2008ވަނަ އަހަރު ދިވެހިރާއްޖެ ބަލައިގަތް ރިޔާސީ ނިޒާމުގެ އެންމެ މުހިންމު އެއް ސިފައަކީ ވެރިކަމުގެ ބާރުތައް ރައްޔިތުންނާއި ހަމައިން ފެށިގެން އައުމެވެ. މިހަގީގަތް އެންމެ ފުރިހަމަޔަށް ބުނެދެނީ ގާނޫނު އަސާސީގެ 4 މާއްދާއިންނެވެ.
މި މާއްދާގައި ބުނެފައިވަނީ ތިރީގައި މިވާފަދައިންނެވެ.
ދިވެހި ދައުލަތުގެ އެންމެހާ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. އަދި މި ބާރުތައް ދެމި އޮންނާނީ ރައްޔިތުންގެ ކިބައިގައެވެ.
އާ ގާނޫނު އަސާސީން އެކަށައަޅާފަ އޮތް ވެރިކަމުގެ ނިޒާމު އެމުނި އެތުރިފައި އޮތް ގޮތަށް ބަލާއިރު، ވެރިކަމުގެ ބާރުތަކާއި ހަމައަށް، އިންތިޚާބުތަކުގައި ވާދަކުރުމަކާ ނުލާ ދަތުރު ކުރެވޭނެ މެގެއް އެކަށައެޅިފައެއް ނެތެވެ. އެއީ ރައީސުލްޖުމްހޫރިއްޔާގެ މަގާމްކަމުގައިވި ނަމަވެސް، ރައްޔިތުންގެ މަޖިލީހާއި އަދި ކައުންސިލްތައް ކަމުގައިވި ނަމަވެސް، ސިޔާސަތު ކަޑައަޅާ މަގާމްތަކާއި ހަމައަށް ވާސިލްވުމުގެ ފުރުސަތު ފަހިވެގެން އަންނަނީ އިންތިޚާބުތަކުގައި ވާދަކޮށް، އިންތިޚާބުތައް ކާމިޔާބު ކުރެވިގެންނެވެ.
އެހެންކަމުން، ސިޔާސީ ޕާޓީތަކުން އިންތިޚާބުތަކުގައި ބައިވެރިވެ، ޕާޓީގެ ކެނޑިޑޭޓުން އިންތިޚާބުތަކުގައި ވާދަކުރަން ޖެހެއެވެ. އިންތިޚާބުތައް ކާމިޔާބު ކުރުމަށްޓަކާ ސިޔާސަތުތައް ކަނޑައަޅާ، އެސިޔާސަތުތައް ދުރާލާ ރައްޔިތުންނަށް ވިއްކަންވެސް ޖެހެއެވެ. އަދި އިންތިޚާބުތަކުގައި ވާދަކޮށް، އިންތިޚާބުތައް ކާމިޔާބު ކުރުމަށްޓަކާ ގަދަ އަޅާ ޕާޓީތަކުން މަސައްކަތްވެސް ކުރަން ޖެހެއެވެ.
އެހެންނަމަވެސް، ފާއިތުވެދިޔަ ތަނުގައި ރާއްޖޭގެ ސިޔާސީ މަސްރަހުގައި ގިނަ ސިޔާސީ ޕާޓީތަކެއް ވުޖޫދުވެ، އަދި ރިޔާސީ އިންތިޚާބަށް ކޯލިޝަންތަކުގައި ބައިވެރިވެ، ޕާޓީތައް ކޯލިޝަނެއްގައި ތަމްސީލުކޮށްގެން، ސަރުކާރުގެ އިސްމަގާމްތަކަށް ސިޔާސީ ޕާޓީގެ ޒަރީއާއިން ގިނަ ބަޔަކު ކޮންމެ ރިޔާސީ އިންތިޚާބަކަށްފަހުވެސް އަންނަމުންދާއިރު، އިލެކްޝަންސް ކޮމިޝަންގައި ރަޖިސްޓްރީ ކުރެވިފައިވާ 11 ސިޔާސީ ޕާޓީގެ ތެރެއިން، ބޭއްވޭ އިންތިޚާބުތަކުގައި ވާދަކުރާތަން ފެންނަމުންދަނީ މަދު ސިޔާސީ ޕާޓީތަކަކުން ކަން ފާހަގަ ކޮށްލަން ޖެހެއެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެންމެ 3 ޕާޓީއެއް!
