މާލެ ސަރަހައްދުގައި ކޯވިޑް ސާމްޕަލް ނަގަމުން އައި ސޯޝަލް ސެންޓަރުގެ މަރުކަޒު ބަންދުކޮށް ސާމްޕަލް ނެގުން ތާޖުއްދީން ސްކޫލަށް ބަދަލުކޮށްފިއެވެ.
ތާޖުއްދީން ސްކޫލުގެ އިތުރުން ކުރީގެ އެފް.އޭ.އެމް ބިލްޑިންގގައިވެސް ސާމްޕަލް ކަލެކްޝަން ސެންޓަރެއް މިހާރު ވަނީ ހަދާފައެވެ. މާލެ ސަރަހައްދުގައި ސާމްޕަލް ނަގާ ސެންޓަރުތައް އިތުރުކޮށްފައި މިވަނީ ކޯވިޑް ކޭސްތައް ގިނަވެސް ފިޔަވަޅުތައް ވަރުގަދަކުރުމާއެކު އާންމުންނަށް ބޮޑު ތަކުލީފަކަށް އެކަން ވުމުންނެވެ. އަދި ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އެޗްޕީއޭއަށް އަމާޒުވެފައެވެ.
އެގޮތުން ތާޖުއްދީން ސްކޫލުން ކޮންމެ ހޮނިހިރަކުން ފެށިގެން ބުދަ ދުވަހަކާ ހަމައަށް ހެނދުނު 9:00 އިން މެންދުރު 12:00 އަށް، އަދި މެންދުރުފަހު 3:00 އިން އިރުއޮއްސި 6:00 އަކަށް ސާމްޕަލް ނެގޭނެއެވެ. ކޮންމެ ބުރާސްފަތި ދުވަހެއްގައި ތާޖުއްދީން ސްކޫލުގައި ސާމްޕަލް ނެގުން ކުރިއަށްދާނީ ހެނދުނު 9:00 އިން މެންދުރު 12:00 އާއި ހަމައަށެވެ. އަދި ހުކުރު ދުވަސްތަކުގައި މެންދުރުފަހު 3:00 އިން އިރުއޮއްސި 6:00 ޖެހުމާއި ހަމައަށް ތާޖުއްދީނުން ސާމްޕަލް ނެގޭނެއެވެ.
އެފް.އޭ.އެމް ބިލްޑިންގގައި ހަދާފައިވާ ސާމްޕަލް ކަލެކްޝަން ސެންޓަރުން ހަފްތާގެ ކޮންމެ ދުވަހަކުވެސް މެންދުރު 2:00 އިން އިރުއޮއްސި 6 ޖެހުމާއި ހަމައަށް ސާމްޕަލް ނެގޭނެއެވެ. މީގެއިތުރުން ވިލިމާލޭގައި ސާމްޕަލް ނެގުން ކޮންމެ ދުވަހަކުވެސް ހަވީރު 4:00 އިން ފެށިގެން އިރުއޮއްސި 6:30 އާ ހަމައަށް ކުރިއަށްދާނެކަމަށް އެޗް.ޕީ.އޭއިން ވިދާޅުވެއެވެ.
އެޗް.ޕީ.އޭއިން އެންމެފަހުން ހާމަކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މާލޭ ސަރަހައްދުގައި ކޯވިޑް-19 އަށް ޕޮޒިޓިވްވާ ރޭޓް މިހާރު ހުރީ 11 އިންސައްތައިގައެވެ. ގްރޭޓަރ މާލޭ ސަރަހައްދުގެ ކޭސްތައް އިތުރުވާން ފެށުމާއި ގުޅިގެން، މާލޭ ސަރަހައްދުގެ ފްލޫ ކްލިނިކްތަކުގެ މަސައްކަތްތަކަށްވެސް ބަދަލުތަކެއް އެޗް.ޕީ.އޭއިން ވަނީ ގެންނަވާފައެވެ.