އިންޓަނެޓް ސްލޯވެގެން މިހާރު ކަންބޮޑުވާ ބަޔަކުނެތް، ޝައުނާ އެކަންކޮށްދީފި: ފައްޔާޒު

އިންޓަނެޓް ސްލޯވެގެން މިހާރު ކަންބޮޑުވާ ބަޔަކުނެތް، ޝައުނާ އެކަންކޮށްދީފި: ފައްޔާޒު

Author
މުޙައްމަދު ޝަޒައިމް
07 ޖެނުއަރީ 2022 11:11
0

ސަރުކާރުން އިންޓަރނެޓްގެ އަގުހެޔޮކުރުމަށް ވެފައިވާ ވައުދު ފުއްދިފައި ވާކަމަށާއި، މިއަދު އިންޓަރނެޓް އަގުބޮޑުވެގެން، ސްލޯވެގެން އުޅޭބަޔަކު ނެތްކަން އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ކޮމަންޑު ދާއިރާގެ ކެނޑިޑޭޓުގެ ކެމްޕެއިން ލޯންޗު ކުރުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވަނީ ސަރުކާރުން ކޮށްދޭ ގިނަ ކަންތައްތަކެއް ހިއްސާ ކުރައްވާފައެވެ. ޚާއްސަކޮށް ކޯވިޑް-19 އާއިއެކު ސަރުކާރުން ކޮށްދެއްވަމުންދާ ގިނަ ކަންތައްތަކެއް ފައްޔާޒު ވަނީ ހިއްސާ ކުރައްވާފައެވެ.

މިނިސްޓަރ ފައްޔާޒު ވިދާޅުވީ ސަރުކާރުން އިންޓަރނެޓްގެ ސްޕީޑު އަވަސްކޮށް، އިންޓަރނެޓްގެ އަގު ކުޑަކުރީ މިސަރުކާރުން ކަމަށެވެ. އެކަން ނުވެ ލަސްވަމުން ލަސްވަމުން ދަނިކޮށް އެކަން ކުރެއްވީ މިނިސްޓަރ ޝައުނާ ވަޑައިގެންކަމަށް ވަނީ ވިދާޅުވެފައެވެ. އަދި މިއަދު އިންޓަރނެޓް އަގު ބޮޑުވެގެން ނެޓް ސްލޯވެގެން އުޅޭ އެއްވެސް މީހަކު ނެތްކަމަށް ފައްޔާޒު ވިދާޅުވިއެވެ.

މިހާރު އެބަހުރިތޯ އިންޓަރނެޓް އަގުބޮޑުވެގެން، ސްލޯވެގެން އުޅުއްވާ ބޭފުޅެއް، ނެތް. މިކަންވެސް މިކުރެއްވީ އަޅުގަނޑުމެންގެ މިނިސްޓަރ ޝައުނާ ވަޑައިގެން. އެކަންވެސް މިއަދު މިއޮތީވެފަ.

– މިނިސްޓަރ ފައްޔާޒު ވިދާޅުވިއެވެ.

ރާއްޖޭގައި ފޯރުކޮށްދޭ އިންޓަރނެޓްގެ އަގުތަކަށް ސަރުކާރުން ހެޔޮ ބަދަލުތަކެއް ގެންނަވައި، އެކަން އިޢުލާންކުރައްވާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 27 ވަނަ ދުވަހުއެވެ. މިބަދަލުތަކުގެ ތެރެއިން ގޭގެއަށް ފޯރުކޮށްދޭ ރެސިޑެންޝަލް ޕެކޭޖްތަކުގެ އަގު ވަނީ 28 އިންސައްތައާއި 30 އިންސައްތައަށް ކުޑަކޮށްފައެވެ. އަދި ގޭގެއަށް އިންޓަރނެޓް ދެވޭނެ އެންމެ ދަށް ސްޕީޑަކީ 2 އެމްބީޕީއެސްކަމަށްވެސް ސަރުކާރުން ވަނީ ކަނޑައަޅުއްވާފައެވެ. ސަރުކާރުން އިއުލާންކުރެއްވި އައު ސިޔާސަތުގައިވާ ގޮތުން އެންމެ ކުދި ޕެކޭޖްތަކަށްވެސް ތްރޮޓްލް ސްޕީޑް 2 އެމްބީޕީއެސްގައި ލިބޭނެއެވެ. އަދި 300 ރުފިޔާއަށް ވުރެ މަތީގެ ޕެކޭޖްތަކަށް ތްރޮޓްލް ސްޕީޑް 5 އެމްބީޕީއެސްގައި ލިބޭނެއެވެ.

ގޭގެއަށް ދޭ އިންޓަރނެޓް ނުވަތަ އިންޓަރނެޓް ފިކްސްޓް ބްރޯޑް ބޭންޑުގެ ޚިދުމަތުގެ އަގަށް ގެނައި ބަދަލަށް ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޓެލެކޮމް ކުންފުނިތަކުން ވަނީ ޢަމަލުކުރަން ފަށާފައެވެ. ރެސިޑެންޝަލް ޕެކޭޖްތަކުގެ އިތުރުން، މޯބައިލް ބްރޯޑްބޭންޑު ޚިދުމަތުންވެސް އަގު ހެޔޮކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. އެގޮތުން މޯބައިލް ޑޭޓާ އެލަވަންސް 20 އިންސައްތައަށް ހެޔޮވެގެންދާނެކަމަށާއި، މިބަދަލުތަކަށް އަންނަ އޮކްޓޫބަރުމަހުން ފެށިގެން އަމަލުކުރަމުންދާނޭކަމަށްވެސް ސަރުކާރުން ހާމަކުރައްވާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.