ސަރުކާރުން އިންތިޚާބަށް ނުފޫޒު ފޯރުވުމަކީ ހަޑިހުތުރު އަމަލެއް: އިޔާޒު

ސަރުކާރުން އިންތިޚާބަށް ނުފޫޒު ފޯރުވުމަކީ ހަޑިހުތުރު އަމަލެއް: އިޔާޒު

Author
މުޙައްމަދު ޝަޒައިމް
13 ޖެނުއަރީ 2022 08:24
0

އަންނަ މަހުގެ ފަސްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް، ސަރުކާރުން ނުފޫޒު ފޯރުވަމީ ވަރަށް ހަޑިހުތުރު ޢަމަލެއް ކަމުގައި ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.

ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގައިވެސް ހިމެނި ވަޑައިގަންނަވާ ޑރ.އިޔާޒު މިފަދައިން ވިދާޅުވެފައިވަނީ އިންތިޚާބާއި ދިމާކޮށް ކުއްލިއަކަށް އިންތިހާ ބޮޑު އަދަދުތަކުގެ ޕްރޮޖެކްޓްތަކާއި، އެކި މަސައްކަތްތައް ބާރު ސްޕީޑުގައި ފެށިގެން ކުރިއަށްދާތީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް ނުފޫޒު ފޯރުވުމަށް ހިންގޭ މިފަދަ އަމަލު ތަކާއި ގުޅިގެން ޑރ.އިޔާޒު ވިދާޅުވީ، އިންތިޚާބުގެ ޞައްޚަކަން ގެއްލޭ ނުވަތަ އިންތިޚާބަށް ނުފޫޒު ފޯރުވޭފަދަ އެއްވެސް އަމަލެއް ސަރުކާރު އިސްވެއޮވެ ކުރުމަކީ ވަރަށް ނާތަހުޒީބު ހަޑިހުތުރު އަމަލެއް ކަމަށެވެ.

އިންތިޚާބަށް ނުފޫޒު ފޯރުވޭފަދަ އެއްވެސް ޢަމަލެއް ސަރުކާރުގެ ފަރާތުން ކުރެއްވުމަކީ ވަރަށް ހަޑިހުތުރު ޢަމަލެއް.

– ޑރ.އިޔާޒު ވިދާޅުވިއެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރާ އެމްޑީޕީގެ ކެނޑިޑޭޓް މުޙައްމަދު ރާޝިދުގެ ކެމްޕެއިން އިފްތިތާހު ކުރުމަށް ކޮމަންޑޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވެފައިވަނީ، މިސަރުކާރުން ކޮމަންޑޫ ދާއިރާއަށް ވެފައިވާ ވައުދުތައް ފުއްދާނެކަމަށެވެ. އަދި ކޮމަންޑޫއަށް ދިމާވެފައިވާ ބިމުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަކީ މިސަރުކާރުން ވެފައިވާ ވައުދެއްކަން ފާހަގަކުރައްވާ އެވައުދު ފުއްދުމަށްޓަކައި، މިފެށޭ ހަފްތާގައި މަސައްކަތް ފެށޭނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިއީ ކެމްޕެއިނަށް ނުފޫޒު ފޯރުވުންކަމަށް ވާދަވެރި ފަރާތްތަކުން ވިދާޅުވަމުން ދިޔަނަމަވެސް އެކަން ހުއްޓާލެވޭކަތް ނެތްކަމަށާއި، އެކަންކަން ދާނީ ބާރު ސްޕީޑުގައި ކުރިއަށްކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އަންނަ މަހުގެ 5 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާއި ދިމާކޮށް، ސަރުކާރުން ދަނީ އެދާއިރާގައި ގިނަ މަސައްކަތްތަކެއް ފެށުމަށް ނިންމާފައެވެ. ޚާއްސަކޮށް، ބަޖެޓުގައި ނެތް ކަންކަންވެސް ކުއްލިއަކަށް ބަޖެޓް ހަމަޖެހި ކުރުމަށް ނިންމުމާއި ގުޅިގެން ގިނަ ތުހުމަތުތަކެއް ދަނީ ކުރެވެމުންނެވެ. އިންތިޚާބު ބޯމަތިވެފައިވާ މިދަނޑިވަޅާއި ދިމާކޮށް ސަރުކާރުން ކުރަމުންދާ ކަންތައްތަކަކީ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ހިންގަމުންދާ އަމަލުތަކެއްގެ ގޮތުގައި އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.

އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީތަކާއިއެކު ބޭއްވި ބައްދަލުވުމުގައި އެކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ އިންތިޚާބާއި ދިމާކޮށް ކުއްލިއަކަށް ސަރުކާރުގެ މެނިސްޓޯގައާއި، އަދި ބަޖެޓުގައި ނެތްކަންކަން ކުރުމަކީ އިންތިޚާބަށް ނުފޫޒު ފޯރުވުންކަމަށް ބެލެވޭނެ ޖާގަ އޮންނާނެކަމަށެވެ. އެހެންކަމުން އެއްވެސް ފަރާތްތަކުން އެފަދަ އަމަލުތައް ނުކުރުމަށް ހަބީބް ވަނީ އިލްތިމާސް ކުރައްވާފައެވެ.

އޭނާ ވިދާޅުވީ އިންތިޚާބުގައި ސިޔާސީ ވާދަވެރިކަމުގައި އެއް ކެނޑިޑޭޓަކު އަނެއް ކެނޑިޑޭޓަކަށްވުރެއް ބޮޑު ތާއީދު ހޯދުމަށް ވަރުގަދަ ކެމްޕެއިނެއް ކުރެވޭނެކަމަށެވެ. ނަމަވެސް އިންތިޚާބަށް ނުފޫޒު ފޯރާފަދަ ކަންކަން ކުުރުމާއި، އަނެއް ކެނޑިޑޭޓުގެ އިންތިޚާބީ ހައްގަށް އުނިކަން އަންނަފަދަ އެއްވެސް ކަމެއް ކުރުމަކީ ކޮށްގެންވާނެ ކަމެއްނޫންކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އައްމަދޭ ސަމީރު
ނަޝީދުގެ ވެރިކަން 7ފެބުރުވަރީ ވެއްޓެން ދިމާވި ސަބަބަކީ ޤާނޫނުން ބޭރުން ފަނޑިޔާރަކު ރަހީނުކުރުމެވެ. ރައިސް ނަޝީދު އަބުދުއްލާ ޤާޒީ ހައްޔަރުކޮއްފަ ވެސް ބުނީ އެހެރީ ހައްޔަރު ކޮއްފައޭ. ދެން ކޯޓު އާއި 100 ފޫޓައްވެސް ކައިރި ނުވެވޭނޭ. *މިއަދު ރައިސް ސޯލިހުވެސް މިބުނަނީ ނަޝީދު ބުނިހެން މިއީ ކެމްޕެއިނަށް ނުފޫޒު ފޯރުވުންކަމަށް ވާދަވެރި ފަރާތްތަކުން ބުނަމުން ދިޔަނަމަވެސް އެކަން ހުއްޓާލެވޭކަތް ނެތްކަމަށާއި، އެކަންކަން ދާނީ ބާރު ސްޕީޑުގައި ކުރިއަށްކަމަށެވެ. މީ، އަނެއްކާ ކޯލިޝަން ސަރުކާރު ވެއްޓެން އުޅޭކަމުގެ އަލާމަތެއްކަމައް ނުވެދާނެބާއެވެ؟