އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށް ލިބޭ އެލަވެންސް މިމަހުން ފެށިގެން ބޮޑުވާނެކަމަށް އެލްޖީއޭއިން ބުނެފިއެވެ.
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށް މިހާރު ލިބޭ އިނާޔަތް ދެގުނައަށް ބޮޑުކޮށްދެއްވާނެކަން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އެންމެ ފުރަތަމަ ހާމަކުރެއްވީ މިދިޔަ އަހަރުއެވެ. އެލްޖީއޭއިން ބުނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށް ބޮޑު ކުރި އިނާޔަތް ދީގެން ބަޖެޓް ހަދައި މިމަހުންފެށިގެން ދިނުމަށް ކައުންސިލްތަކަށް އަންގާފައިވާނެކަމަށެވެ. އެހެންކަމުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށް މިމަހު ލިބިވަޑައިގަންނަވާނީ ބޮޑުކުރި އިނާޔަތްކަމަށް އެލްޖީއޭއިން ބުންޏެވެ.
ބޮޑުކުރި ޢިނާޔަތާއެކު ސިޓީތަކުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސާއަށް ލިބިވަޑައިގަންނަވާނީ 7000 ރުފިޔާއެވެ. އަދި ސިޓީތަކުގެ, ނާއިބު ރައީސާއަކަށް 6500 އަދި ކޮމިޓީގެ މެންބަރަކަށް 6000 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ. އަދި ރަށްރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސާއަށް 6000 ރުފިޔާ އަދި ނާއިބު ރައީސާއަށް 5500 ރުފިޔާ އަދި ކޮމިޓީގެ މެންބަރަކަށް 5000 ރުފިޔާ މިމަހުން ފެށިގެން ލިބިވަޑައިގަންނަވާނެއެވެ.
ޑަބްލިއުޑީސީ މެންބަރުންނަށް މިހާރު ޢިނާޔަތް ލިބިވަޑައިގަންނަވާ ގޮތް:
ސިޓީ ކައުންސިލްގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީ:
ރައީސާގެ ފިކްސްޑް އެލަވަންސް: 2،500 ރުފިޔާ
ނައިބް ރައީސާގެ ފިކްސްޑް އެލަވަންސް: 2،000 ރުފިޔާ
މެންބަރެއްގެ ފިކްސްޑް އެލަވަންސް: 1،500 ރުފިޔާ
ސިޓިން އެލަވަންސް: 250 ރުފިޔާ
ރަށު ކައުންސިލްގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީ:
ރައީސާގެ ފިކްސްޑް އެލަވަންސް: 2،000 ރުފިޔާ
ނައިބް ރައީސާގެ ފިކްސްޑް އެލަވަންސް: 1،500 ރުފިޔާ
މެންބަރެއްގެ ފިކްސްޑް އެލަވަންސް: 1،000 ރުފިޔާ
ސިޓިން އެލަވަންސް: 250 ރުފިޔާ
އަންހެނުން ބާރުވެރިކުރުމަކީ ސަރުކާރުގެ މުހިންމު ވަޢުދެއްކަމަށެވެ. އެގޮތުން ލާމަރުކަޒީ ޤާނޫނަށް ސަރުކާރުން ގެނައި އިޞްލާޙްތަކާއެކު ކައުންސިލްތަކުން އަންހެނުންނަށް ޚާއްޞަ ގޮނޑިތަކެއް ކަނޑައަޅާފައިވެއެވެ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށް އިނާޔަތް ލިބޭގޮތަށް ޤާނޫނުން ކަނޑައަޅާ ބާރުތަކެއް ވަނީ ދީފައެވެ.