އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ބާކީ ހުރި ސްޓޭޓްތަކުންވެސް ތަފާތު ކުޑަކޮށް ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެޑިޑޭޓް ޖޯ ބައިޑްން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމާއި ގާތަށް ދަތުރު ކޮށްފިއެވެ.
އިންތިޚާބުގެ ނަތީޖާ މިހާރު އެންމެ 4 ސްޓޭޓަކަށް ހުއްޓިފައި ވާއިރު، މި ސްޓޭޓްތަކުގައި ބައިޑްން ގެންދަވަނީ ކުރި ހޯއްދަވަމުންނެވެ.
ނަތީޖާ މިހާރު އިއުލާން ކުރެވެމުންދާ 4 ސްޓޭޓްކަމުގައިވާ އެރިޒޯނާ، ނެވާޑާ، ޖޯޖިއާ، ވިސްކަސިން އަދި ޕެންސިލްވޭނިއާގައިވެސް ދެކެޑިޑޭޓުން ނުހަނު ކައިރިން ވާދަކުރަމުން ދާއިރު، ބާކީ ހުރި ވޯޓުތައް ގުނަމުންދާ ވަރަކަށް ބައިޑްންއަށް ކުރިއެރުންލިބެމުން ދާކަމަށް ނަތީޖާއިންދަނީ ދައްކަމުންނެވެ.
މިގޮތުން އެންމެ ވާދަވެރިކޮށް މިހާރުއޮތް އޮތް ސްޓޭޓް ކަމުގައިވާ ޕެންސަލްވޭނިއާގައި ދެ ކެޑިޑޭޓުންގެ މެދުގައި އޮތް ފަރަގު ކުޑަވަމުން އައިސް، 370،000 ވޯޓު އިތުރަށް ގުނަން އޮތްއިރު، މިހާރު ޓްރަމްޕް ކުރީގައިއުޅުއްވަނީ އެންމެ 109،000 ވޯޓުގެ ތަފާތުންނެވެ.
މިގޮތުން ޕެންސެލްވީނިއާ ކާމިޔާބު ނުކޮށް ޓްރަމްޕަށް ރިޔާސީ އިންތިޚާބު ކާމިޔާބު ނުކުރެވޭނެކަން މިހާރު ވަނީ ޔަގީން ކުރެވިފައެވެ. ޕެންސަލްވެނިއާ ކާމިޔާބު ކުރާ ކެޑިޑޭޓަކަށް 20 އިލެކްޓޯރަލް ވޯޓު ލިބިގެން ދާނެއެވެ.
މިހާރުގެ ނަތީޖާއަށް ބަލާއިރު އިންތިޚާބު ކާމިޔާބު ކުރުމަށް ޖޯ ބައިޑްން އިތުރަށް ބޭނުން ވަނީ އެންމެ 7 އިލެކްޓޯރަލް ވޯޓެވެ.
ރަސްމީ އިދާރާތަކުން މިހާރު މައުލޫމާތު ދެނީ ކުރިޔަށް 4-3 ގަޑި އިރެއްހާއިރުގެ ތެރޭގައި ޕެންސަލްވޭނިއާގެ ނަތީޖާ އިއުލާން ކުރެވިގެންދާނެއެވެ.
މިހާތަނަށް އައިއިރު ޓްރަމްޕަށް ކާމިޔާބު ކުރެވޭނެ ކަމަށް ދައްކަނީ 50 ސްޓޭޓުގެ ތެރެއިން 23 ސްޓޭޓެކެވެ. މީގެތެރޭ ކުރީގެ ހީކުރުންތަކާއި ޚިލާފަށް، ބޮޑެތި ބައެއް ސްޓޭޓްތައް ކަމުގައިވާ ޓެކްސަސް، އޮހާއޯ އަދި ފްލޮރިޑާ ހިމެނެއެވެ.
އިންތިޚާބުގައި މަކަރުހަދާފައިވާ ކަމުގެ ތުހުމަތު ޓްރަމަޕް ކުރައްވާފައި ވިނަމަވެސް މިހާތަނަށް އައިއިރު ސާބިތު ހެއްކެއް ދައްކަވާފައި ނުވެއެވެ. އެހެންނަމަވެސް ޓްރަމްޕްވަނީ އެމެރިކާގެ ސުޕްރިމްކޯޓަށް މައްސަލަވެސް ހުށަހަޅުއްވާފައެވެ.
މިހާރުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިއިންތިޚާބަކީ ފާއިތުވެދިޔަ 120 އަހަރު ދުވަހުގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް އެމެރިކާގައި ރައްޔިތުން ވޯޓުލާން ނިކުތް އިންތިޚާބެވެ. މިހާރު ދައްކާގޮތުން މިއިންތިޚާބުގައި %66.9 ރައްޔިތުން ވަނީ ވޯޓުލާފައެވެ.
އެހެން އަހަރުތަކުގެ އިންތިޚާބުތަކާއި ޚިލާފަށް މިއަހަރުގެ ރިޔާސީ އިންތިޚާބުގައި 100 މިލިއަނަށްވުރެ ގިނަ އެމެރިކާގެ ރައްޔިތުންވަނީ ދުރާލާ ވޯޓު ލާފައެވެ. މީގެ ތެރޭގައި ގިނަ އަދަދެއްގެ ރައްޔިތުން ވޯޓުލާފައިވަނީ ޕޯސްޓުގެ ޒަރީއާއިންނެވެ.