އަންނަ މަހުގެ 5 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާއި ދިމާކޮށް، މަތިކޮމަންޑޫ-ކޮމަންޑޫ ގުޅާލުމުގެ މަސައްކަތް ކުރުމަށް ބަޖެޓުން ބޭރުން 250 މިލިޔަން ރުފިޔާ ހަމަޖައްސައި މަސައްކަތް ފަށާތީ ބޮޑެތި ފާޑުކިޔުން އަމާޒުވެއްޖެއެވެ.
ކޮމަންޑޫ މަތިކޮމަންޑޫ ގުޅާލުމުގެ ވައުދަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ވައުދުފުޅެކެވެ. ނަމަވެސް ވެރިކަމަށް ތިން އަހަރުވެ، މިހާރު މިހިނގަމުންދާ އަހަރުގެ ބަޖެޓްގައިވެސް ދެކޮމަންޑޫ ގުޅާލުމުގެ ވާހަކައެއް ފެންނާކަށް ނެތެވެ. މިއީ އަދި މިހާތަނަށް ބަޖެޓް ކުރެވިފައިވާ މަޝްރޫޢެއްވެސް ނޫނެވެ. ޕްލޭނިން މިނިސްޓްރީން ވިދާޅުވެފައިވަނީ ދެ ކޮމަންޑޫ ގުޅައިލުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސަައްކަތް އެމްޓީސީސީއާ ހަވާލުކުރީ 730 ދުވަހުގެ (2 އަހަރާއި 10 ދުވަހުގެ) ތެރޭގައި މަސައްކަތް ނިންމާ ގޮތަށް ކަމަށެވެ. ޕްރޮޖެކްޓުގެ އަގަކީ 249.9 މިލިއަން ރުފިޔާއެވެ.
ދެކޮމަންޑޫ ގުޅާލުމުގެ އަމަލީ މަސައްކަތް މާދަމާ ފަށާއިރު ކުއްލިއަކަށް މިމަސައްކަތް ފެށުމަކީ ކަނޑައެޅިގެން އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ކުރާ ކަމެއްކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އަދި މިއާއިއެކު ސަރުކާރުން ވައުދުވެ ވަޖެޓް ކުރެވިފައިވާ އެތައް މަޝްރޫޢުތަކެއް ނުފެށިހުރިއިރު، ބަޖެޓުގައިނެތް މިހާބޮޑު ޕްރޮޖެކްޓެއް ކުއްލިއަކަށް ފަށަންޖެހުނު ސަބަބާއިމެދުވެސް ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.
މިމަސައްކަތާއި ގުޅިގެން އާންމު އެކުވެރިންގެ ގުޅުން ނުވަތަ ހިޔާ ފްލެޓްގެ އެކި ކަންކަމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ މިދުއަމް ކޮށްފައިވަ ޓުވީޓެއްގައި ބުނެފައިވަނީ ބަޖެޓުން ބޭރުން ކޮމަންޑޫ-މަތިކޮމަންޑޫ ގުޅާލުމުގެ މަސައްކަތް ފެށިއިރު ހިޔާ ފްލެޓުގެ ކުލި 5،600 އަށް ކުޑަކުރަން ބަޖެޓު ކުރަން ޖެހުނީ 153 މިލިއަން ރުފިޔާކަމަށެވެ.
ހަނދާން ކޮށްލަދެން: ހިޔާ ފްލެޓުގެ ކުލި 5،600 އަށް ކުޑަކުރަން ބަޖެޓު ކުރަން ޖެހުނީ 153 މިލިއަން ރުފިޔާ! pic.twitter.com/2pFxB3jTWd
— Midhuam Saud(米渡)???????? (@midh_am) January 12, 2022
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރާ އެމްޑީޕީގެ ކެނޑިޑޭޓް މުޙައްމަދު ރާޝިދުގެ ކެމްޕެއިން އިފްތިތާހު ކުރުމަށް ކޮމަންޑޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވެފައިވަނީ، މިސަރުކާރުން ކޮމަންޑޫ ދާއިރާއަށް ވެފައިވާ ވައުދުތައް ފުއްދާނެކަމަށެވެ. އަދި ކޮމަންޑޫއަށް ދިމާވެފައިވާ ބިމުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަކީ މިސަރުކާރުން ވެފައިވާ ވައުދެއްކަން ފާހަގަކުރައްވާ އެވައުދު ފުއްދުމަށްޓަކައި، މިފެށޭ ހަފްތާގައި މަސައްކަތް ފެށޭނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިއީ ކެމްޕެއިނަށް ނުފޫޒު ފޯރުވުންކަމަށް ވާދަވެރި ފަރާތްތަކުން ވިދާޅުވަމުން ދިޔަނަމަވެސް އެކަން ހުއްޓާލެވޭކަތް ނެތްކަމަށާއި، އެކަންކަން ދާނީ ބާރު ސްޕީޑުގައި ކުރިއަށްކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީތަކާއިއެކު ބޭއްވި ބައްދަލުވުމުގައި އެކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ އިންތިޚާބާއި ދިމާކޮށް ކުއްލިއަކަށް ސަރުކާރުގެ މެނިސްޓޯގައާއި، އަދި ބަޖެޓުގައި ނެތްކަންކަން ކުރުމަކީ އިންތިޚާބަށް ނުފޫޒު ފޯރުވުންކަމަށް ބެލެވޭނެ ޖާގަ އޮންނާނެކަމަށެވެ. އެހެންކަމުން އެއްވެސް ފަރާތްތަކުން އެފަދަ އަމަލުތައް ނުކުރުމަށް ހަބީބް ވަނީ އިލްތިމާސް ކުރައްވާފައެވެ.