ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޓާގެޓަށް ލައިގެން އެއްވެސް އަސާސެއްނެތް މައްސަލަ ހުށަހެޅުމަކީވެސް ކުށެއް ކަމަށާއި، އެކަން ބަލަންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ (އިންތި) ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ގުޅޭގޮތުން ޖަމިއްޔަތުލް އިއްތިހާދުގެ ނަމުގައި ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހެޅި މައްސަލައާއި ގުޅޭގޮތުން އިންތި ވިދާޅުވީ ރަނގަޅު ނިޔަތަށްވުރެއް ނުބައި ނިޔަތުގައި ކުރާކަމެއްކަން އެނގޭގޮތަށް ހުށަހެޅޭ މައްސަލަތަކަކީ، އެފަދަ މައްސަލަތަކުގެ ހަގީގަތް ބަލައި ފިޔަވަޅު އަޅންޖެހޭ ކަންތައްތަކެކަމަށެވެ.
ރައީސް ނަޝީދު ޓާގެޓަކަށް ލައިގެން، ކުރިން ދިންފަދަ ހަމަލާއެއް އަނެއްކާވެސް އަމާޒުކުރުވުން ބޭނުމަކަށް ހަދައި، ރަނގަޅު ނިޔަތަށްވުރެ ބޮޑަށް ނުބައި ނިޔަތުގައި ކުރާކަމެއްކަން އެނގޭގޮތަށް އަސާސެއް ނެތް މައްލަސަ ހުށަހެޅުމަކީ ވެސް ކުށެއް. އެކަން ބެލެންވާނެ!
– އިންތި ވިދާޅުވިއެވެ.
ރައްޔިތުންގެ އިއްތިހާދުން ފުލުހުންނަށް ހުށަހެޅީ 2020 ވަނަ އަހަރު ރައީސް ނަޝީދު ކްރިސްމަސްގެ ތަހުނިޔާ ފާޅުގައި ދިވެހީންނަށް ފޮނުވާފައިވާ މައްސަލައެވެ. އަދި މިދިޔަ އަހަރު ވެސް އަނެއްކާ ކްރިސްމަސްގެ ތަހުނިޔާ ކިޔުން ތަކުރާރުކޮށް ފޮޓޯ އާންމުކޮށްފައިވާ ކަމަށް އެ މައްސަލާގައިވެއެވެ.
ނަމަވެސް މިމައްސަލަ ނުބަލަން ފުލުހުން ވަނީ ނިންމާފައެވެ. ފުލުހުންގެ އޮފިޝަލް ވިދާޅުވެފައިވަނީ ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހަަޅާފައިވާ ސިޓީގައި ބަޔާންކޮށްފައިވާ ކަންތައްތައް ބެލިބެލުމުން ޖިނާއީ ތަހުގީގެއް ހިންގަން ޖެހޭފަދަކަމެއް ފާހަގަކުރެވިފައި ނުވާ ކަމަށެވެ. އެހެންކަމުން އެސިޓީގައި ބަޔާންކޮށްފައިވާ ކަންކަމާ ގުޅިގެން ތަހުގީގެއް ކުރިއަށް ނުގެންދާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
އެ މައްސަލަ ހުށަހަޅާފައި ވަނީ ރަޖިސްޓްރީކޮށްގެން ހިންގާ ޖަމްއިއްޔާއަކުން ކަމުގައިނުވާތީ، އެ މައްސަލައާ މެދު ނިންމިގޮތް އެފަރާތަށް އަންގާފައިނުވާނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ. އިސްލާމްދީނާއި ހިލާފަށް ރާއްޖޭގައި ބައެއް ފަރާތްތަކުން ހިންގާ ކަންކަމަކީ ފުލުހުން ވަރަށް އިސްކަމެއްދީގެން ތަހުގީގުކުރަމުންދާ އަދި މުސްތަގުބަލުގައިވެސް ތަހުގީގުކުރާނެ މައްސަލަތަކެެއްކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