ރައްޔިތުންގެ މަޖިލިހުގެ ކޮމަންޑޫ ދާއިރާގެ މެމްބަރުކަން އަދާ ކުރައްވަމުން ގެންދެވި، އަދި އެދާއިރާއަށް އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ، މެމްބަރު ހުސެއިންވަހީދު ފާއިތުވެދިޔަ ޑިސެމްބަރުމަހުގެ 14ވަނަ ދުވަހު އަވަހާރަ ވުމާއި ގުޅިގެން، އެދާއިރާގެ ގޮޑިއަށް މެމްބަރަކު އިންތިޚާބު ކުރުމަށްޓާކާ ބޭއްވުމަށް ހަމަ ޖެހިފައިވާ ބައި އިލެކްޝަން އަންނަ ފެބްރުއަރީ މަހުގެ 5 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް އިލެކްޝްންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.
އެހެންނަމަވެސް އިލެކްޝަންސް ކޮމިޝަންގައި މިވަގުތު 11 ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކުރެވިފައި އޮތްނަނަމަވެސް، ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރަނީ އެންމެ 3 ޕާޓީއަކުންނެވެ. އެއީ ވެރިކަންކުރާ އެމްޑީޕީގެ އިތުރުން، އިދިކޮޅު ޕީޕީއެމްއާއި، އުފެއްދިތާ އަދި އެންމެ 3 މަސް ހަމަނުވާ، ދަގެތީ ދާއިރާގެ މެމްބަރު ކާނަލް ނާޒިމް އިސްވެހުންނަވާ އުފެއްދި އެމްއެންޕީއިންނެވެ.
އެހެންކަމުން، ވުޖޫދުވެ، އެތައް އަހަރެއްވަންދެން ސިޔާސީ މަސްރަހުގައި އަޑުގަދަ ކަމަށް ފާހަގަ ވަމުންއައި ބައެއް ޕާޓީތަކުންނާއި، ސިޔާސީ ގޮތުން ނަންހިގާފައިވާ ތަޖުރިބާހުރި ލީޑަރުންނާއި ސިޔާސީ ބޭފުޅުން އިސްކޮށް ތިއްބެވި ސިޔާސީ ޕާޓީތަކުންވެސް މި އިންތިޚާބުގައި ވާދަކުރުމުގެ ވިސްނުން ގެންގުޅެފައި ނުވުމުން، މިފަދަ ގިނަ ސިޔާސީ ޕާޓީތަކުގެ ހަގީގީ މަގްސަދާއި ގުޅޭގޮތުން ހަގީގަތުގައިވެސް ސުވާލު އުފައްދަން ޖެހޭކަމުގައި ގިނަބަޔަކު މިވަނީ މިއަދު ގަބޫލުކުރަން ފަށާފައެވެ. ސަބަބަކީ މި ފަދަ ގިނަ ސިޔާސީ ޕާޓީތަކުގެ މެދުގައި، އިންތިޚާބުގައި ވާދަނުކުރުގެ ސަގާފަތެއް އޮތީ ހަމައެކަނި މިއިންތިޚާބުގައި އެކަނި ކަމަށް ނުވާތީއެވެ.
މީގެ ތެރޭގައި ހިމެނޭ ގިނަ ޕާޓީތަކަކީ، ފާއިތުވެދިޔަ ގިނަ އިންތިޚާބުތަކުގައި އެޕާޓީތަކުން ކެނޑިޑޭޓުން ވާދަކޮށްފައި ނުވާ، އަދި އޭގެ ނަތީޖާއެއްގެ ގޮތުން، ރައްޔިތުންގެ މަޖިލީހުގައިވެސް އަދި ކައުންސިލް ތަކުގައިވެސް މި ޕާޓީތަކުން ތަމްސީލު ނުކުރާ ޕާޓީތަކެވެ. އެހެންކަމުގައި، ރާއްޖޭގެ ސިޔާސީ މަސްރަހު އެތުރިފައިވާ ގޮތުގެ މައްޗަށް ބަލާއިރު، ޕާޓީގެ އޮނިގަޑު އޭގެ ޒާތުގައި ހިނގަމުން އައެއްކަމަކު، ގައުމު ހިންގުމުގައި، ކަންކަމުގައި ބަސްބުނުމުގައި އަދި މުހިންމު ނިންމުންތަކުގައި މިދެންނެވުނު ގިނަ ސިޔާސީ ޕާޓީތަކުގެ ދައުރެއް މިއަދު ފެނިގެނެއް ނުދެއެވެ.

