ކޮމަންޑޫ ދާއިރާގެ މަޖިލިސް ކެމްޕެއިންގައި އިދިކޮޅު ކެނޑިޑޭޓުގެ ކެމްޕެއިންގައި ބައިވެރިވެ ވަޑައިގެންނެވުމަށް އިދިކޮޅު ލީޑަރު އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން މާދަމާ ކޮމަންޑޫ ދާއިރާއަށް ވަޑައިގެންނެވުމަށް ހަމަޖެހިއްޖެއެވެ.
އިދިކޮޅު ކޯލިޝަންގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ ކޮމަންޑޫދާއިރާގެ 3 ރަށަށް ޕީޕީއެމްގެ ކެނޑިޑޭޓް މޫސާ ފަތުހީ އާދަމްގެ ކެމްޕެއިނަށް މާދަމާ ރައީސް ޔާމީން ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައިކަމަށެވެ. މި ދަތުރުފުޅުގައި، ށ.ފުނަދޫ ރައްޔިތުން އިންތިޒާމުކުރާ އިންޑިއާ އައުޓް ހަރަކާތުގައިވެސް ރައީސް ޔާމީން ބައިވެރިވެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
މޫސާ ފަތުހީގެ ކެމްޕެއިންގައި ޕީޕީއެމްގެ ލީޑަރޝިޕްގައި ހިމެނި ވަޑައިގަންނަވާ ގިނަ ބޭފުޅުން މިހާރުވެސް ތިއްބެވީ ކޮމަންޑު ދާއިރާގެ ތިން ރަށުގައި ކެމްޕެއިންގައެވެ.
ކޮމަންޑޫ ދާއިރާގެ ކެމްޕެއިން ފޯރިގަދަވެފައިވާއިރު، ސަރުކާރުގެ ކެނޑިޑޭޓާއި، އިދިކޮޅު އެމްޑީޕީގެ ކެނޑިޑޭޓުގެ މެދުގައި ވާދަވެރިކަން ބޮޑުވެ، އެމްޑީޕީއާއި، ޕީޕީއެމްގެ ލީޑަރޝިޕުން ދަނީ މިއިންތިޚާބު ކާމިޔާބް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި އެމްއެންޕީންވެސް ދަނީ އިންތިޚާބު ކާމިޔާބު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އިންތިޚާބާއި ދިމާކޮށް، ސަރުކާރުން ގިނަ މަޝްރޫޢުތަކެއް ކޮމަންޑޫ ދާއިރާގައި ކުރުމަށް މަސައްކަތް ކުރަމުންދާއިރު، އެފަދަ ކަންކަން ނުކުރުމަށް އިލެކްޝަން ކޮމިޝަނުންވެސް ވަނީ އިލްތިމާސް ކޮށްފައެވެ.
ކޮމަންޑޫ ދާއިރާގެ ގޮނޑީގެ ވާދަވެރިކަން ބޮޑުވެފައިވާއިރު ކުރިން އެ ދާއިރާ ތަމްސީލުކުރެއްވި ޙުސެއިން ވަހީދު އެ ގޮނޑި ކާމިޔާބުކުރެއްވީ 332 ވޯޓްގެ ތަފާތަކުންނެވެ. އެފަހަރު އޭނާއާއި އެންމެ ވާދަކުރީ ޕީއެންސީގެ ކެންޑިޑޭޓް އިބްރާހިމް ރަޝީދެވެ.
އަންނަ ފެބްރުއަރީ މަހުގެ 5 ވަނަދުވަހު އޮންނަ ބައި އިލެކްޝަންގައި 6 ވޯޓް ފޮއްޓެއް ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. މި ފޮށިތަކުގެ ތެރެއިން މާލޭގައި އުޅޭ އެ ދާއިރާގެ ރައްޔިތުން ވޯޓްލާން ޖެހޭ ފޮށި ހުންނާނީ އިންތިހާބާއި ބެހޭ މަރުކަޒު ބާ ޖަމާލުއްދީނުގައެވެ. ކޮމަންޑޫއާއި ފޯކައިދޫ އަދި މަރޮށި ހިމެނޭ މި ދާއިރާގައި 3316 މީހުންނަށް ވޯޓްލުމުގެ ހައްޤު ލިބިގެންވެއެވެ.