ހައްގަކީ ހަމައެކަނި ވަނާތައް ފާޅުކޮށް މުޖުތަމަޢުތެރޭގައި ލާހޫރުން ކަމަށް ދެކުމަކީ ޖާހިލުކަމާ ލާދީނީ ކަން ނޫން އިތުރު ކޮންކަމެއްތޯ ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު (މޮސްޓާ) ވިދާޅުވެއްޖެއެވެ.
ނަޝީދު މިފަދައިން ވިދާޅުވީ ރާއްޖޭގެ ބައެއް ސްކޫލުތަކުގައި މަސައްކަތް ކުރަމުންދާ މޫނު ބުރުގާ އެޅި ޓީޗަރުންނަށް މޫނު ބުރުގާ ނެގުމަށް އަންގަމުންދާތީ ގިނަ ބަޔަކު އެކަމުގެ ކަންބޮޑުވުން ފާޅު ކުރަމުންދާ ދަނޑިވަޅެއްގައެވެ. ނަޝީދު ވިދާޅުވީ މޫނު ބުރުގާ އަޅާ ކަނބަލުން މޫނު ބުރުގާ އަޅަނީ، އެއީ މާތް ރަސްކަލާންގެ ޝަރުޢުކުރެއްވި ޙުކުމަކަށްވާތީ އާއި، މޫނު ބުރުގާ އެޅުން ވާޖިބުކަމަށް ދެކޭތީ ކަމުގައެވެ.
އެއީ އެކަމުގައި އޮތް ރަނގަޅު ގޮތް ކަމަށް ޤަބޫލުކުރާތީ. އެކަނބަލުންގެ އަމިއްލަ މިނިވަންކަމާއި، ވިސްނުމުގަ. ބަޔަކު މަޖުބޫރުކޮށް ބިރުދައްކައިގެނެއް ނޫން. މޫނާއި ދެ އަތްތިލަ ފޮރުވުން ވާޖިބުވެގެން ނުވާ ކަމަށް ދެކި، އެގޮތަށް ޢަމަލުކުރާ ކަނބަލުންނަށް އެގޮތަށް ހެދުން އެޅުމުގެ ފުރުސަތާއި މިނިވަންކަން ލިބިގެންވާއިރު، މޫނު ނިވާކުރުން ވާޖިބުކަމަށް ދެކޭ ކަނބަލުންނަށް އެގޮތަށް ހެދުން އެޅުމުގެ ފުރުސަތާއި މިނިވަންކަން ހުރިހާ ގޮތަކުން ވެސް ލިބެންޖެހޭ.
– ނަޝީދު ވިދާޅުވިއެވެ.
އެހެންކަމުން މި ފެންނަނީ، އަނެކާއަށް އިޙްތިރާމް ކުރުމަށް ގޮވަމުން، ތިމާ ޤަބޫލުކުރާ ގޮތްތައް އެހެން މީހުންނަށް މަޖުބޫރުކުރާ ތަން ކަމަށާއި، ތިމާމެން މިނިވަންކަމާއި، ޙައްޤުތަކާއި، ހަމަހަމަކަން ވިއްކާ، އެފަދަ ބޯޑުތައް އަޅުވައިގެން ތިބެގެން ކުރިއަރުވަނީ، އަޅުވެތިކަމާއި ހުދުމުޚްތާރުކަން ކަމުގައި ނަޝީދު ވިދާޅުވިއެވެ. ޤަވާއިދަކީ އިންސާނާ ހަދާ އެއްޗަކަށްވާއިރު، އިންސާނާއަށް އެ ބަދަލުވެސް ކުރެވޭނެ ކަމަށެވެ.
މޫނުބުރުގާ އަޅައިގެން ސްކޫލުތަކުގައި މަސައްކަތް ކުރުމާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، 2019 ގެ ކުރިން ސްކޫލްތަކުގައި މޫނު ބުރުގާ އަޅައިގެން މަސައްކަތް ކުރުން އޮތީ މަނާކޮށްފައިކަމަށެވެ. އަދި މޫނު ބުރުގާ އަޅައިގެން ސްކޫލްގެ މަސައްކަތަށް ނިކުންނަ މުވައްޒަފުންނަށް ފިޔަވަޅުއަޅާ ސަސްޕެންޑްވެސް ކޮށްފައިވާކަމަށެވެ.
މޫނު ބުރުގާ އަޅައިގެން ކިޔަވައިދޭން ބޭނުންވާ މުދައްރިސުންނަށް އެ ފުރުޞަތު ފަހިކޮށްދީފައިވަނީ، ކިޔަވައިދޭ ވަގުތުގައި ދަރިވަރުންނަށް މޫނު ފެންނާނެގޮތަށް ތިބޭގޮތަށެވެ. އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ، އަނގައާއި މޫނުމަތީގެ އިޝާރާތްތަކަކީ މުވާސަލާތު ކުރުމުގައި ޒަރޫރީ ކަންކަމަށްވެފައި، ކިޔަވައިދޭ ފިލާވަޅު ދަރިވަރުންނަށް ފަހުމުވުމުގައި މި އިޝާރާތްތައް މުހިއްމު ދައުރެއް އަދާކުރާކަމަށެވެ. އަދި ފިލާވަޅަށް ދަރިވަރުންގެ ޝައުގުވެރިކަން ހޯދުމުގައިވެސް މުދައްރިސުގެ ނޮންވަރބަލް ބިހޭވިއަރ މުހިއްމު ދައުރެއް އަދާކުރާކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ފިލާވަޅު ރަނގަޅަށް ދޭހަވުމުގައި ދަރިވަރުންނަށް މުދައްރިސުގެ މޫނުގެ އިޝާރާތްތަކާއި ނޮންވަރބަލް ބިހޭވިއަރ ކޮންމެހެން ފެނުން ލާޒިމްކަމުގައި ވީނަމަވެސް، މި ދުވަސްވަރު މުދައްރިސުން ކިޔަވައިދިނުމުގައި މާސްކު އެޅުމަށް އަންގާފައިވަނީ ސިއްޙީގޮތުން ދިމާވެފައިވާ ޚާއްޞަ ޙާލަތަކާ ގުޅިގެން މަޖްބޫރީ ޙާލަތެއް މެދުވެރިވެފައިވާތީކަމަށެވެ.
ކޮމެންޓު ފޮނުވާ