ރިޔާސީ އިންތިޚާބަށް ކޯލިޝަން ހަދަން ބޭނުންވާ ޕާޓީތައް ގިނަ!
ގާނޫނު އަސާސީއަށް ބަލާއިރުވެސް، އަދި ސިޔާސީ ޕާޓީތައް އޭގެ ޒާތުގައި ހިގަމުން އަންނަ ގޮތަށް ބަލާއިރުވެސް، އިންތިޚާބުތަކުގައި ވާދަކުރުން ވާންޖެހޭނީ ސިޔާސީ ޕާޓީތަކުގެ އެންމެ މުހިންމު އެއް އަސާސްކަމުގައެވެ. ފަހަރެއްގައި ވާދަކުރާ އިންތިޚާބުތައް ކާމިޔާބު ނުވެ ދިއުމަކީ އެކަށީގެންވާ ކަމެއްކަމުގައި ވިނަމަވެސް، އިންތިޚާބުތަކުގައި ވާދަކުރުމުގެ ޚިޔާލާތާއި ފިކުރު އަދި އެ ބުންވަރު ސިޔާސީ ޕާޓީތަކުގައި ހުންނަން ޖެހެއެވެ.
އެހެންނަމަވެސް، އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި 11 ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކުރެވިފައިވާއިރު، އުފެދުމަށްފަހު، ހިންގާނެ ސިޔާސީ ހަރާކާތެއް ނެތި، ވަޅުޖެހިފައިވާ އެތަކެއް ސިޔާސީ ޕާޓީތަކެއް މިއަދުވެސް ފެންނާން އެބަހުއްޓެވެ. ނަތީޖާއަކަށް ވެގެންދަނީ، މިޕާޓީތައް އުފެއްދުމުގައި، ނުހަނު އުއްމީދާއެކު އެތައްބަޔަކު މަސައްކަތް ކުރިކަމުގައިވި ނަމަވެސް، އަދާކުރާނެ މަސްއޫލިއްޔަތެއް ނެތުމުން، ހިންގާނޭ ސިޔާސީ ހަރަކާތެއް ނެތުމުން، މެމްބަރުން އެޕާޓީތަކާއި ދުރަށްގޮސް ޕާޓީތައް ވަޅުޖެހިގެން ދަނީއެވެ.
މިގޮތުން މިހާރުވެސް، އުފެދުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި، ކޮންގްރެސް ނުބޭއްވި، އުވިގެންދިއުމުގެ ނުރައްކާ ކުރިމަތިވެފައިވާ ޕާޓީތައް އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި ވާއިރު، މީގެ ތެރެއިން ގިނަ ސިޔާސީ ޕާޓީތަކަކީ، އިންތިޚާބުތަކުގައި ވާދަ ނުކުރާ، އެހެންނަމަވެސް ނަމުން ހަރަކާތްތެރި ޕާޓީތަކެވެ. އަދި މިފަދަ ގިނަ ސިޔާސީ ޕާޓީތަކަކީ، ރައްޔިތުންގެ މަޖިލިހުގައި އެޕާޓީތަކުގެ ތަމްސީލު ކުރުމެއް ނުވުމުގެ އިތުރުން، ކައުންސިލްތަކުގައިވެސް އެޕާޓީތަކުގެ މާބޮޑު ތަމްސީލުވުމެއް ނުވާ ޕާޓީތަކެވެ.

އެހެންނަމަވެސް މިގޮތުން އުފެދިފައިވާ ބައެއް ޕާޓީތަކަކީ އެގޮތް މިގޮތުން މަސައްކަތް ކޮށްގެން 10،000 ފޯމު ހަމަކޮށް (ފޯމުތަކުގެ ސައްޙަކަން ކަށަވަރު ކުރެވޭނެ ގޮތެއްވެސް ނެތް)، ދައުލަތުގެ ބަޖެޓުން ޚަރަދުވެސް ކުރަންޖެހިފައިވާ ސިޔާސީ ޕާޓީތައްކަންވެސް ފާހަގަ ކޮށްލަން ޖެހެއެވެ. އަދި ރިޔާސީ އިންތިޚާބަށް ކޯލިޝަންތައް ހެދިގެން ދާއިރު، މީގެތެރޭގައި ހިމެނޭ ގިނަ ސިޔާސީ ޕާޓީތަކުން ހަރަކާތްތައް އިތުރުކޮށް، ޕާޓީގެ އިސް މަގާމްތަކުގައި ތިއްބަވާ ބޭފުޅުން ގެންދަވަނީ، ކޮންމެ ސަރުކާރުގައިވެސް އިސް މަގާމްތަކުން ފުރުސަތު ހޯދަމުންކަންވެސް ފާހަގަ ކޮށްލެވެއެވެ.
