ރަޝިއާއިން ޔޫކުރެއިންއަށް އަރާ އެގައުމު ހިފުމަށް ރައްޔާރުވަމުންދާ ކަމުގެ ކަންބޮޑުވުން އިންތިހާއަށް މައްޗަށް ގޮސްފައި ވަނިކޮށް، އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް އެންތަނީ ބްލިންކަން ޔޫކުރެއިންއަށް ކުރައްވަމުން މިހާރު ގެންދަވާ ދަތުރުފުޅުގައި، ބައިޑްންގެ ސަރުކާރުން އަސްކަރީ އެހީގެ ގޮތުގައި އެގައުމަށް އިތުރު 200 މިލިއަން ޑޮލަރުގެ ދިނުމަށް ނިންމާފައިވާކަން އެމެރިކާއިން ހާމަ ކޮށްފިއެވެ.
އެކެރިކާގެ ސްޓޭޓް ޑިޕާންޓްމަންޓުގެ އިސް އޮފިޝަލަކު ބައެއް މީޑިއާތަކަށް މައުލުމާތު ދެއްވަމުން ވިދާޅުވެފައިވަނީ މިއެހީއަކީ، ޔޫކުރެއިން އިން އަމިއްލައަށް ދިފާޢުވުމަށް އެހީތެރިވެ ދިނުމުގެ ގޮތުން، ފާއިތުވި ޑިސެމްބަރުމަހު ދޭން ނިންމާފައިވާ އެހީއެއް ކަމުގައެވެ. އެހެންނަމަވެސް މި ހަފްތާގެ އަންގާރަ ދުވަހާ ހަމައަށް އެމެރިކާއިންވަނީ، މިއެހީއާއި ގުޅޭގޮތުން އެއްވެސް ކޮމެންޓެއް ކުރުމަށް ދެކޮޅު ހަދާފައެވެ.
އެމެރިކާއިން ޔޫކްރެއިން ދޭން ނިންމާފައިވާ އެހީތެރިކަމުގެ މައުލޫމާތު އާންމު ކޮށްފައިވަނީ، އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް ބްލިނަކަން އެގައުމަށް ދަތުރު ކުރައްވަމުން ގެންދަވަނިކޮށެވެ. އަދި ބްލިންކަންގެ އިތުރުން އެމެރިކާގެ ސަރުކާރުގެ އިސް އޮފިޝަލުން، ރަޝިއާއިން ޔޫކްރެއިންއަށް އަސްކަރީ ހަމަލާ ނުދިނުމަށް އެގައުމަށް އިންޒާރު ދެމުން ދަނިކޮށެވެ.
ޔޫކުރެއިންއަށް ޒިޔާރަތް ކުރައްވާ ބްލިންކަން އެގައުމުގެ ރައީސް ވޮލޮޑިމިރު ޒެލެންސްކީއާއި އަދި ޔޫކުރެއިން ސަރުކާރުން އިސް ބައެއް އޮފިޝަލުންނާއި ބައްދަލު ކުރެއްވުމަށްފަހު، ޔޫރަޕްގެ ލީޑަރުންގެ އިތުރުން ޖާމަނީގެ އިސް އޮފިޝަލުންނާއި ބައްދަލު ކުރެއްވުމަށް މިހަފްތާގެ ބުރާފަތު ދުވަހު އެގައުމަށް ކުރު ދަތުރުފުޅެއް ކުރައްވާނެއެވެ. އަދި އެއަށްފަހު ޖެނީވާގައި ބްލިންކަން ރަޝިއާގެ ފޮރިންގ މިނިސްޓަރާއި ބައްދަލު ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
އޮފިޝަލުން ވިދާޅުވާ ގޮތުގައި، ބްލިންކަން ރަޝިއާގެ ފޮރިންގ މިނިސްޓަރާއި ބައްދަލު ކުރެއްވުމަށް ހަމެޖެހިފައިވަނީ އުފެދިފައިވާ މައްސައަށް ޑިޕްލޮމެޓިކް ހައްލެއް ގެނައުމުގެ އެއްވެސް ޝައުގުވެރިކަމެއް ރަޝިއާއިން ގެންގުޅޭތޯ ކަށަވަރު ކުރުމުގެ މަގުސަދުގައެވެ
ޔޫކުރެއިންގެ ބޯޑަރު ކަރިއަށް ރަޝިއާގެ އެތައް ހާސް ސިފައިންނެއް ޖަމާކުރަމުން ދިއުމާ ގުޅިގެން، ރަޝިއާއިން ޔޫކުރެއިންއަށް އެރުމަށް ރާވަމުންދާ ކަމުގެ ކަންބޮޑުވުން ހުޅަގުގެ ގައުމުތަކުގެ މެދުގައިވަނީ އުފެދިގެން ގޮސްފައެވެ. އަދި އެމެރިކާއިންވަނީ، ރަޝިއާއިން ޔޫކްރެއިންއަށް އަރައިފިނަމަ، ހީވެސް ނުކުރާވަރުގެ ވަރުގަދަ ދަތިކުރުމުގެ ފިޔަވަޅު އެގައުމާ ދެކޮޅަށް އަޅާނެކަމުގެ އިންޒާރު ދީފައެވެ.
އެހެންނަމަވެސް ޔޫކްރެއިންއަށް ހަމަލާދިނުމަށް ރަޝިއާއިން ތައްޔާރުވަމުން ދާކަމަށް ކުރެވެމުންދާ ތުހުމަތުތައް އެގައުމުންވަނީ ދޮގު ކޮށްފައެވެ. އަދި ރަޝިއާއިން ބުނެފައިވަނީ، ޔޫކްރެއިން ބޯޑަރު ކައިރީގައި ކުރިޔަށްދަނީ އެގައުމުގެ އަސްކަރީ ތަމްރީންތައް ކަމަށާއި، އެގައުމުގެ ފަސްގަޑުގެ ކޮންމެ ހިސާބަކަށްވެސް ސިފައިން ޖަމާކުރުމުގެ ހައްގު އެގައުމަށް އޮތް ކަމުގައެވެ.