ށ.ކޮމަންޑުއާއި އެރަށު ފަޅުގައި އޮތް މަތިކޮމަންޑޫ ގުޅާލުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ. މިގޮތުން މަތި ކޮމަންޑޫ ބިންހިއްކާ، އެ ހިއްކިބިމާއިއެކު ކޮމަންޑޫއާއި ލިންކަކުން ގުޅާލުމުގެ މަސައްކަތް މިއަދު ފަށްޓަވައިދެއްވީ އެކަމަށްޓަކައި ކޮމަންޑޫގައި ބޭއްވި ރަސްމިއްޔާތެއްގައި އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލްއެވެ.
ށ.ކޮމަންޑުއާއި އެރަށު ފަޅުގައި އޮތް މަތިކޮމަންޑޫ ގުޅާލުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާއެވެ. މިއަދު ފެށި މި މަޝްރޫޢު އަންނަ އަހަރުގެ ސެޕްތެމްބަރު ނިންމާލެވޭނެކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.
ށ.ކޮމަންޑޫ ޝޯޕްރޮޓެކްޝަން ރެކްޓިފިކޭޝަން މަސައްކަތާއި މަތިކޮމަންޑޫ ކަނެކްޓިވިޓީ މަޝްރޫޢުގެ ދަށުން ކޮމަންޑޫގައި 1690 މީޓަރުގެ ޝޯރ ޕްރޮޓެކްޝަން ރެކްޓިފިކޭޝަން މަސައްކަތް ކުރާނެއެވެ. އަދި 16.7 ހެކްޓަރުގެ ބިން މަތިކޮމަންޑޫގައި ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރަށް 1520 މީޓަރުގެ ބޮޑުހިލައިގެ ތޮށި ލުމާއި ޖުމުލަ 353 މީޓަރުގެ ބޮޑުހިލައިގެ ފައިކަށި އަދި 112 މީޓަރުގެ ޖީއޯބޭގް ތޮށި މަތިކޮމަންޑޫގައި ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢުގެ ދަށުން 200 މީޓަރުގެ ދިގުމިނުގެ ލިންކަކުން ކޮމަންޑޫއާއި މަތިކޮމަންޑޫ ގުޅާލާނެއެވެ.
މި މަސައްކަތަކަށް ބޭނުންވާ ތިމާވެށީގެ ދިރާސާތަކާއި ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާން ކުރާ ރިޕޯޓް ތައްޔާރުކުރާނެއެވެ. މި މަޝްރޫޢުއަށް ދައުލަތުގެ ބަޖެޓުން 249 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރާއިރު މަސައްކަތް 730 ދުވަހުގެ ތެރޭގައި ނިންމަން ޖެހެއެވެ.
ކޮމަންޑޫއަކީ ބިން ފުރިފައިވާ ރަށަކަށްވުމުން މީގެ ކުރިން އެރަށު ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއެއް ހިންގާފައިވެއެވެ. ނަމަވެސް އެރަށަށް އެކި ފަހަރު މަތިން ރާޅުއަރައި ހިއްކާފައިވާ ސަރަޙައްދަށް ވަނީ ގެއްލުންވެފައެވެ. މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ކޮމަންޑޫގައި މިހާރު ޤާއިމްކޮށްފައިވާ ތޮށި މަރާމާތުކޮށް އެރަށުގެ ބިން ފުރިހަމަގޮތުގައި ބޭނުންކުރެވޭނެ ގޮތް ހެދޭނޭނީ އިތުރަށް ބިން ހިއްކައިގެން ކަމަށްވާތީ މަތި ކޮމަންޑުއިން ބައެއް ހިއްކައި ދެރަށް ގުޅާލުމަށް ސްރުކާރުން ނިންމީއެވެ.
އަންނަ މަހުގެ 5ގައި ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް ނިންމާފައިވަނިކޮށް ސަރުކާރުން މި މަޝްރޫޢުތައް ކުއްލިއަކަށް ހިންގާތީ އިދިކޮޅުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިއީ އިންތިޚާބަށް ނުފޫޒް ފޯރުވުންކަމަށް އެފަރާތްތަކުން ބުނެއެވެ. ނަމަވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ މިއީ އިންތިޚާބަށް ނުފުޒް ފޯރުވުންކަމަށް އިދކޮޅުން ބުނިނަމަވެސް މިއީ ބާރު ސްޕީޑުގައި ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް ވިދާޅުވެފައެވެ.