ސިޔާސީ ގޮތުން ހާސިލް ކުރަން ބޭނުންވާ ކަންތައްތަކެއް ހާސިލް ކުރުމަށްޓަކައި، ސިޔާސީ ބޭނުމަށް ޤައުމުގެ ދުވަސް ނުއްވާ ނުލައްވުމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް ގޮވާލައިފިއެވެ.
"އިންޑިއާ އައުޓް"ގެ ހަރަކާތްފުޅާވެ، ފާރުތަކުގައާއި، މަގުތަކުގައި "އިންޑިއާ އައުޓް" ބެނާތައް ގިނަވަމުންދާތީ އެކަމުގެ ކަންބޮޑުވުން ސަރުކާރުން ދަނީ ފާޅު ކުރަމުންނެވެ. ޚާއްސަކޮށް ތައުލީމީ ޚިދުމަތްދޭ ތަންތަނުގައި މިފަދަ އިބާރާތުން ލިޔަމުންދާތީ އެއީ ރާއްޖޭގެ ސްކޫލު މަދަރުސާތަކުގައި ކިޔަވާ ދަރިވަރުންނަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީންވެސް ވަނީ ބުނެފައެވެ.
މިކަމާއި ގުޅިގެން ރޮޒޭނާ ވިދާޅުވީ އިނޑިއާއާއި ރާއްޖެއާއި ދެމެދު އޮތް ގުޅުމަށް ހީނަރުކަން ގެނެސް ސިޔާސީ ގޮތުން ވަކި މަންފާތަކެއް ހާސިލް ކުރުމަށް ކުރެވޭ މަސައްކަތަކީ އެކަމުން އާންމު ރައްޔިތުންނަށް ގެއްލުންތަކެއް ވެގެންދާނެ ހަރަކާތަކަށް ވެގެން ނުވާނެކަމަށެވެ. އިދިިކޮޅު ފަރާތްތަކުން ހިންގަމުންދާ އިންޑިއާ އައުޓް ހަރަކާތް މިހާރު ވެފައިވަނީ ދެޤައުމުގެ ރައްޔިތުންގެ މަސްލަހަތަށް އެކަމުން ބުރޫއަރާ ނުރައްކާތެރި ހަރަކާތަށް ކަމުގައި ރޮޒޭނާ ވަނީ ވިދާޅުވެފައެވެ.
އަޅުގަނޑުމެން އަބަދުވެސް ބުނަމުން އައި ވާހަކަމިއީ، އެހެން ޤައުމަކާއި މެދު ރޯކުރަމުންމިދާ ފިތުނައިގެ ހުޅުގަނޑު ނިއްވާ ނުލައިފިނަމަ، ބޮޑު އަލިފާން ގަނޑަކަށްވެ މީގެ އަސަރު ދެ ޤައުމުގެ އާންމު ރައްޔިތުންނަށް ނުކޮށް ނުދާނެ! ސިޔާސީ ބޭނުމަށް ޤައުމުގެ ދުވަސް ނުއްވާ ނުލައްވާ.
– ރޮޒޭނާ ވިދާޅުވިއެވެ.
ށ.ފުނަދޫ ސްކޫލް ފާރުގައި "އިންޑިއާ އައުޓް" ލިޔުނު މައްސަލަ މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އަންނަނީ ބަލަމުންނެވެ. މިމައްސަލައާއި ގުޅިގެން އެމިނިސްޓްރީން ނެރުނު ބަޔާނެއްގައި ވިދާޅުވީ މިދިޔަ ހަފްތާގެ ތެރޭގައި ށ.ފުނަދޫގައި ކުރިއަށްދިޔަ ސިޔާސީ ޙަރަކާތެއްގެތެރޭގައި އިދިކޮޅު ލީޑަރަކު ގޭގޭގެ ފާރުތަކުގައި "އިންޑިއާ އައުޓް" ލިޔަންވެއްޖެކަމަށް ބުނެ ވާހަކަދެއްކިތާ މާގިނައިރުތަކެއް ނުވެ އެރަށުގެ ސްކޫލްގެ ފާރުގައި މިޢިބާރާތުން ލިޔެފައިވާކަމަށެވެ. މިޢިބާރާތަކީ އެސްކޫލްގައި މަސައްކަތްކުރާ އިންޑިއާ ރައްޔިތުންނަށް ސީދާ ޓާގެޓްކޮށް ލިޔެފައިވާ ޢިބާރާތެއްކަމަށް އެޑިއުކޭޝަންގެ ބަޔާނުގައިވަނީ ވިދާޅުވެފައެވެ.
އެޑިއުކޭޝަން މިނިސްޓްރީއިން ވިދާޅުވީ ސްކޫލްތަކަކީ ގިނަ ޢަދަދަކަށް ބިދޭސީން މަސައްކަތްކުރާ ތަންތަންކަމަށެވެ. މިފަދަ ޢަމަލުތަކުގެ ސަބަބުން ބިދޭސީ ޓީޗަރުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދި އެފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ސްކޫލްތަކުގައި އެދެމުންދާކަމަށެވެ. އެހެންކަމުން މިއީ ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ދެވޭ ޙަމަލާއެއްކަމަށާއި މީގެ ސަބަބުން ދަރިވަރުންގެ ތަޢުލީމަށް އޭގެ ނޭދެވޭ އަސަރުކުރާނެކަމުގެ ކަންބޮޑުވުން އެޑިއުކޭޝަނުން ވަނީ ފާޅުކޮށްފައެވެ.
މިނިސްޓްރީން ވިދާޅުވީ ރާއްޖެއަށް ބިދޭސީ ޓީޗަރުން ގެންނަނީ ދިވެހިން ނުލިބޭ ދާއިރާތަކަށްކަމަށާއި މިހާރުވެސް ބިދޭސީ ޓީޗަރުން ހޯދުމުގައި ކުރިމަތިވަމުންދާ ދަތިތައް ގިނަކަމަށެވެ. އަދި ބިދޭސީ ޓީޗަރުން އަމިއްލަ ޤައުމު ދޫކޮށް ރާއްޖެއަށް އަންނަނީ ކިޔަވައިދޭންކަމަށްވާއިރު މިފަދަ ކެމްޕޭއިންތަކުގެ ސަބަބުން އެފަރާތްތަކުގެ ހިތްތަކުގައި ބިރުވެރިކަން އުފެދި ވަޒީފާ ދޫކޮށް ދިޔުމުގެ ކަންބޮޑުވުން އިތުރުވެފައިވާކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. އެހެންކަމުން މިފަދަ ޢަމަލުތައް ހިންގަމުންދާ ފަރާތްތަކާއި އެކަންކަމަށް ހިތްވަރު ދޭ ފަރާތްތަކުގެ ޢަމަލުތައް މިނިސްޓްރީން ހަރުކަށި ޢިބާރާތުން ކުށްވެރިކުރާކަމަށް އެޑިއުކޭޝަނުން ވިދާޅުވެއެވެ. އަދި ރާއްޖޭގައި ޙަރަކާތްތެރިވާ ބިދޭސީ ޓީޗަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މިނިސްޓްރީން ޚާއްސަ އިސްކަމެއް ދެއްވާނެކަމަށްވެސް އެޑިއުކޭޝަނުން ވިދާޅުވެއެވެ.
ކޮމެންޓު ފޮނުވާ