މިއަދުން ފެށިގެން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މާސްކު އެޅުމަކީ މަޖުބޫރުކަމެއްގެ ގޮތުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން އަނެއްކާވެސް ނިންމާފައެވެ.
އެއެޖެންސީން މިގޮތަށް ނިންމާފައިވަނީ ކޯވިޑް-19 ގެ ހާލަތު ގޯސްވަމުންދާތީއާއި ބައެއް ރަށްރަށުންވެސް މިހާރު ކޭސްތައް ފެންނަމުން އަންނާތީ މި ބަލި ކޮންޓްރޯލްކުރުމަށްޓަކާ އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ. ހެލްތު މިނިސްޓްރީއާއި ހޯމް މިނިސްޓްރީއަށް ކޮޕީކޮށް ރައީސް އޮފީހުން ފުލުހުންނަށް ފޮނުވާފައިވާ ސިޓީގައި އެދިފައިވަނީ ހުރިހާ ރަށެއްގައި މާސްކު އެޅުން މަޖުބޫރުކޮށްފައިވާތީ އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް މާސްކު އަޅަމުންދޭތޯ ކަށަވަރުކޮށްދިނުމަށެވެ.
މީގެ އިތުރުން މާލޭ ސަރަހައްދުގައި ދުވާލެއްގެ މައްޗަށް 3000 މީހުންނަށް ބޫސްޓާ ޑޯޒް ދިނުމުގެ ގޮތުން ނޫސަންދަ ކްލިނިކުން ފުލުހުންނާއި ފުލުހުންގެ އާއިލާތަކަށް ބޫސްޓާ ޑޯޒް ޖެހޭނެ އިންތިޒާމު ހަމަޖެއްސުމަށް ވެސް ރައީސް އޮފީހުން ވަނީ އަންގާފައެވެ.
ހުރިހާ ރަށެއްގައި މާސްކް އެޅުން މަޖުބޫރުކޮށްފައިވާއިރު މާސްކު ނާޅާ އުޅޭނަމަ އަޅަންޖެހޭ ފިޔަވަޅު އަޅަމުންދާނެކަމަށް މިރޭ މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވަނީ ވިދާޅުވެފައެވެ. އެގޮތުން ފުލުހުން ނެތް ރަށްރަށުގައިވެސް ކޮންމެ ރަށެއްގައިވެސް އޮންނަ ކޯވިޑް ޓާސްކް ފޯހުން އެކަން ބަލަމުން ދާނެކަމަށް ފުލުހުން ވިދާޅުވެއެވެ.
ކޮވިޑްގައި ފައްސިވާ އަދަދު މަތިވަމުންދާތީ، ރާއްޖޭގެ ހުރިހާ ރަށެއްގައި މިހާރު މާސްއެޅުން ވަނީ މަޖުބޫރު ކުރެވިފައި. މިކަން ތަންފީޒުކުރުމުގެ މަސައްކަތް ފުލުހުން ކުރަމުންދާނެ. ތިމާއާއި އަނެކާގެ ރައްކާތެރިކަމަށްޓަކައި ބޭރުގައި އުޅުއްވާއިރު މާސްކު އެޅުއްވުމަށް ހަނދުމަފުޅުކޮށް އަރުވަން.
– ފުލުހުން ވިދާޅުވިއެވެ.
މާސްކް އެޅުމުގެ ފައިދާ ނުވަތަ ބޭނުން ފުދޭނީ އެކަމުގެ އުސޫލުތަކަށް ރަނގަޅަށް ތަބާވެވިގެންނެވެ. މިގޮތުން ބަލާއިރު މާސްކް ބޭނުން ކުރުމުގެ ކުރިން އަތް ދޮވުން ނުވަތަ ސާފުކުރުމާއި، އަނގައާ ނޭފަތް ރަނގަޅަށް ނިވާވާނެހެން މާސްކް އެޅުން ހިމެނެއެވެ. އަދި މާސްކް އެޅުމާއެކުވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް ކަމުގައިވާ ގައިދުރުކަން ބެހެއްޓުމާއި، ގިނަގިނައިން އަތްދޮވުމާއި، ކެއްސާ ކިނބިހި އަޅާއިރު އަނގައާ ނޭފަތް ނިވާކުރުމާއި އަދި މޫނުގައި އަތްލުންފަދަ ކަންކަން ނުކުރުން ހިމެނެއެވެ.
މާސްކް ރަނގަޅަށް ބޭނުންނުކުރެވޭނަމަ ބަލި އިތުރަށް ފެތުރުމުގެ ފުރުސަތު ބޮޑެވެ. ފަރުދީ ޒިންމާ އަދާނުކޮށް ފަރުވާ ކުޑަ ކުރާނަމަ އަމިއްލަ ނަފްސުގެ އިތުރުން ތިމާ ކައިރީގައި އުޅޭ އެންމެންވެސް ނުރައްކަލަކަށް ހުށަހެޅިގެންދާ ކަން ހަނދާން ކުރަންޖެހެއެވެ. ގައިން ގަޔަށް އަރާ މި ބަލިން ރައްކާތެރިވެވޭނީ އަމިއްލައަށް ރައްކާތެރިވެ އަނެކުންވެސް ރައްކާތެރިކުރުމުންނެވެ.