އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓަރ ސިޓީން ފަހަތުން އަރައި އާސެނަލް ބަލިކޮށް، އެއްވަނައިގައި އެގާރަ ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.
އާސެނަލްގެ އަމިއްލަ ދަނޑުގައި މިރޭ ކުޅުނު މެޗު ސިޓީން ކާމިޔާބުކުރީ 1-2 ގެ ނަތީޖާއަކުންނެވެ.
މި މެޗު ފަށައިގެން ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ކޮންޓްރޯލްކޮށްގެން ކުޅުނީ އާސެނަލުންނެވެ. ސިޓީ ކޮޅަށް ލަނޑެއް ޖެހުމަށް އާސެނަލުން ކުރިމަސައްކަތް ކާމިޔާބުވީ، މެޗުގެ 31 ވަނަ މިނެޓުގައެވެ. އެގޮތުން އާސެނަލްއަށް ލީޑު ނަގައިދިން ލަނޑު ކާމިޔާބުކޮށްދިނީ، މި ސީޒަނުގައި މޮޅު ކުޅުމެއްދައްކަމުން އަންނަ ސަކާއެވެ. މި ލަނޑަށް ފަހުވެސް އާސެނަލުން ވަނީ އިތުރު ލަނޑެއް ޖެހުމަށް ވަރަށް މަސައްކަތްކޮށްފައެވެ. މި މެޗުގެ ފުރަތަމަ ހާފުގައިސިޓީއަށް އާސެނަލްގެ ގޯލާއި އަމާޒުކޮށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލެވިފައެއް ނުވެއެވެ.
މެޗުގައި ސިޓީން ނަތީޖާ ހަމަހަމަކުރީ ދެވަނަ ހާފުގައި އެޓީމަށް ލިބުނު ޕެނަލްޓީ އަކުންނެވެ. ވީއޭއާރު ބެލުމަށްފަހު ދިން މި ޕެނަލްޓީ މެޗުގެ 57 ވަނަމިނެޓުގައި ކާމިޔާބުކޮށްދިނީ، ރިޔާދް މަހްރޭޒްއެވެ. މި ލަނޑަށްފަހު މެޗުގެ ބާކީ ބައި ޑޮމިނޭޓްކޮށްގެން ކުޅުނީ މެންޗެސްޓަރ ސިޓީންނެވެ. ސިޓީން ނަތީޖާހަމަހަމަކުރިތާ 2 މިނެޓު ފަހުން އާސެނަލްގެ ގެބްރިއަލް އަށް ރެފްރީ ވަނީ ދެވަނަ ރީންދޫ ކާޑާއެކު ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ. އެހެންކަމުން މެޗުގެބާކީ ބައި އާސެނަލުން ފުރިހަމަކުރަން ޖެހުނީ 10 ކުޅުންތެރިންނާއެކުއެވެ.
1-1 ގެ ނަތީޖާއަކުން އެއްވަރުވެގެން މެޗު ނިމެން ދަނިކޮށް، މެޗުގެ 90 މިނެޓު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ 6 މިނެޓުގެ ތެރޭގައި ސިޓީން ވަނީ ދެވަނަލަނޑު ޖަހާ އާސެނަލް މާޔޫސްކޮށްލާފައެވެ. މުހިއްމު 3 ޕޮއިންޓް ޔަގީންވެގެން ދިޔަ މި ލަނޑު ސިޓީއަަށް ކާމިޔާބުކޮށްދިނީ، ރޮޑްރީއެވެ.
މި ނަތީޖާއާއެކު ލީގުގެ އެއްވަނައިގައި ސިޓީ އޮތީ 21 މެޗުން ލިބުނު 53 ޕޮއިންޓާއެކުއެވެ. ދެވަނައިގައި 20 މެޗުން ލިބުނު 42 ޕޮއިންޓާއެކު ޗެލްސީއޮތްއިރު، ތިންވަނައިގައި ލިވަޕޫލް އޮތީ 19 މެޗުން ލިބުނު 41 ޕޮއިންޓާއެކުއެވެ. ހަތަރު ވަނައިގައި އާސެނަލް އޮތީ 20 މެޗު ކުޅެގެން ލިބުނު 35 ޕޮއިންޓާއެކުއެވެ.
ކޮމެންޓު ފޮނުވާ