އެމެރިކާގެ ރިޔާސީ އިންތިޚާބު ރައީސް ޓްރަމަޕަށް ނާކާމިޔާބު ވަމުންދާއިރު، ވޯޓު އޮޅުވާލާ މަކަރު ހަދާފައިވާކަމަށް ޓްރަމްޕް ކުރަމުންދާ ތުހުމަތަށް ރިޕަބްލިކަން ޕާޓީގެ އިސްބައެއް ފަރާތްތަކުން ތާޢީދު ކުރަމުން ނުދާތީ އެޕާޓީއަށް ޓްރަމްޕްގެ ދެދަރިން އިންޒާރު ދީފިއެވެ.
ޓްރަމްޕްގެ ދޮށީ ދަރިކަލުން ޑޮން ޖޭއާރު ވަނީ ރިޕަބްލިކަން ޕާޓީއަކީ ބަލިކަށި ޕާޓީއެއްގެ ގޮތުގައި ސިފަކޮށްފައެވެ. އަދި ހަގު ދަރިކަލުން އެރިކް ވިދާޅުވެފައިވަނީ އިންތިޚާބުގައި މަކަރު ހަދާ އޮޅުވާލާފައިވާ ކަމަށް ޓްރަމްޕް ކުރަމުންދާ ތުހުމަތުތަކަށް ރިޕަބްލިކަން ޕާޓީން ފުރިހަމައަށް ތާޢީދު ނުކޮށްފިނަމަ، ޓަރަމަޕަށް ވޯޓުލީ އެތައް މިލިއަން ރައްޔިތުން އެޕާޓީއަށް މާފެއް ނުކުރާނެ ކަމަށެވެ.
މަސްރަހު ދިރާސާކުރާ ފަރާތްތަކުން ވިދާޅުވާގޮތުގައި ޓަރަމްޕްގެ ދަރިންގެ މިފާޑު ކިއުންތަކުން ހާމަވެގެންދަނީ ޓްރަމަޕްގެ ތުހުމަތުތަކާމެދު ރިޕަންބްލިކަން ޕާޓީގެ އެތެރޭގަވެސް ޚިޔާލު ތަފާތުވުން އުފެދިފައި އޮތް މިންވަރެވެ.
އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުން ނިމިފައިތާ 3 ދުވަސް ފާއިތުވެފައިވާއިރު އަދިވެސް އިންތިޚާބު ކާމިޔާބު ކުރާ ކެޑިޑޭޓަކު ކަޑައެޅޭނެ މިންވަރަށް އިންތިޚާބުގެ ނަތީޖާ ސާފުކުރެވިފައެއް ނުވެއެވެ. އެހެންނަމަވެސް މިހާރު ނިކުންނަމުންދާ ނަތީޖާތަކަށް ބަލާއިރު ޑިމޮކްރަޓިކް ޕާޓީގެ ކެޑިޑޭޓް ޖޯ ބައިޑްން އިންތިޚާބު ކާމިޔާބު ކުރައްވާނެއެވެ،
ރިޔާސީ އިންތިޚާބުކުރުމަށްޓަކާ އެމެރިކާގެ ހުރިހާ ސްޓޭޓަކަށް ކަޑައެޅިފައިވާ 538 އެލެކްޓޯރަލް ވޯޓުގެ ތެރެއިން އިންތިޚާބު ކާމިޔާބު ކުރާ ކެޑިޑޭޓު 270 އިލެކްޓޯރަލް ވޯޓު ކަށަވަރު ކުރަން ޖެހެއެވެ. އެންމެ ފަހުގެ ނަތީޖާތަކަށް ބަލާއިރު ޖޯ ބައިޑްން 253 އިލެކްޓޯރަލް ވޯޓު ކާމިޔާބު ކުރައްވާފައި ވާއިރު ޓްރަމްޕަށް ކާމިޔާބު ކުރެވިފައިވަނީ 213 އިލެކްޓޯރަލް ވޯޓެވެ.
މިއަދު ހެނދުނު ދެވަނަފަހަރަށް ތާއީދުކުރާ ފަރާތްތަކާއި ވާހަކަ ދައްކަވަމުން އިންތިޚާބު އޮޅުވާލާފައިވާ ކަމަށް ކުރައްވަމުން ގެންދަވާ ތުހުމަތުތައް ޓްރަމްޕް ވަނީ ތަކުރާރު ކުރައްވާފައެވެ. އެހެންނަމަވެސް އަދި މިހާތަނަށް އައިއިރު ޓްރަމްޕްގެ މިތުހުމަތުތަކަށް ބާރުލިބިދޭނެ ސާބިތު އެއްވެސް ހެއްކެއް ޓްރަމްޕް ދައްކަވާފައި ނުވެއެެވެ.
