ގިނަ މީހުން ބައިވެރިވާ އިވެންޓްތައް ބޭއްވުން އެޗްޕީއޭއިން މަނާކޮށްފި

ގިނަ މީހުން ބައިވެރިވާ އިވެންޓްތައް ބޭއްވުން އެޗްޕީއޭއިން މަނާކޮށްފި

Author
މުޙައްމަދު ޖިމީ
09 ޖެނުއަރީ 2022 07:01
0

ފަންސާހަށްވުރެ ގިނަ މީހުން އެއްވާގޮތަށް އިވެންޓުތަކާއި ހަފްލާތައް ބޭއްވުން އެޗްޕީއޭއިން މަނާކޮށްފިއެވެ.

މާލެ ސަރަހައްދުގައި ކޯވިޑް ފެތުރުން އިތުރުވެފައިވާތީ އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެޗްޕީއޭއިން ވަނީ މާލެ ސަރަހައްދުފގެ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. މިގޮތުން އެޅުމަށް ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި، 50 މީހުންނަށްވުރެ ގިނަ މީހުން ޖަމާވާގޮތަށް ހަފްލާތަކާއި އިވެންތަކާއި އެއްވުންތައް ބޭއްވުން މަނާކުރުން ހިމެނެއެވެ. އަދި 50 މީހުންނަށްވުރެ މަދު މީހުން ހިމަނައިގެން ބާއްވާ މިފަދަ ހަރަކާތްތައްވެސް އެޗްޕީއޭގެ ގައިޑްލައިނާ މިންގަނޑުތަކާ އެއްގޮތައް ނޫނީ ނުބޭއްވުމަށް ވަނީ އަންގާފައެވެ.

މާލެ ސަރަޙައްދުގައި އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި މަގުމަތީ ބާޒާރުފަދަ، އެއްވެގެން ބާއްވާ ވިޔަފާރި ހަރަކާތްތައް ހުއްޓާލުމަށް ވަނީ އަންގާފައެވެ. އަދި ކުޅިވަރު މުބާރާތްތަކާ ހަރަކާތްތައް، ކުޅިބަލަން މީހުންނަށް ވަދެވޭގޮތަށް ނުބޭއްވުމަށްވެސް އަންގާފައެވެ.

އެޗްޕީއޭއިން ވަނީ މި ފިޔަވަޅުތައް ފުރިހަމައަށް ތަންފީޒްކުރުމަށް އެންމެހާ އިދާރާތަކާ ފަރާތްތަކަށް އަންގާފައެވެ. މި ނިންމުންތަކާ ގުޅިގެން ދަޢުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތަކާ، އަދި އަޅާ ފިޔަވަޅުތަކާ ދޭ އިރުޝާދުތަކަށް ޢަމަލުކުރުމަށްވެސް ވަނީ އަންގާފައެވެ.

އެޗްޕީއޭއިން ބުނީ މި ފިޔަވަޅުތަކަކީ "އޮމިކްރޯން" ވޭރިއަންޓް ރާއްޖެއިން ފެނިފައިވާތީއާއި، މާލެ ސަރަޙައްދުގައި ބަލި ފެތުރުން އިތުރުވެފައިވާތީ "ޢާއްމު ސިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު"ގެ ދަށުން އަޅާ ފިޔަވަޅުތަކެއްކަމަށެވެ.

މާލެ ހުޅުމާލެ އަދި ވިލިމާލެ ހިމެނޭހެން ނަގާ ސާމްޕަލްގެ، 5 އިންސައްތަ އަށްވުރެ ގިނަ ސާމްޕަލް ބައްޔަށް ޕޮޒިޓިވްވަމުންދާކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ. މިއާއެކު މާލެއިން އަތޮޅުތަކަށް ދަތުރުކުރުމުގެ އުސޫލުވެސް މިހާރުވަނީ ވަރުގަދަކޮށްފައެވެ. އަދި މާލޭގައި މަގުމައްޗަށް ނިކުންނައިރު މާސްކް އެޅުން މަޖުބޫރުކޮށް، އުސޫލު ތަންފީޒް ކުރެތޯބެލުމަށް ފުލުހުންވެސް ވަނީ މަސައްކަތް ފަށާފައެވެ.

ރާއްޖޭގައި ކޯވިޑްގެ ކޭސްތައް މަދުކޮށް އެއްވަރެއްގައި އޮންނަތާ އެތައް މަހެއް ފާއިތުވުމަށްފަހު ކޯވީޑް ޖެހޭ މީހުންގެ ޢަދަދު މިހާރު ވަނީ ކޮންމެ ދުވަހަކުވެސް 300އިން މައްޗަށް އަރާފައެވެ. އެހެންކަމުން ބަލިން ރައްކާތެރިވުމަށް އެޗްޕީއޭއިން ދަނީ ފިޔަވަޅުތައް ހަރުކަށިކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.