
އެމެރިކާގެ ކުރީގެ ނާއިބުރައީސުންނަށް ރައްކާތެރިކަން ފޯރުކޮށްދިނު ލާޒިމް ކޮށްފައިވަނީ މަގާމުގެ މުއްދަތު ހަމަވާތާ 6 މަސްދުވަހުގެ މުއްދަތަށެވެ.