ރާއްޖޭގެ މުޅި މަސްރަހް މިއަދު ދަތުރުކުރަމުންދާ ގޮތުން ރާއްޖޭގައި ކުރަންޖެހޭ ކަންތައްތަކުގެ ތެރެއިން އެންމެ މުހިންމު އެއްކަމަކީ ކުށްމަދު އަމާން މުޖުތަމައެއް ގާއިމް ކުރުން ކަމުގައި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ގދ. ތިނަދޫގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ ތިނަދޫ ޕޮލިސް ސްޓޭޝަންގެ އައު އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތަށްފަހު ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އިމްރާން ވިދާޅުވީ ތިނަދޫގެ ފުލުހުންގެ އައު އިމާރާތް އެޅުމުގެ މަސައްކަތަކީ ދިވެހިރާއްޖޭގެ ރައްޔިތުންގެ ދާހިލީ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކޮށް ރައްޔިތުންނަށް އަމާންކަން ގާއިމުކޮށްދިނުމަށްޓަކައި ސަރުކާރުން ފަށާފައިވާ ފުޅާ މަސައްކަތުގެ ތެރެއިން ވަރަށް މުހިންމު މަސައްކަތެއްކަމަށް ވިދާޅުވިއެވެ.

އަދި ރާއްޖޭގެ މުޅި މަސްރަހް މިއަދު ދަތުރުކުރަމުންދާ ގޮތުން ރާއްޖޭގައި ކުރަންޖެހޭ ކަންތައްތަކުގެ ތެރެއިން އެންމެ މުހިންމު އެއްކަމަކި ކުށްމަދު އަމާން މުޖުތަމައެއް ގާއިމް ކުރުން ކަމުގައި ވިދާޅުވިއެވެ. އަދި މަސްތުވާތަކެތީގެ ބޮޑެތި ނެޓްވޯކްތަކާއި ގޭންގް ހަދައިގެން ހިންގާ ބޮޑެތި ކުށްތައް ހުއްޓުވުމަށް ކުރެވޭ މަސައްކަތުގެ ފުރިހަމަ ނަތީޖާއަކަށް ބަދަލުވެގެންދާނީ އެ ކުށްކުރާ ފަރާތްތަކަށް އެހީތެރިވާވުން ހުރިހާ ލެވެލްއެއްގައި ހުއްޓާލައިގެންކަމަށް ވިދާޅުވިއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް މިރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ފުލުހުންގެ މަސައްކަތްތައް އަމާޒުކުރެވިފައިވަނީ ރައްޔިތުންނަށް ފުލުހުން ދޭ ހިދުމަތް އަލުން ތަރުތީބުކޮށް ޑިމޮކްރަޓިކް ވެއްޓަކަށް އެކަށޭނެ އަދި ތަރައްގީވެފައިވާ ފުލުހުންގެ ހިދުމަތްތަކެއް މުޅި ރާއްޖެއަށް ފޯރުކޮށްދޭ މުއައްސަސާއަކަށް ދިވެހި ފުލުހުންގެ ހިދުމަތް ބަދަލުކުރުން ކަމުގައި ވިދާޅުވިއެވެ. އެގޮތުން ފުލުހުންގެ ހިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އެކަށީގެންވާ ފެންވަރުގެ މަރުކަޒުތައް ގާއިމުކުރުމަކީ ވަރަށް ބޮޑު އިސްކަމެއްދީގެން ކުރަމުންދާ މަސައްކަތެއްކަމުގައި ވިދާޅުވިއެވެ.

ހަމައެއާއެކު އެންމެންނަށް ސާފުކޮށް ފެންނަ ކުށާއި ސަލާމަތީ މާހައުލަށް އަންނަމުންދާ ބޮޑެތި ބަދަލުތަކީ ގޮންޖެހުން ގިނަ ބަދަލުތަކެއްކަމަށާއި އެހެންކަމުން ސިނާއީ މަސައްކަތްކުރާ ފަރާތްތަކާއި ވިޔަފާރިކުރާ ފަރާތްތަކާއި ފަތުރުވެރިކަމުގެ ދާއިރާއަށާއި ވަކިން ހާއްސަކޮށް ގދ. އަތޮޅުގެ ރައްޔިތުންނަށް ދެވެމުންދާ ރައްކާތެރިކަމާއި ފުލުހުންގެ ހިދުމަތައް އިތުރަށް ފުޅާކުރަންޖެހޭކަމަށް ގަބޫލުފުޅު ކުރައްވާކަމަށް ވިދާޅުވިއެވެ. އަދި އެޅިގެންދިޔަ ބިންގަލަކީ އެކަންކަން ފުރިހަމަކުރުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެއް ކަމަށާއި މި ބިންގަލީ ގދ. އަތޮޅުގެ އިގްތިސާދީ ސިނާއަތާއި އިޖްތިމާއީ ފޭރާން ވަރުގަދަ ކުރުމަށް ފުލުހުންގެ ފަރާތުން ބޭނުންވާ ރައްކާތެރިކަން އިތުރުކުރުމށް އެޅިގެންދިޔަ ބިންގަލެއްކަމަށްވެސް ވިދާޅުވިއެވެ.
މީގެއިތުރުން މުޖުތަމައުގެ އަމާންކަމާއި ރައްކާތެރިކަން ދަމަހައްޓައި ކުށްމަދުކޮށް ކުށުގެ ބިރުވެރިކަން ކުޑަކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ އެންމެ ކުރީ ސަފުގައި ފުލުހުންނާއެކު އަތުގުޅާލައިގެން އެކުގައި މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.
މިރަސްމިއްޔާތުގައި ތިނަދޫ ކައުންސިލްގެ ރައީސް ދެއްކެވި ވާހަކަފުޅުގައި އެޅިގެން މިދާ ބިންގަލަކީ މުޅި ހުވަދު އަތޮޅުގެ ރައްޔިތުންނަށް އެ އިމާރާތަކުން ރައްކާތެރިކަން ކަށަވަރު ވެގެންދާނެ އިމާރާތެއް ކަމުގައި ވިދާޅުވިއެވެ. އަދި ތިނަދޫގައި ހިދުމަތް ފޯރުކޮށްދެވޭނެ މިންވަރަށް ފުލުހުން ބޭތިއްބުމަށާއި އަދި ފުލުހުންގެ މަސައްކަތްތައް ހަރުދަނާކަމާއި އަވަސްކަމާއެކު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައްވެސް ގާއިމުކޮށްދިނުމަށް އެދިލެއްވިއެވެ.
ކޮމެންޓު ފޮނުވާ