ގދ.ކާޑެއްދޫ އެއަރޕޯޓް ޖެޓީ ވެއްޓި ލިބިފައިވާ ގެއްލުންތައް ނެތެގަތުމުގެ މަސައްކަތް އެމްޓީސީސީން މިއަދު ފަށައިފިއެވެ.
ގދ.ކާޑެއްދޫ އެއަރޕޯޓް ޖެޓީ ވެއްޓުމާއި ގުޅިގެން އެކަމުގެ ކަންބޮޑުވުން އެދާއިރާގެ ގިނަ ރައްޔިތުން ދަނީ ފާޅު ކުރަމުންނެވެ. އެއަރޕޯޓް ބޭނުންކުރާ ފަރާތްތަކުން އެރަށަށް އަރާ ފޭބުމަށް ބޭނުންކުރަމުން އައި ޖެޓީގެ ބޮޑު ބައެއް މިއަދު ވަނީ ކަނޑައިގެން ވެއްޓިފައެވެ.
ޖެޓީ ވެއްޓި ލިބިފައިވާ ގެއްލުންތައް ދިރާސާކޮށް، ކުރަންޖެހޭ މަސައްކަތް ފެށުމަށް އެމްޓީސީސީން ވަނީ މިއަދު މަސައްކަތް ފަށާފައެވެ. އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްވެސް ވަނީ މިމަސައްކަތް އެކުންފުނިން މިހާރު ކުރަމުންދާކަމަށް ވިދާޅުވެފައެވެ. އަދި މިހާރު ސާވޭގެ މަސައްކަތް ފެށިފައިވާކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.
@MTCCPlc survey team is now at site to do the survey. https://t.co/TwUdC7lc50
— Adam Azim (@adamazim) January 21, 2022
ކާޑެއްދޫ ޖެޓީއަކީ ކޮންމެ ދުވަހަކުވެސް އެތައްބަޔަކު ބޭނުން ކުރަމުންދާ ޖެޓީއަކަށްވާއިރު، ޖެޓީ ކުއްލިއަކަށް ކަނޑައިގެން ވެއްޓުމަކީ މިކަމަށް ދާއިމީ ހައްލެއް ލިބެންޖެހޭ ކަމެއްކަމަށް އެދާއިރާގެ މަޖިލިސް މެމްބަރުންނާއި، ކައުންސިލް އިދާރާތަކުގެ އިސްވެރިންވެސް ދަނީ ވިދާޅުވަމުންނެވެ.
ކާޑެއްދޫ އެއަރޕޯޓްގެ 50 އިންސައްތައަށް ވުރެ ބޮޑުބައެއް ވެޓިފައިވާކަމަށް އެސަރަހައްދުގެ ބައެއް މީހުން ބުނެފައިވެއެވެ. ކާޑެއްދޫ އެއާޕޯޓަކީ ވިލާކުންފުނިން ހިންގަމުންދާ އެއާޕޯޓެކެވެ. ނަމަވެސް އެއާޕޯޓުގައި ވިލާއިން މާބޮޑު މަސައްކަތްތަކެއް ކުރިއަށް ނުގެންދާތީ އެދާއިރާގެ މަޖިލިސް މެމްބަރުންވެސް ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.