އދ.ދަނގެތީގައި ރަޙުމްކުޑަގޮތަކަށް މަރާލާފައި އޮއްވައި ފެނުނު މަޙްމޫދު އަބޫބަކުރު މަރާލިކަމަށް، ޢިއުތިރާފްވެފައިވާ ބަންގްލަދޭޝްގެ، ޝާ އަލޮމް (ސާލިމް) ޝަރީއަތުގެ މަޖިލީހުގައިވެސް ކުށަށް އިޢުތިރާފް ވެއްޖެއެވެ.
އޭނާގެ މައްޗަށް އުފުލާފައިވަނީ ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ކުށުގެ ދައުވާއެވެ.
މަޙްމޫދު އަބޫބަކުރުގެ މަރުގެ މައްސަލައާ ގުޅޭގޮތުން ފުލުހުން ވިދާޅުވީ، ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ ޢުމުރުން 29 އަހަރުގެ ޝާ ޢާލޮމް މިއާ، މަޙުމޫދަށް ހަމަލާދީ މަރާލާފައިވަނީ ފައިސާގެ ބޭނުމުގައިކަށެވެ. މިއަދު ކްރިމިނަލް ކޯޓުގައި އޮތް ޝަރީއަތުގެ މަޖިލީހުގައި ސާލިމް ވަނީ އޭނާ މަހުމޫދު މަރާލީ އިނބިލީސް ބޮލަށް ވަދެގެންކަމަށް ބުނެފައެވެ. މަހުލޫމޫދު މަރާލީ ތޫނު ކޮށްފައިވާ ދެ ދަނގަޑުބުރިން އޭނާގެ އޭނާގެ މަޔަށާއި ކަރަށް ހަމަލާދީގެންކަމަށް ސާލިމް ވަނީ ބުނެފައެވެ.
ސާލިމް ކުށަށް އިއުތިރާފްވި ނަމަވެސް މަހުމޫގެ ވާރިސުން ބޭނުންވަނީ މަރަށް މަރު ހިފުމަށެވެ. އަދި މަހުމޫދުގެ ވަކީލް އިއުތިރާފް އެއްބަސްވުން ހަދަން ބޭނުންވާ ކަމަށް ވިދާޅުވި ނަމަވެސް ދައުލަތުން ވަނީ ވާރިސުން މަރަށް މަރު ހިފަން ބޭނުންވާ ކަމުގައިވާނަމަ އިއުތިރާފް އެއްބަސްވުން ނުހެދުމަށް ދައުލަތުން ނިންމާފައިވާކަމަށެވެ.
ސާލިމް ކުށަށް އިއުތިރާފްވުމުން އަވަސް ނިއާއެއްގެ ގޮތުގައި މައްސަލަ ކުރިއަށް ގެންދަން ސާލިމްގެ ވަކީލު އެދިވަޑައިގެންނެވިއެވެ. މިމައްސަލާގައި ސާލިމްއަށް ވަކީލަކު ހަމަޖައްސަން ފައިސާ ނެތުުމުން ދައުލަތުން އޭނާއަށް ހަމަޖެއްސި ވަކީލުވަނީ ސާލިމް ބޭނުންވާނަމަ ޝަރީއަތް ކުރިއަށްދާއިރުވެސް އޭނާގެ އެހީތެރިކަން ލިބޭނެކަމަށް ވިދާޅުވެފައެވެ.
މިމައްސަލައިގައި ދެން ކުރިއަށް ގެންދަން ޖެހޭނީ އަވަސް ނިއާގެ މައްސަލައެއްގެ ގޮތުގައި ކަމަށްވުމުން، ދެން އަޑުއެހުމެއް ބާއްވާނީ މި މަހުގެ 26 ވަނަ ދުވަހުގެ ހެނދުނު 9:30 ގައިކަމަށް މިމައްސަލަ ބައްލާވާ އިސް ގާޒީ އަހްމަދު ޝަކީލްވަނީ ވިދާޅުވެފައެވެ.
މިދިޔަ އަހަރު އޮކްޓޫބަރު 14ވަނަ ދުވަހު މަހްމޫދުގެ ހަށިގަނޑު ފެނުމާއެކު ފުލުހުން ކުރި ތަޙުޤީގު ތެރެއިން އޭގެ ދެދުވަސް ފަހުން، ކޯޓު އަމުރެއްގެ ދަށުން ޝާ އަލޮމް މިއާ ހައްޔަރުކޮށްފައިވާއިރު، އޭނާ ދިރިއުޅުނު ދަނގެތީ ނެދުންގެއިން މަޙްމޫދުގެ އަންނައުނާއި، ގަޑިފަދަ ތަކެތި ފެނިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. ފުލުހުން ވިދާޅުވީ، ޖުމްލަ 6 ތުހުމަތެއް ޝާ އަލޮމް މިއާއަށްކުރެވޭއިރު، ކުށް ކުރިކަން ސާބިތުވާވަރަށް ޝާ އަލޮމް މިއާއާ ދެކޮޅަށް ހެކިލިބިފައިވާކަމަށެވެ.