އުޓަރގެ ސެނެޓަރ މިޓް ރޫނީއާއި އަދި މޭރީލޭންޑްގެ ގަވަރނަރ ލެރީ ހޯގަންފަދަ ރިޕަބްލިކަން ޕާޓީގެ ސީނިއަރ ސެނެޓަރުން ވަނީ ޓްރަމްޕްގެ މިތުހުމަތުތަކާއި ދެކޮޅު ހައްދަވާފައެވެ. އެބޭފުޅުން ވިދާޅުވާގޮތުގައި ޓްރަމްޕްގެ މިތުހުމަތުތަކުގެ ސސަބަބުން އެމެރިކާ އެތަކެއް ޒަމާންތަކެއްވަންދެން ބަލައިގެންފައިވާ ޑިމޮކްރަޓިކް އަސާސަތައް ފުުޑުފުޑުވެގެން ދާނެއެވެ.
2024 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ޝައުގުވެރިކަން ގެންގުގުޅުއްވާކަމަށް ބެލެވޭ ޓްރަޕްގެ ދޮށީ ދަރިކަލުން ޑޮން ޖޭއާރު އޭނާގެ ޓުވިޓަރގައި ލިޔުވާފައިވަ ގޮތުގައި 2024 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް މިހާރުއްސުރެ ނިޔަތްގަނެގެން ތިއްބެވި ރިޕަބްލިކަން ޕާޓީގެ އިސްބައެއް ފަރާތްތަކުން މިއިންތިޚާބުގައި ޓްރަމްޕްގެ ހިމާޔަތުގައި މަސައްކަތް ނުކުރައްވާތީ އެނާ ހައިރާންވެއެވެ.
އޭނާ ވިދާޅުވާގޮތުގައި މީޑިއާގެ ފާޑުކިއުންތަކަށް ބިރުން އެބޭފުޅުން ފަހަތަށް ޖެހިވަޑައިގެންނެވި ކަމުގައިވި ނަމަވެސް، ޓަރަމްޕް ދޫނުދެއްވާ ކުރިޔަށް ވަޑައިގަންނަވާތައް އެބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ ކަމަށެވެ،
ބެލެވޭގޮތުގައި ޓްރަމްޕްގެ ރިޔާސަތުގެ މަރާއި ދިރުން މިހާރު ބިނާވެފަ އޮތީ 20 އިލެކްޓރަލް ވޯޓުގެ މައްޗަށް އެކުލެވޭ ޕެންސިލްވޭނިއާގެ ނަތީޖާއަށެވެ.
މިގޮތުން މި ސްޓޭޓުގެ އިލެކްޓޯރަލް ވޯޓު ކާމިޔާބުނުކޮށް ޓްރަމްޕަށް އިންތިޚާބު ކާމިޔާބު ނުކުރެވޭނެކަން މިހާރު ވަނީ ޔަގީން ކުރެވިފައެވެ. މި ސްޓޭޓުގެ %95 ވޯޓު މިހާރު ގުނާ ނިމިފައިވާއިރު ޓްރަމްޕް ކުރީގަ އުޅުއްވަނީ %0.3 ގެ ތަފާތަކުންނެވެ.
މިއިންތިޚާބަކީ ފާއިތުވެދިޔަ 120 އަހަރު ދުވަހުގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް އެމެރިކާގައި ރައްޔިތުން ވޯޓުލާން ނިކުތް އިންތިޚާބެވެ. މިހާރު ދައްކާގޮތުން މިއިންތިޚާބުގައި %66.9 ރައްޔިތުން ވަނީ ވޯޓުލާފައެވެ.
އެހެން އަހަރުތަކުގެ އިންތިޚާބުތަކާއި ޚިލާފަށް މިއަހަރުގެ ރިޔާސީ އިންތިޚާބުގައި 100 މިލިއަނަށްވުރެ ގިނަ އެމެރިކާގެ ރައްޔިތުންވަނީ ދުރާލާ ވޯޓު ލާފައެވެ. މީގެ ތެރޭގައި ގިނަ އަދަދެއްގެ ރައްޔިތުން ވޯޓުލާފައިވަނީ ޕޯސްޓުގެ ޒަރީއާއިންނެވެ.