ފަސޭހައިން ޕީސީއަރު ޓެސްޓް ރައްޔިތުންނަށް ހެދޭނެ ގޮތް އިންތިޒާމްކުރުމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް އަދި ދަނގެތި ދާއިރާގެ މެންބަރު ކާނަލް މުޙައްމަދު ނާޒިމް ގޮވާލައްވައިފިއެވެ.
ނާޒިމް މިކަމަށް ގޮވާލައްވާފައިމިވަނީ ސްކޫލް ޗުއްޓީއާއި ދިމާކޮށް މާލެއަށް ގިނަ ޢަދަދެއްގެ ރައްޔިތުން އައިސްފައިވަނިކޮށް، އެޗްޕީއޭއިން ފިޔަވަޅުތައް ހަރުކަށިކުރުމުން ރައްޔިތުންނަށް ބޮޑު ތަކުލީފެއް އުފުލަން ޖެހިފައިވުމާއި ގުޅިގެންނެވެ.
ނާޒިމް ވިދާޅުވީ، ރައްޔިތުންނަށް ދަތިނުވާ ގޮތަށް ވީހާވެސް ލުއިފަސޭހަ ގޮތަކަށް ޕީސީއާރު ހެދޭނެ އިންތިޒާމް ގާއިމްކޮށްދިނުމަށް ސަރުކާރަށް ގޮވާލާކަމަށެވެ. ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ މިފަދަ ޒަމާނެއްގައި އެތައްގަޑިއިރުތަކެއް ވަންދެން ރައްޔިތުން ކިއޫގައި ތިބެން ޖެހުމަކީ ބަލައިގަންނަން އުނދަގޫ ކަމެއްކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.
ނާޒިމް މިހެން ވިދާޅުވެފައިވާއިރު، އެޗްޕީއޭއިން ކުއްލިއަކަށް އަޅަންފެށި ފިޔަވަޅުތަކުގެ ތެރޭގައި މާލެއިން އެހެން ރަށަކަށް ފުރޭނީ ޕީސީއާރު ޓެސްޓް ހަދައި ނެގެޓިވްވެހެންނެވެ. އަދި ވެކްސިން ފުރިހަމަކޮށްފައިނުވާ މީހުން ކަރަންޓީން ވާންޖެހޭގޮތަށްވެސް ވަނީ ކަނޑައަޅާފައެވެ.
މި އުސޫލާއެކު ރަށަށް ދިއުމުގެ ކުރިން ޕީސީއާރު ހެދުމަށް އެތައް ބަޔަކު ވަނީ ސާމަޕަލް ނަގާ މަރުކަޒުތައް ކައިރީގައި ކުޑަކުދިންނާއި މުސްކުޅިންނާއެކު ކިއުގައި ޖެހެން ފަށާފައެވެ. އަދި އެތައް ގަޑިއިރަކު ކިއުގައި ތިބެންޖެހި އެތައް ރައްޔިތުންނެއްގެ ޝަކުވާ އާއި ފާޑުކިޔުން ވަނީ ސަރުކާރާއި އެޗްޕީއޭއަށް އަމާޒުވެފައެވެ.
ކޮމެންޓު ފޮނުވާ