މާލެ ސަރަޙައްދުގައި ކޯވިޑް-19 ބަލި ފެތުރުން އިތުރުވެފައިވާތީ ބަލި ފެތުރުން ކޮންޓްރޯލު ކުރުމަށް ބައެއް ފިޔަވަޅުތައް ތަންފީޒްކުރަން އެޗްޕީއޭއިން ނިންމައިފިއެވެ.
އެޗްޕީއޭއިން ބުނީ މާލެ ސަރަޙައްދުގައި ކޯވިޑް-19 ބަލި ފެތުރުން އިތުރުވެފައިވާތީ ބަލި ފެތުރުން ކޮންޓްރޯލު ކުރުމުގެ ފިޔަވަޅެއްގެ ގޮތުން މާލެ ސަރަހައްދުން އެހެން ތަނަކަށް ދަތުރުކުރާނަމަ ވެކްސިންގެ ޑޯޒްތައް ފުރިހަމަވެ 14 ދުވަސް ހަމަވެފައިވާ ފަރާތެއް ނަމަ ދަތުރުކުރުމުގެ 72 ގަޑިއިރު ނުވާ ޕީ.ސީ.އާރ ނެގެޓިވް ނަތީޖާ އޮންނަންވާނެކަމަށެވެ. އަދި ވެކްސިންގެ ޑޯޒްތައް ފުރިހަމަނުވާ ފަރާތެއްނަމަ، 14 ދުވަހުގެ ފުރަބަންދު ކަރަންޓީނު ފުރިހަމަކުރުމާއި، ކަރަންޓީނުން ދޫކުރެވޭނީ 14 ދުވަހުގެ ކަރަންޓީނު ފުރިހަމަކުރުމަށްފަހު ޕީ.ސީ.އާރ ޓެސްޓް ހަދައި ނަތީޖާ ނެގެޓިވް ވުމުންކަމަށް އެޗްޕީއޭއިން ބުންޏެވެ.
މީގެތެރޭގައި މިފަދަ މީހުންނާއެކުގައި ދަތުރުކުރަންޖެހޭ ވެކްސިން ނުޖެހޭ ޢުމުރުގެ ކުޑަކުދިން ނުހިމެނޭނެކަމާށްވެސް އެޗްޕީއޭއިން ބުންޏެވެ.
އެޗްޕީއޭއިން ބުނީ މާލެ، ހުޅުމާލެ އަދި ވިލިމާލެއިން ޓެސްޓުކުރާ ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވާ ނިސްބަތް މިވަގުތު ހުރީ %5 އިން މަތީގައެވެ. މިކަމާއި ގުޅިގެން ބަލި ކޮންޓްރޯލް ކުރުމަށް 10 ޖެނުއަރީން ފެށިގެން އިތުރު ފިތަވަޅުތައް އެޅުމަށް ވަނީ ނިންމާފައެވެ،
އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތައް:
1. ވެކްސިންގެ ޑޯޒް ފުރިހަމަކޮށް 14 ދުވަސް ހަމަވެފައިވާ މީހުން، ދަތުރުކުރުމުގެ 72 ގަޑިއިރު ނުވާ ޕީސީއާރް ނެގެޓިވް ނަތީޖާއާއެކު ދަތުރުކުރުން.
2. ވެކްސިންގެ ޑޮޒް ފުރިހަމަ ނުވާ ނަމަ، 14 ދުވަހުގެ ފުރަބަންދު ކަރަންޓީން ފުރިހަމަކުރުން. ކަރަންޓީނުން ދޫކުރެވޭނީ 14 ދުވަހުގެ ކަރަންޓީން ފުރިހަމަ ކުރުމަށްފު ޕީސީއާރް ޓެސްޓް ހަދާ، ނަތީޖާ ނެގެޓިވް ވުމުން. މީގެތެރޭގައި މިފަދަ މީހުންނާއެކު ދަތުރުކުރާ، ވެކްސިން ނުޖެހޭ ޢުމުރުގެ ކުޑަކުދިން ނިހިމެނޭ.
3. މާލޭ ސަރަޙައްދުން ރާއްޖޭގެ އެހެން ރަށްރަށަށް ދަތުރުކުރާ މީހުން "ކޮވިޑް ސޭފް" ޕޯޓަލްއިން ނެގެޓިވް ނަތީޖާ ދެއްކުމަށް ފަހުގައި ދަތުރުކުރުން. އަދި ކަރަންޓީންވުމަށް ދަތުރުކުރާ ފަރާތްތަކުން "ހާލުބެލުން ޕޯޓަލް" އިން ހުއްދަ ހޯދައިގެން ދަތުރުކުރުން.
މީގެ ކުރިން ޢަމަލު ކުރަމުން އައި އުސޫލަކީ ވަކި އިންސައްތައަކަށް ވެކްސިން ފުރިހަމަކޮށްފައިވާ ރަށްތަކަށް، އިތުރު ހުއްދައާއި އަދި ޕީސީއާރް ޓެސްޓު ހެދުމާއި ނުލާ ދަތުރުކުރެވޭ އުސޫލެވެ.