އެމެރިކާގެ ތާރީޚުގައިވެސް އެންމެ ގިނަ ވޯޓު ހޯއްދަވައިގެން، މުޅިން އާރކޯޑަކާއެކު އެމެރިކާގެ ރިޔާސީ އިންތިޚާބު ޖޯ ބައިޑްން ކާމިޔާބު ކުރައްވައިފިއެވެ.
އެމެރިކާގެ 46 ވަނަ ރައީސަކަށް ޖޯ ބައިޑްން ވެވަޑއިގެންނެވީ ވޯޓު ގުނުމުގެ އެންމެ ފަހުގެ މަރުހަލާއިގައި 4 ސްޓޭޓެއްގައި މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ވަރަށް ގާތުން ވާދަކޮށް 270 އިލެކްޓޯރަލް ވޯޓަށްވުރެ މަތިން ކާމިޔާބު ކުރައްވައިގެންވެ.
ފާއިތުވެދިޔަ 120 އަހަރު ދުވަހުގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް އެމެރިކާގައި ރައްޔިތުން ވޯޓުލާން ނިކުތް މިއިންތިޚާބުގައި އެމެރިކާގެ %66.9 ރައްޔިތުން ވޯޓުލާފައި ވާއިރު، ޖޯބައިޑްންވަނީ 74 މިލިއަނަށްވުރެ ގިނަ ވޯޓު ކާމިޔާބު ކުރައްވާފައެވެ.
އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމުގެ މަގު ވަރަށް ބޮޑަށް ހަނިކޮށް އޮތްއިރުވެސް، އިންތިޚާބުގައި އިދިކޮޅު ފަރާތްތަކާއި އަދި އިލެކްޝަން އޮފިޝަލުން މަކަރު ހަދާފައިވާކަމަށް ތުހުމަތު ކުރައްވާ އިންތިޚާބުގެ މައްސަލަ ޓްރަމްޕް ވަނީ ކޯޓަށް ހުށަހަޅުއްވައިފައެވެ.
ޓްރަމްޕްގެ ލޯޔަރުން މައްސަލަ ހުށަހަޅުއްވަމުން ވިދާޅުވެފައިވަނީ ދެސްޓޭޓެއްގައި ރިޕަބްލިކަން ޕާޓީގެ އޮބްޒާވަރުންނަށް ވޯޓުލާ ސަރަހައްދު އޮބްޒާވްކުރުމަށް އެކަށީގެންވާ ފުރުސަތު ފޯރުކޮށްދީފައި ނުވާކަމަށެވެ. މިގޮތުން، ވޯޓު ފޮށިތައް ހުޅުވާ ވަގުތުގައާއި، ގުނަމުންދިޔަރުވެސް، ކެޑިޑޭޓުގެ މަންދޫބުންނަށް ހާޒިރުވެތިބުމުގެ ފުރުސަތަކީ ގާނޫނުން ކަށަވަރުކޮށްދީފައިވާ ހައްގުތަކަކަށް ވާއިރު، މިހައްގުތައް ފުރިހަމައަށް ޓްރަމްޕް ތަމްސީލުކުރާ އޮބްޒާވަރުންނަށް ލިބިދީފައި ނުވާކަމަށް ޓްރަމްޕްގެ ލޯޔަރުން ހުށަހެޅުއްވި މައްސަލާގައި ބުނެފައިވެއެވެ.
ޖޯ ބައިޑްން އިންތިޚާބު ކަމިޔާބު ކުރައްވާފައިވާއިރު، ބައިޑްންވަނީ ރައީސް އޮބާމާގެ ދައުރުގައި އެމެރިކާގެ ނާއިބް ރައީސްކަންވެސް ކުރައްވާފައެވެ. އަދި އޮބާމާ ވަނީ މިއިންތިޚާބުގައި ފުޅާދައިރާއެއްގައި ބައިޑްންއަށް ކެމްޕޭން ކޮށްދެއްވާފައެވެ.
ޖޯ ބައިޑްއަކީ އެމަނިކްފާނުގެ ހަޔާތުގެ ބޮޑުބައެއް ސިޔާސީ މަސައްކަތުގަ ހޭދަކުރައްވާފައވާ ބޭފުޅެކެވެ. މިގޮތުން އުމުރުގެ ކުރީކޮޅުގައި ބައިޑްން ވަނީ އެމެރިކާގެ ރައީސްކަމަށް ކުރިމަތިލައްވާފައެވެ. އެހެންނަމަވެސް އިންތިޚާބުގައި ވާދަނުކޮށް އޭރު ބައިޑްވަނީ ނަން އަބުރާ ނަންގަވާފައެވެ. އޭގެފަހުން ދިގު ޒަމާންތަކެއްވަންދެއް ބައިޑްންވަނީ އެމެރިކާގެ ސެނެޓަރެއްގެ ގޮތުގައި ސިޔަސީ ހަޔާތުގެ ބޮޑު ބައެއް ހޭދަ ކުރައްވާފައެވެ.
ބައިޑްން މިހާތަނަށް ފާހަގަވެގެން ގޮސްފައިވަނީ މަޑުމައިތިރި ސިޔާސަތެއްގެ ވެރި ބޭފުޅެއްގެ ގޮތުގައެވެ. އަދި ކެމްޕޭންގެ ތެރޭގައި ބައިޑްން ވަނީ ޓްރަމްޕް ގެންގުޅުއްވި ހަރުކަށި ސިޔާސަތުތައް ބަދަލުކުރައްވާނެ ވިދާޅުވެފައެވެ.
އަދި އެތެރެއާއި ބޭރުން ގެއްލިފައިވާ އެމެރިކާގެ މަގާމް އަބުރާ ހޯއްދަވާ ދެއްވާނެކަމަށްވެސް ވައުދުވެފެއެވެ.
ބައިޑްން އެމެރިކާގެ ރައީސްކަމަށް އިންތިޚާބު ވެގެން ދިއުން ވެގެން މިދިޔައީ މީގެ 30 އަހަރު ކުރިން ފެށިގެން އޭނާ ދެކެމުން އައި ހުވަފެނުގައި ހަގިގީ ކުލަ ޖެހިގެންދާ ދިއުމެއްގެ ގޮތުގައެވެ.