އިނގިރޭސި ޕްރިމިއާ ލީގުގައި ބްރެންޓްފޯޑް ބަލިކޮށް ލިވަޕޫލް ތާވަލްގެ ދެވަނަ މަގާމަށް ކުރިޔަށް ޖެހިލައިފިއެވެ.
ލިވަޕޫލްގެ ދަނޑުގައި ކުޅުނު މި މެޗު އެޓީމުން ކާމިޔާބުކުރީ 0-3 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި ލިވަޕޫލުން އެޓީމުގެ ފުރަތަމަ ލަނޑު ޖެހީ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން މިނެޓަކަށްވެފައި ވަނިކޮށެވެ. މި ލަނޑު ލިވަޕޫލަށް ކާމިޔާބުކޮށްދިނީ، ފަބީނިއޯއެވެ.
ބްރެންޓްފޯޑްގެ ފަރާތުންވެސް ރަނގަޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު އެޓީމުން ލަނޑެއް ޖެހުމާއި ގާތަށް ޖެހިލިއެވެ. މެޗުގައި ލިވަޕޫލަށް ލީޑު ފުޅާކޮށްދިން ލަނޑު 69 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ، އަލެކްސް އޮކްސްލޭޑް ޗަމްބަލެއިންއެވެ. މިއީ މި ސީޒަނުގައި އޭނާ ޖެހި ފުރަތަމަ ލަނޑެއެވެ. ލިވަޕޫލްގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް މިނަމީނޯއެވެ.
މި މެޗުން މޮޅުވެގެން ހޯދި 3 ޕޮއިންޓާއެކު ލިވަޕޫލް ދެވަނައަށް ކުރިޔަށް ޖެހިލިއިރު، އެޓީމުން ވަނީ 21 މެޗުން 45 ޕޮއިންޓް ހޯދާފައެވެ. ލީގުގެ އެއްވަނައިގައި 22 މެޗުން ހޯދި 56 ޕޮއިންޓާއެކު އޮތީ ޗެމްޕިއަން ސިޓީއެވެ. ލީގު ތާވަލްގެ ތިންވަނައިގައި 22 މެޗުން 43 ޕޮއިންޓް ހޯދައިގެން ޗެލްސީ އޮތްއިރު، ހަތަރު ވަނައިގައި 22 މެޗުން ހޯދި 37 ޕޮއިންޓާއެކު އޮތީ ވެސްޓް ހޭމް ޔުނައިޓެޑެއެވެ.