ރައްޔިތުންނަށް ގެއްލުންވާ ހުރިހައި ކަމެއް ރައީސް ޔާމީން ކުރާނެކަމަށް ވިދާޅުވެ ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ފާޑުވިދާޅުވެއްޖެއެވެ. ނިހާދު މިފަދައިން ވިދާޅުވެފައިވަނީ ކޮމަންޑޫއާއި މަތިކޮމަންޑޫ ގުޅާލުމަށް ހިންގާ މަޝްރޫޢު ހުއްޓުވުމަށް ބަޔަކު މަސައްކަތްކުރައްވާކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލް އިއްޔެ ތުހުމަތުކުރެއްވުމާއި ގުޅިގެންނެވެ.
ނިހާދު ވިދާޅުވީ ރައްޔިތުންނަށް ގެއްލުން ވާ ހުރިހައި ކަމެއް ރައީސް ޔާމީން ކުރާނެކަމަށެވެ. ރައީސް ޔާމީން ގެންދަވަނީ މާލެ ނޫން އެހެން ރަށްތައް ތަރައްޤީ ކުރުމާއި ދެކޮޅަށް ފާޅުގައި ވަކާލާތު ކުރަމުންކަމަށްވެސް ނިހާދު ވިދާޅުވިއެވެ.
ނިހާދު މިހެން ވިދާޅުވެފައިވާއިރު، އިއްޔެ ދެ ކޮމަންޑޫ ގުޅުވާލުމަށް ބޭއްވި ރަސްމިއްޔާތުގައި ފައްޔަޟް ވިދާޅުވެފައިވަނީ ދެކޮމަންޑޫ ގުޅާލުމަށް ސަރުކާރުން ހިންގާ މަޝްރޫޢު ހުއްޓުވުމަށް ބަޔަކު މަސައްކަތްކުރަނީ ސަރުކާރަށް ކަމެއް ނުކުރެވޭކަން ދެއްކުމަށްކަމަށެވެ. ފައްޔާޒް ވިދާޅުވީ، މިސަރުކާރުން ކޮމަނޑޫއަށާއި އެހެން ދާއިރާތަކަށް ވެފައިވާ ވަޢުދުތައް ފުއްދާނެކަމަށާއި، ސަރުކާރަށް ލިބިފައި އޮތް ވަގުތުގައި އެކަން ކުރައްވާނެކަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ.
ކުރީގެ ސަރުކާރަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވަމުން ފައްޔާޒް ވިދާޅުވީ، އެ ސަރުކާރުގެ ޚުދުމުހުތާރުކަން ރައްޔިތުންނަށް ފެނިފައިވާކަމަށެވެ. މިގޮތުން ޤާނޫނުތައް ބޭނުން ވަގުތަކު ބޭނުންގޮތަކަށް ބަދަލުކޮށް، އާރާ ބާރު އޮވެ ހުރިހާ މުއައްސަސާތަކަށް އަތް ބާނާފައިވާކަމަށް ފައްޔާޒް ތުހުމަތުކުރެއްވިއެވެ. ނަމަވެސް މިސަރުކާރުގެ މައްޗަށް ފާރަވެރިވާ އެތައް މުއައްސަސާއެއް އޮވެ މިސަރުކާރުން އެއްވެސް ނުފޫޒެއް ނުފޯރުވާކަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ. މިގޮތުން މިހާރު ސަރުކާރަށް ފާޑުކިޔަމުން ކޮންމެ ވާހަކައެއްވެސް މީޑިއާއަށް މިހާރު ދެއްކޭނެކަމަށް ފައްޔާޒް ވިދާޅުވުއެވެ.
އަންނަ މަހުގެ 5ގައި ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް ނިންމާފައިވަނިކޮށް ސަރުކާރުން މި މަޝްރޫޢުތައް ކުއްލިއަކަށް ހިންގާތީ އިދިކޮޅުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ކޮމެންޓު ފޮނުވާ