ކޮމަންޑޫދާއިރާގެ އިންތިޚާބަށް ސަރުކާރު ނުފޫޒާއި ބާރުވެރިކަން ފޯރުވަމުންދާ މިންވަރާއިމެދު މިއަދު ސުވާލު ނުފެދޭވަރަށް ކަންކަން ސާބިތުވެ ފެންނަމުންދާކަމަށް ކޮމަންޑޫ ދާއިރާއަށް ވާދަކުރައްވާ އިދިކޮޅު ކެނޑިޑޭޓް މޫސާ ފަތުހީ ވިދާޅުވެއްޖެއެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ފަތުޙީގެ ކެމްޕެއިން އިފްތިތާހު ކުރުމަށް މިރޭ ފޯކައިދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ފަތުޙީ ވިދާޅުވީ، މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ސަރުކާރު ހިނގަމުންދަނީ ކޮމަންޑޫގައި ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާއާއި، ނައިބް ރައީސާއި، ވަޒީރުންނާއި، ކުންފުނިތަކުގެ ވެރިންވެސް މިއަދު އޮފީސް ހިންގަމުންދަނީ ކޮމަންޑޫގައިކަމަށް ފަތުޙީ ވިދާޅުވިއެވެ. އަދި ހަމަ އެހެންމެ އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ އޮފީސްވެސް މިއަދު ހުރީ ކޮމަންޑޫގައިހެން ހީވާފަދަ ކަމަށް ފަތުޙީ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކުއްލިއަކަށް ނަމަވެސް މިފަދަ ބޮޑު އީދެއް ކޮމަންޑޫ ދާއިރާއިން ފެނިގެންދާކަމީ އުފާވާ ކަމެއްކަމަށެވެ. ރާއްޖޭގެ ވެރިކަން ކުރާ ރަށަކީ މިއަދު ކޮމަންޑޫ ކަމަށް ހީވާ ފަހަރު ގިނަ ރައްޔިތުންނަށް ހީވާއިރު، އިންތިޚާބާއި ދިމާކޮށް ކުއްލިއަކަށް ނުފޫޒާއި ބާރު ފޯރުވުމަށް ކުރަމުންދާ ކަމަކީ ދިވެހި ހުރިހާ ރައްޔިތުންނަށް ވަރަށް ކައިރިން ފެންނަމުންދާނެ ކަންތައްތަކެއްކަމަށް ފަތުޙީ ވިދާޅިވިއެވެ.
އޭނާ ވިދާޅުވީ މަޖިލިސް އިންތިޚާބުގައި އޭނާ ވާދަކުރަނީ މިހުރިހާކަމެއް އެނގި ހުރެކަމަށެވެ. އަދި ޚާއްސަކޮށް މުޅި ދައުލަތް މިއިންތިޚާބު ކާމިޔާބު ކުރަން ހުސްވި މިންވަރާއި، އޭނާ ބަލިކުރުމަށް ކުރަމުންދާ މަސައްކަތާއި ދެކޮޅަށް ސާބިތުވެ ކޮމަންޑޫދާއިރާގެ ރައްޔިތުންގެ ތާއީދާއިއެކު މިއިންތީޚާބު ކާމިޔާބް ކުރުމަށް ކުރަންޖެހުނު ކޮންމެ ކަމެއް ކުރުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.
މަޖިލިސްގައި ވަކާލާތު ކުރާނީ ރައްޔިތުންގެ ހައްގު ކަމަށާއި، ރައްޔިތުންގެ ބަސް އިއްވުމުގައި އެންމެ ވަގުތު ކޮޅެއްވެސް ފަހަތަށް ނުޖެހޭނެކަމަށް ފަތުހީ ވިދާޅުވިއެވެ. އަދި ކޮމަންޑު ދާއިރާގެ ރައްޔިތުންގެ ހައްގުގައި ވަކާލާތުކޮށް، ސަރުކާރު ޖަވާބުދާރީކޮށް ކޮމަންޑު ދާއިރާގެ ރައްޔިތުންގެ މެމްބަރެއްގެ ގޮތުގައި ސާބިތުވެ ހުންނަވާނެކަމަށް ފަތުހީ ވިދާޅުވިއެވެ.