ކޮމަންޑޫގައި އަޅައިދިނުމަށް ވަޢުދުވި އެއަރޕޯޓްގެ މަސައްކަތް މިހާރު ނިމުނީތޯ ސުވާލުކުރައްވާ ނިލަންދޫ ދާއިރާގެ ކުރީގެ މެންބަރު ޑރ.ޢަބްދުﷲ ޚަލީލް، ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕއިން ފޯރި ގަދަވެފައިވާއިރު ވާދަވެރިކަންވެސް ވަނީ ބޮޑުވެފައެވެ. މިގޮތުން އެމްޑީޕީގެ ކެނޑިޑޭޓުގެ ކެމްޕެއިން ފެށުމަށް ރޭ ކޮމަންޑޫގައި ބޭއްވި ޖަލްސާގައި ރައީސް ވަނީ އެދާއިރާއަށް ގިނަ ވަޢުދުތަކެއް ވެވަޑައިގެންފައެވެ. ނަމަވެސް އެ ދާއިރާގައި އެއަރޕޯޓެއް ޤާއިމްކުރައްވާނެ ވާހަކައެއް ރައީސް ވިދާޅެއް ނުވެއެވެ.
ރައީސްގެ ވާހަކަފުޅަށް ފާޑުވިދާޅުވެ ޑރ.ޚަލީލް ވަނީ، ރިޔާސީ ކެމްޕެއިންގެ ތެރޭގައި 2018 ސެޕްތެމްބަރ 2ގައި ކޮމަންޑޫގައި ބޭއްވި ޖަލްސާގައި ވަޢުދުވެވަޑައިގެންނެވި އެއަރޕޯޓްގެ މަސައްކަތް މިހާރު ނިންމެވީތޯ ރައީސްއާއި ސުވާލުކުރައްވާފައެވެ. އޭނާ ވަނީ ރައްޔިތުންނަށް އޮޅުވާލައިގެން އަބަދު ވޯޓް ލިބޭނެކަމަށް ހީނުކުރުމަށްވެސް ގޮވާލައްވާފައެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރާ އެމްޑީޕީގެ ކެނޑިޑޭޓް ރާޝިދުގެ ކެމްޕެއިން އިފްތިތާހު ކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވީ، މިސަރުކާރުން ކޮމަންޑޫ ދާއިރާއަށް ވެފައިވާ ވައުދުތައް ފުއްދުމަކީ މިސަރުކާރުން ކުރާނެ ކަމެއްކަމަށެވެ.
ރައީސް ވިދާޅުވީ ކޮމަންޑޫއަށް ދިމާވެފައިވާ ބިމުގެ ޖާގައިގެ ދަތިކަން ހައްލު ކުރުމަކީ މިސަރުކާރުން ވެފައިވާ ވައުދެއްކަމަށެވެ. އެވައުދު ފުއްދުމަށްޓަކައި، މިސަރުކާރުން މިފެށޭ ހަފްތާގައި މަސައްކަތް ފައްޓަވާނެކަމަށެވެ. އަދި މިއީ ކެމްޕެއިނަށް ނުފޫޒު ފޯރުވުންކަމަށް ވާދަވެރި ފަރާތްތަކުން ވިދާޅުވަމުން ދިޔަނަމަވެސް އެކަން ހުއްޓާލެވޭކަތް ނެތްކަމަށެވެ. އެކަންކަން ދާނީ ވަރަށް ބާރު ސްޕީޑުގައި ކުރިއަށް ކަމުގައި ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ މިވައުދުގެ އިތުރުން ކޮމަންޑޫ، ފޯކައިދޫ، މަރޮއްޓަށް ގިނަ ވައުދުތަކެއް ވެވަޑައިގެންފައެވެ. ޚާއްސަކޮށް މިރޭ ވެ ވަޑައިގެންނެވި ގިނަ ވައުދުތައް މަދު ހަފްތާތަކެއްގެ ތެރޭގައި ފައްޓަވާނެކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ. ރައީސް ވިދާޅުވީ މިކަންކަމަށް ކިތަންމެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެ، ކެމްޕެއިންނަށް ނުފޫޒު ފޯރުވުންކަމަށް ވިދާޅުވި ނަމަވެސް ތަރައްޤީ މަޑު ޖައްސާލެވެން ނެތްކަމަށެވެ.
ކޮމެންޓު ފޮނުވާ