ދ.ކަނޑިންމަ ރިސޯޓްގައި ކޯވީޑް-19 ފެތުރިގެންދިޔަ ގޮތް ތަޙްޤީޤުކުރުމަށް ފުލުހުންނަށް ހުށައަޅާއިފިއެވެ.
ހެލްތު އެމެޖެންސީ އޮޕަަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ޕްރެސްކޮންފަރެންސްގައި އެސެންޓަރުގެ ތަރުޖަމާން ފާޠިމަތު ނަޒްލާ ރަފީޤް ވިދާޅުވީ ކަނޑިންމަ ރިސޯޓްގައި ބަލި ފެތުރިގެން ދިޔަ ގޮތް ބަލާ ޙާލަތު އިތުރަށް ދެނެގަތުމަށް އެޗްއީއޯސީގެ ޓީމެއް ދ.އަތޮޅަށް ދިޔަކަމަށާއި، އެއަތޮޅަށްގޮސް އެޓީމުން ރިޕޯޓެއް އެކުލަވާލާ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ހުށައަޅާފައިވާކަމަށެވެ. އަދި ޑިރެކްޓަރ އޮފް ޕަބްލިކ ހެލްތު އެރިޕޯޓް ބެއްލެވުމަށްފަހު އިތުރަށް ތަޙްޤީޤުކުރަންޖެހޭ ކަންކަން ހުރިކަމަށް ފެނިވަޑައިގެން އެމައްސަލަ މިހާރު ފުލުހުންނަށް ހުށައަޅާފައިވާކަމަށެވެ.
ކަނޑިންމަ ރިސޯޓުން މިހާތަނަށް 50 މީހަކު ޕޮޒިޓިވްވެފައިވާއިރު، އެންމެ ފުރަތަމަ ޕޮޒިޓިވްވި މީހާ ނިސްބަތްވާ ދ.މާއެނބޫދޫ ހިމެނޭހެން ގިނަރަށްތަކަކުން ރެންޑަމް ސާމްޕަލް މިހާރު ނަގަމުން އަންނަކަމަށްވެސް ޑރ.ނަޒްލާ ވިދާޅުވިއެވެ. ކަނޑިންމަ ރިސޯޓް މިހާރު އޮތީ މޮނިޓަރިންގެ ޙާލަތުގައެވެ.
ކޯވިޑް-19 ބަލީގައި ހާލުދެރަވެގެން އެރިސޯޓުން މިދިޔަ ހުކުރު ދުވަހުވަނީ މީހަކު ނިޔާވެފައެވެ. މި މީހާ ނިޔާވީ ދ.އަތޮޅު ހޮސްޕިޓަލްގައި ފަރުވާދެމުންދަނިކޮށެވެ. ނަމަވެސް އެމީހާ ބައްޔަށް ޕޮޒިޓިވްކަން އެނގިފައިވަނީ، ނިޔާވިފަހުން ނެގި ސާމްޕަލަކުންނެވެ. އޭނާ އެންމެ ފުރަތަމަ ހުންއައިސް ކޯވިޑް-19ގެ އަލާމަތްތައް ހުރިނަމަވެސް ރިސޯޓުން އިހުމާލުވެފައިވާކަމަށް ގިނަބަޔަކުު ވަނީ ތުހުމަތުކޮށްފައެވެ.
ކޮމެންޓު ފޮނުވާ