އެހެންނަމަވެސް ފާހަގަ ކޮށްލަންޖެހޭ އެންމެ މުހިންމު ނުކުތާއަކީ، ރިޔާސީ ނިޒާމެއްގައި ސިޔާސީ ޕާޓީތަކުގެ ދައުރު ނުހަނު ފުޅާކޮށް އޮންނަން ޖެހޭއިރު، މި ދައުރު ހަގީގަތުގައި ތަމްސީލުވާން ޖެހެނީ އިންތިޚާބުތަކުން ކަމެވެ. ކޯލިޝަންތަކުން ނޫންކަމެވެ. އިންތިޚާބުތަކުގައި ވާދަކޮށް، ނަތީޖާ ނެރުމަށް ޕާޓީތަކުން ގަދައަޅާ މަސައްކަތްވެސް ކުރަން ޖެހޭކަމެވެ. ސަބަބަކީ، ސިޔާސީ ޕާޓީއެއްކަމަށް ވާނަމަ، އެޕާޓީއެއްގެ ހަކަތައާއި އަދި ބުންވަރު ވަޒަން ކޮށްލެވެން އޮންނާނޭ ހަމައަކަނި މަގަކީ މިއީ ކަމުގައި ވާތީއެވެ.
އެހެންކަމުން، ރިޔާސީ އިންތިޚާބަށް ކޯލިޝަން ހެދުމުގެ މަގުސަދުގައި އެކަނި ހިންގާ ސިޔާސީ ޕާޓީތައް ވުޖޫދުވުން ހުއްޓުވޭނެ ކޮންމެވެސް އުސޫލެއް ނުވަތަ މެކޭނިޒަމެއް ރާއްޖޭގެ ރިޔާސީ ނިޒާމުގެ އޮނިގަޑުގެ ތެރެއަށް ގެނެވެން ޖެހޭކަމުގައި މިއަދު މިއޮތީ ގަބޫކުރަން މަޖުބޫރު ވެފައެވެ. ނުވަތަ ދައުލަތުން ސިޔާސީ ޕާޓީތަކަށް ކުރަންޖެހޭ ޚަރަދަކީ، ބޭއްވޭ އިންތިޚާބުތަކާއި ކޮންމެވެސް ގޮތަކުން ގުޅި ލާމެހިފައިވާ ޚަރަދަކަށް ވާންޖެހޭކަމުގައިވެސް މިއަދު ގަބޫލުކުރަން އެބަޖެހެއެވެ.

ސަބަބަކީ، ދުވަހަކު އިންތިޚާބެއްގައި ވާދަކުރުމަކާ ނުލާ، އަދި އެހަކަތައާއި ބުންވަރު ހޯދުމަށް ދުވަހަކު ސިޔާސީ ޕާޓީއަކުން މަސައްކަތެއް ނުކުރިއެއްކަމަކު، އެގޮތް މިގޮތުން، ފޯމުތައް ހަމަކޮށް، ސިޔާސީ ޕާޓީއެއްގެ ދަރަޖަ ހޯދާ، އަދި 10،000 މެމަބަރުން ހަމަކޮށް، ދައުލަތުން އެޕާޓީއަކަށް ޚަރަދުކުރަން މަޖުބޫރުވެ، އަދި އޭގެ އިތުރުން، ކޮންމެ ރިޔާސީ އިންތިޚާބެއްގައި ވެސް، ކޮންމެވެސް ގޮތަކުން ކޯލިޝަނެއްގައި ބައިވެރިވެ، ޕާޓީގެ އިސްވެރިންނަށް ބޮޑެތި މަގާމްތައް ހޯދުމުގެ ސަގާފަތަކީ މިއަދު ދުރަށް ދާންޖެހިފައިވާ ސަގާފަތަކަށް ވާތީވެސްމެއެވެ.
ކޮމެންޓު ފޮނުވާ