ރާޝިދަށް ކެމްޕެއިން ކުރެއްވުމަށް ނާއިބު ރައީސް ފޯކައިދޫއަށް ވަޑައިގެންފި

ރާޝިދަށް ކެމްޕެއިން ކުރެއްވުމަށް ނާއިބު ރައީސް ފޯކައިދޫއަށް ވަޑައިގެންފި

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރާ އެމްޑީޕީގެ ކެނޑިޑޭޓް މުޙައްމަދު ރާޝިދަށް ކެމްޕެއިން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ފޯކައިދޫއަށް ވަޑައިގެންފިއެވެ. މި ކެމްޕެއިން ދަތުރުފުޅުގައި ނާއިބު ރައީސްގެ އަރިހުގައި މަޖިލީހުގެ ބައެއް މެންބަރުންނާއި، ސަރުކާރުގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.

ނާއިބު ރައީސްގެ މި ދަތުރުފުޅުގައި ފޯކައިދޫއަށްފަހު އެ ދާއިރާގެ މަރޮއްޓަށް ވަޑައިގެން، އެރަށުގެ ބަނދަރު ހެދުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ. އެއަށްފަހު ކޮމަންޑޫގައި މިރޭ ބާއްވާ ކެމްޕެއިން ޖަލްސާގައިވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

އެމްޑީޕީގެ ކެނޑިޑޭޓްގެ ކެމްޕެއިނަށް ނާއިބު ރައީސް ކޮމަންޑޫއަށް ވަޑައިގެންފައިވާއިރު، ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ)އިންވެސް ވަނީ އެމްޑީޕީގެ ކެނޑިޑޭޓަށް ތަޢީދުކުރުމަށް ނިންމާފައެވެ. ނާއިބު ރައީސްއަކީވެސް ޖޭޕީގެ ބޭފުޅެކެވެ.

ރާޝިދުގެ ކެމްޕެއިން ހަރަކާތް ފެއްޓެވުމަށް ރައިސުލްޖުމްހޫރިއްޔާވެސް މީގެ ކުރިން ކޮމަންޑޫއަށް ވަޑައިގެންފައިވެއެވެ. އަދި ދައުލަތުގެ ވަރަށް ގިނަ ވަޒީރުންވެސް އަންނަނީ އެދާއިރާގައި ވަރުގަދަ ކެމްޕެއިނެއް ކުރައްވަމުންނެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ފޯރި ގަދަވެފައިވާއިރު، މިއިންތިޚާބުގައި އިދިކޮޅުން ވާދަކުރާ ކެނޑިޑޭޓް މޫސާ ފަތުހީގެ ކެމްޕެއިނަށް ޕީޕީއެމްގެ ރައީސް އަދި އިދިކޮޅު ލީޑަރު ރައީސް ޔާމީން އިއްޔެ ކޮމަންޑޫއަށް ވަޑައި ގަތުމަށް ވަނީ ހަމަޖެހިފައެވެ.

ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ހުރިހާ ޕާޓީއެއް އެމްޑީޕީއަށް ތާއީދު ކުރަން ނިންމާފައިވާއިރު، މިއިންތިޚާބުގައި ވާދަކުރާ އެމްއެންޕީއާއި ޕީޕީއެމުންދަނީ އެބޭފުޅުންގެ އަމިއްލަ ސިޔާސަތާއިއެކު އިތުރު ޕާޓީއެއްގެ އެހީއައި ނުލައި އިންތިޚާބުގެ މަސައްކަތް ކުރަމުންނެވެ. ކޮމަންޑޫ ދާއިރާގެ އިންތިޚާބާއި ގުޅިގެން ސަރުކާރުން ދަނީ އެދާއިރާގައި ގިނަ މަސައްކަތްތަކެއް ކުރުމަށް ރާވަމުންނެވެ.

އެގޮތުން މަތި ކޮމަންޑޫ-ކޮމަންޑޫ ގުޅާލުލާއި، މަރޮށީގެ ބަނދަރުގެ މަސައްކަތް ފެށުމާއި، ކޮމަންޑޫ ކައިރި ފަޅުރަށެއް ރިސޯޓް ތަރައްގީ ކުރުމަށް ދޫކުރުންފަދަ ކަންތައް ހިމެނެއެވެ. އަދި ކޮމަންޑޫގައި އައިސް ޕްލާންޓެއްގެ މަސައްކަތް ފެށުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *